އެމްޑީޕީ

އެމްޑީޕީ ޕްރައިމަރީ: 90000 އަށްވުރެ ގިނަ މީހުނަށް ވޯޓު ދެވޭ

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ އެ ޕާޓީގެ އެތެރޭގެ ޕްރައިމަރީގައި ވޯޓު ލެވޭނެ މީހުންގެ ފައިނަލް ލިސްޓު އާންމުކޮށްފި އެވެ.

ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީން މިއަދު ބުނީ (ފައިނަލް ވޯޓާސް ލިސްޓް)[https://mdp.org.mv/archives/78785] އަށް އަދިވެސް ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ދެ ދުވަހުގެ މުއްދަތެއް ހުޅުވާލާފައިވާ ކަމަށެވެ. އެ ގޮތުން އަންނަ ބުދަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން ލިސްޓަށް އެއްވެސް ޝަކުވާއެއް ވާނަމަ ހުށަހަޅަން އެމްޑީޕީން ބުނެފަ އެވެ.

އެމްޑީޕީން އާންމުކޮށްފައިވާ ވޯޓާސް ލިސްޓުގައިވާ ގޮތުން 93،139 އަށްވުރެ ގިނަ މީހުނަށް އެ ޕާޓީގެ ޕްރައިމަރީގައި ވޯޓު ލެވެ އެވެ. އެހެން ނަމަވެސް ލިބޭ ޝަކުވާތަކަށް ބިނާކޮށް ވޯޓާސް ލިސްޓު އިސްލާހު ކުރާއިރު އެ އަދަދަށް އަދި ކުޑަ ބަދަލެއް އައުމަކީ އެކަށީގެންވާ ކަމެކެވެ.

އެމްޑީޕީން އާންމު ކުރި ވޯޓާސް ލިސްޓުގައިވާ ގޮތުން މާލެ ސިޓީގެ ވޯޓާސް ލިސްޓުގައި 13108 މީހުންގެ ނަން އޮތްއިރު، އައްޑޫ ސިޓީގެ ލިސްޓުގައި ވަނީ 12،096 މީހުންގެ ނަމެވެ. ފުވައްމުލައް ސިޓީގެ ވޯޓާސް ލިސްޓުގައި 3،959 މީހުންގެ ނަން އޮތްއިރު ޕްރައިމަރީގައި ވޯޓު ދެވޭއިރު ކުޅުދުއްފުށި ސިޓީގެ ލިސްޓުގައި ވަނީ 1،228 މީހުނެވެ.

ކައުންސިލް އިންތިހާބުގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓުން ކަނޑައަޅާ ޕްރައިމަރީ ބާއްވަން ނިންމާފައި ވަނީ މި މަހުގެ 31 ވަނަ ދުވަހުގަ އެވެ. އެމްޑީޕީން ބުނެފައިވާ ގޮތުގައި އެ ޕްރައިމަރީގައި 1246 ކެންޑިޑޭޓުން ވާދަކުރާނެ އެވެ.

އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިހާބުގައި 983 ކައުންސިލަރުން އިންތިހާބު ކުރާނެ އެވެ. އޭގެ ތެރެއިން 33 ޕަސެންޓް އަންހެނުންނަށް ހާއްސަ ކުރަން ގާނޫނުން ލާޒިމުކޮށްފައިވާތީ 370 ގޮނޑިއަށް އިންތިހާބު ކުރާނީ އަންހެނުންނެވެ. އަދި ކައުންސިލްތަކުގެ އަންހެނުންގެ ކޮމިޓީއަށް 930 މެންބަރުން ވެސް އެ ދުވަހު އިންތިހާބު ކުރާނެ އެވެ.