ސަލްމާން ހާން

ސީޒަން ދިގު ކުރަން ސަލްމާނަށް ވަގުތެއް ނެތް

ސަލްމާން ޚާނަކީ ބޮލީވުޑްގެ އެންމެ ބިޒީ އެކްޓަރުންގެ ތެރޭގައި ހިމެނޭ އެކްޓަރެކެވެ. އޭނާގެ ތާރީޚުތައް އަބަދު ވެސް އޮންނަނީ ފުލްކޮށެވެ. ސަލްމާން މިހާރު ހޯސްޓް ކުރަމުންދާ ކަލާޒް ޗެނަލްގެ "ބިގް ބޮސް 13" އިގެ މުއްދަތު އަނެއްކާ ވެސް އިތުރު ކުރަން އުޅޭ ކަމުގެ ޚަބަރުތަކެއް ވަނީ ފެތުރިފަ އެވެ.

މިފަހަރުގެ ސީޒަން ނިންމާލަން ޝޯ އުފައްދާ ފަރާތްތަކުން މިހާރު ބޭނުންވަނީ ޝޯގެ ފިނާލޭ އެޕިސޯޑް ފެބްރުއަރީ 16 އަށްވުރެ ފަހަތަށް ޖައްސާށެވެ. ނަމަވެސް މިއީ އެއްވެސް ހަގީގަތެއް ހުރި ވާހަކަތަކެއް ނޫން ކަމަށް ވެއެވެ. ސަބަބަކީ ޝޯ އިތުރަށް ހޯސްޓް ކުރަން ސަލްމާނަށް ވަގުތު ނެތުމެވެ.

މީގެ ކުރިން ވެސް އެއް ފަހަރު މި ޝޯގެ މުއްދަތު އިތުރު ކޮށްފައި ވެއެވެ. އަދި އެ ފަހަރު ވެސް ޝޯ އަށް ވަގުތު ދޭން ސަލްމާނަށް ވަރަށް އުނދަގޫތައް ކުރިމަތިވި އެވެ. އެހެންކަމުން ދެ ވަނަ ފަހަރަކަށް އިތުރު ކުރަން އޭނާ އެއްގޮތަކަށް ވެސް އެއްބަހެއް ނުވާނެ އެވެ.

"ބިގް ބޮސް"ގެ ޕްރޮޑިއުސަރުން މިހާރު ވަނީ މި ފަހަރުގެ ސީޒަންގެ މުއްދަތު އިތުރުނުކޮށް ޝޯ ނިންމާލުމަށެވެ. އަދި އެގޮތަށް ކަލާޒްގެ ޕްރޮގްރާމްތައް ވެސް މިހާރު ވަނީ ޝެޑިއުލް ކޮށްފަ އެވެ.

"ބިގް ބޮސް" ނިމުމުމާއެކު "ރާދޭ"ގެ ޝޫޓިން ސަލްމާން ފަށާނެ އެވެ. އޭނާ ކުޅުނު އެންމެ ފަހު ފިލްމު "ދަބަންގް 3" އަށް ލިބުނު ތަރުހީބު ކުޑަވުމުން "ރާދޭ" ރަނގަޅުކުރަން ސަލްމާނަށް ވަނީ ކުރިޔަށް ވުރެ ބޮޑަށް މަސައްކަތް ކުރަން ޖެހިފަ އެވެ.

"ރާދޭ" އަށް ފަހު "ކަބީ އީދު ކަބީ ދިވާލީ" އާއި "ކިކް 2"ގެ ޝޫޓިން ސަލްމާން ކުރިޔަށް ގެންދަން ވަނީ ހަމަޖެހިފަ އެވެ.