ކުޅިވަރު

ޔުނައިޓެޑް ބަލިކޮށް ލިވަޕޫލަށް ބޮޑު ލީޑެއް

ޑިފެންޑަރު ވާޖިލް ވެންޑައިކް އާއި މުހައްމަދު ސަލާހް ކާމިޔާބު ކުރި ލަނޑުތަކުން، ވާދަވެރި މެންޗެސްޓާ ޔުނައިޓަޑްގެ މައްޗަށް 2-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި ލިވަޕޫލުން ތާވަލުގެ އެއް ވަނައިގައި 16 ޕޮއިންޓްގެ ބޮޑު ލީޑެއް ނަގައިފި އެވެ.

ލިވަޕޫލްގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ ވެންޑައިކް އެވެ. ސަލާހް ކާމިޔާބު ކުރި ލަނޑު އާންމުންގެ ތެރޭގައި ވައިގައި ހިފާލީ ލިވަޕޫލްގެ ކީޕަރު އަލިސަން ބެކާ ދިން ބޯޅައިން ގޯލް ޖަހަން ޔުނައިޓަޑްގެ މުޅި ހާފު ހުރަސްކޮށް ސަލާހް ދުވެގެން އެ ގޯލް ކާމިޔަބު ކުރުމުންނެވެ.

މެޗުގެ 93 ވަނަ މިނެޓްގައި އަލިސަން ބޯޅަ ދިން އިރު، ޔުނައިޓަޑްގެ ކީޕަރު ޑޭވިޑް ޑެހެއާ ފިޔަވައި، މުޅި ޔުނައިޓަޑް ޓީމު އެއްކޮށް އޮތީ ލިވަޕޫލްގެ ހާފުގެ ތެރޭގަ އެވެ. އަލިސަން ބޯޅަ ކުރިއަށް ފޮނުވާލިރު ސާލާހްވެސް ހުރީ ސެންޓަ ސާކަލް ތެރޭގައި ލިވަޕޫލްގެ ހާފުގަ އެވެ. އޭނާ ބޯޅަ ކޮންޓްރޯލް ހޯދުނުއިރު، ޔުނައިޓަޑްގެ ޑިފެންޑަރު އޮތީ އޭނާގެ ފަހަތުގައި ވިއްދާފަ އެވެ. އެހެންނަމަވެސް އޭނާގެ ހަލުވި ސްޕީޑް ބޭނުންކޮށްގެން އޭރިއާ ތެރެއަށް ވަދެ ބޯޅަ ގޯލް ތެރެއަށް ފޮނުވާލީ ޑެހެއާއަށް ފުރުސަތު ނުދީ އެވެ.

އެ ލަނޑު ޖެހުމުން، އެންމެ ފަހަތުގައި ހުރެފައި އަލިސަންވެސް ވަނީ ސަލާހް އާއެކު އުފާފާޅު ކުރަން ޔުނައިޓަޑްގެ ހާފުގެ ކޯނަރު ދަނޑިއާ ކައިރިއަށް އައިސްފަ އެވެ.

ފުރަތަމަ ލަނޑު ވެންޑައިކް ކާމިޔާބު ކުރީ، މެޗުގެ 14 ވަނަ މިނެޓްގައި އެލެގްޒެންޑާ އާނޯލްޑް ނެގި ކޯނަރު ބޮލުން ގޯލްގެ ތެރެއަށް ވައްދާލައިގެންނެވެ. އޭގެ ފަހުން ރޮބާޓޯ ފިރުމީނޯވެސް ވަނީ އޭރިއާގެ ބޭރުން ފޮނުވާލި ހަމަލާއަކުން ގޯލަށް ބޯޅަ ފޮނުވާލާފަ އެވެ. އެހެންނަމަވެސް ވީއޭއާރުން އެލަނޑު ގަބޫލު ނުކުރީ ލަނޑު ޖެހުމުގެ ކުރިން ލިވަޕޫލުން ވެންޑައިކް، ޑެހެއާ އަށް ފައުލް ކޮށްފައި ވުމުންނެވެ.

ލިވަޕޫލަށް ލީޑް ފުޅާ ކުރެވުނީ ހޮނިހިރު ދުވަހު ކްރިސްޓަލް ޕެލަސް އަތުން މެންޗެސްޓާ ސިޓީ އެއްވަރު ވުމުންނެވެ.