ކުރިއަށް އޮތް ރޯދަ މަހަށް ވެސް ދަތުރުވެރިންގެ މާރުކޭޓު ހުޅުވޭނެ ކަމަށް ނުބެލޭ ކަމަށް މާލޭ ސިޓީ ކައުންސިލްގެ މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ފަޒީން ވިދާޅުވެއްޖެ އެވެ.
ދަތުރުވެރިންގެ މާރުކޭޓު ބަންދު ކުރީ މަރާމާތުކޮށް އާބާތުރަ ފިލުވައި ގޮޅިތަކަށް ބައެއް ބަދަލު ގެނައުމަށް ކަމަށް ބުނެ މިދިޔަ އަަހަރުގެ އޯގަސްޓް މަހުގެ 31 ވަނަ ދުވަހު އެވެ. ނަމަވެސް އޭގެ ފަހުން ފަސް މަސް ދުވަސް ވާން ކައިރިވެފައިވާއިރު ވެސް ހުސްކޮށް ބަންދު ކުރުން ފިޔަވައި މާރުކޭޓަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެ އެވެ.
ކައުންސިލް މެންބަރު ފަޒީން މިއަދު ވިދާޅުވީ މާލޭގެ މޭޔަރު ޝިފާ މުހައްމަދަށް ފަސް މަސް ދުވަސްވީއިރު ކުރެއްވިފައިވާ ހަމައެކަނި ކަމަކީ މާރުކޭޓްގެ ކުރެހުމެއް ތައްޔާރު ކުރުން ކަމަށެވެ. އަދި މިހާރު މަސައްކަތްތައް ކުރިއަށްދާ ގޮތުން ކުރިއަށް އޮތް ރޯދަ މަހަށް ވެސް މާރުކޭޓް ހުޅުވޭނެ ކަމުގެ ޔަގީން ކަމެއް ނެތެވެ.
"އެ ކުރެހުން ނިންމުން ނޫން އިތުރު ކަމެއް މި މުއްދަތުގެ ތެރޭގައި ނުވޭ. އެ ކުރެހުމާ އެއްގޮތަށް މާރުކޭޓް ހަދަން ވެއްޖެނަމަ އެކަމަށް އެންމެ މަދުވެގެން ވެސް ހަތް މަސް ދުވަސް ހޭދަވާނެ. ދެން ކިހިނެތްތޯ ރޯދައަށް މާރުކޭޓް ހުޅުވާނީ. ރޯދަ މަހަކީ މާރުކޭޓްގެ ޑިމާންޑް އެންމެ ބޮޑު ދުވަސްވަރު. އެ ދުވަސްވަރު މާރުކޭޓް ބަންދު ކޮށްފައި ބަހައްޓަން ޖެހުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް." ފަޒީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދަތުރުވެރިންގެ މާރުކޭޓު ގޮޅިތަކަށް އެދުމަށް ފުރުސަތު ހުޅުވާލުމުން 2626 މީހުން ފޯމް ލާފައިވާ ކަމަށާއި އެއިން އެނގެނީ ރައްޔިތުން އެ ފުރުސަތު ބޭނުން ވެފައިވާ މިންވަރު ކަމަށެވެ. އަދި މިހާ ގިނަ ދުވަސްތަކެއް ވަންދެން މާރުކޭޓް ބަންދުކޮށްފައި ބަހައްޓަން ޖެހުމަކީ މައްސަލައެއް ކަމަށެވެ.
ސިޓީ ކައުންސިލްގެ ބައެއް މެންބަރުން ބޭނުންފުޅު ވަނީ ފޯމް ހުށައެޅި ފަރާތްތަކުން ހުށައެޅި ޑޮކިއުމަންޓްތަކާއި، އެހެން ކަންކަން އިވެލުއޭޓް ކުރުމަށްފަހު ގޮޅިތައް ދޫކުރާށެވެ.
ފަޒީން ވިދާޅުވީ މާރުކޭޓްގެ ގޮޅިތަކުގެ އަދަދާއި ގުޅޭގޮތުން ކަމާބެހޭ ކޮމެޓީން ހުށައެޅި ކުރެހުމުގައި އަށް ފޫޓް، ހަފޫޓްގެ 117 ގޮޅިއާ ވަގުތީ 11 ގޮޅިއާއެކު 128 ގޮޅި ހިމެނޭ ކުރެހުމެއް މޭޔަރަށް ފޮނުވި ކަމަށެވެ. އަދި އެ އުސޫލާ އެއްގޮތަށް އަަމަލު ކުރާނަމަ ކުރިއަށް އޮތް ދެތިން ހަތަރު ހަފުތާތެރޭ ގޮޅިތައް ހުޅުވިދާނެ ކަމަށެވެ.