ޝާހްރުކް ޚާން ފިލްމެއް ކުޅެން ސޮއި ނުކުރާތާ ވަރަށް ގިނަ ދުވަސްތަކެއް ވެފައި ވުމާއެކު އޭނާގެ ފޭނުން މިހާރު ކެތްތެރިކަމެއް ނެތި އިންތިޒާރު ކުރަމުންދަނީ އޭނާގެ އާ ފިލްމެއް އިއުލާން ކުރާނެ ދުވަހަކަށެވެ. ޝާހްރުކް އެންމެ ފަހުން ފެނިފައިވަނީ 2018 ގައި ރިލިޒްކުރި ޑައިރެކްޓަރު އާނަންދު އެލް.ރާއީގެ "ޒީރޯ" އިންނެވެ. އޭގެ ފަހުން އޭނާ ވަނީ ދިގު ޗުއްޓީއެއް ނަގަނީ ކަމަށް ބުނެ ފިލްމު ކުޅުމާ ދުވަސްކޮޅަކަށް ދުރަށް ގޮސްފަ އެވެ.
ފާއިތުވީ ދުވަސް ތަކުގައި ޝާހްރުކް ކުޅެން ހަމަޖެހިފައިވާ ފިލްމުތަކާ ގުޅޭ ގޮތުން ތަފާތު އަޑުތައް ފެތުރެމުން ދިޔަ ނަމަވެސް މިހާތަނަށް ރަސްމީކޮށް އެއްވެސް ފިލްމެއް އިއުލާނެއް ނުކުރެ އެވެ.
ނަމަވެސް ފިލްމްފެއާ ގައިވާ ޚަބަރެއް ބުނާ ގޮތުގައި ޑައިރެކްޓަރު ރާޖް ކުމާރު ހިރާނީ އަލަށް އުފައްދާ ފިލްމު ކުޅެން ޝާހްރުކް ވަނީ މިހާރު ސޮއި ކޮށްފަ އެވެ. މި ފިލްމުގެ ބަތަލާ އަކަށް "ގުޑް ނިއުޒް" ގެ ބަތަލާ ކަރީނާ ކަޕޫރު ހަމަޖެހިފައިވާ ކަމަށް ވެސް މި ޚަބަރުގައި ބުނެފައި ވެއެވެ. މި ޚަބަރަކީ ތެދެއް ނަމަ މި ފިލްމު ވާނީ "ރާ.ވަން" އަށް ފަހު ކަރީނާ އާއި ޝާހްރުކް އެކުގައި ކުޅޭ ފުރަތަމަ ފިލްމަށް ވާނެ އެވެ.
މި ފިލްމު ކުޅެން ސޮއި ކުރިކަމުގެ ޚަބަރުތައް ފެތުރުނަސް ޝާހްރުކް ވެސް އަދި ހިރާނީ ވެސް މި ޚަބަރު ޔަގީންކޮށްދީފައެއް ނުވެ އެވެ.
ކަރީނާގެ "ގުޑް ނިއުޒް" އަށް ލިބުނު ބޮޑު ކާމިޔާބުން އޭނާ އުފާ ހާސިލު ކުރަމުން ދާއިރު ޝާހްރުކް މިހާރު ފެންނަނީ ޓޯކް ޝޯއެއް ހޯސްޓް ކުރާ ތަނެވެ. މި ޝޯ އަކީ މިޒަމާނާއި ޒުވާނުންނާ ގުޅޭ ތަފާތު މައުލޫތަކާ މެދު މީހުންގެ ޚިޔާލުތައް ހުރި ގޮތް ހާމަކޮށް އެކަމާ މެދު ޚިޔާލު ބަދަލުކުރާ ޝޯ އެކެވެ.