މާލޭގެ އެކި ސަރަހައްދުތަކުގައި މާރުކޭޓު ހިންގަނީ މާލެ ސިޓީ ކައުންސިލްގެ ހުއްދަ ނުހޯދައި ކަމަށް މާލެ ސިޓީ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެ އެވެ.
ޝިފާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކައުންސިލުން ހުއްދަ ދީގެން ހިންގަނީ ބާޒާރުމަތީގައި ހުންނަ މާލޭގެ ލޯކަލް މާރުކޭޓާއި މަސްމާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓު އެކަނި ކަމަށެވެ. އަދި މާލެ ތެރޭގެ އެކި އެކި ސަރަހައްދުތަކުގައި މާރުކޭޓު ހިންގަނީ އެކައުންސިލުގެ ހުއްދަ އާއި ނުލައި ކަމަށެވެ. އަދި މާރުކޭޓުތަކަކީ ދިވެހިންނަށް ހިންގުމަށް މިހާރު ފުރުސަތު ދީފައިވާ ތަންތަން ކަމަށްވެސް ވަނީ ވިދާޅުވެފަ އެވެ.
ޝިފާ ވިދާޅުވީ މި ގޮތަށް ހުއްދަ ނުހޯދައި ހިންގާ މާރުކޭޓުތައް ހުއްޓުވުމުގެ ބާރު ހެލްތު ޕްރޮޓެކްޝަން އެޖެންސީ އަށާއި ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
މާލޭގެ އެކި އެކި ސަރަހައްދުތަކުގައި އަމިއްލަ ފަރާތްތަކުން ދަނީ މާރުކޭޓްތައް ހިންގަމުންނެވެ.
އެފަދަ ބައެއް ތަންތަނުގެ ސާފުތާހިރުކަން ކުޑަކަމަށް ބުނެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިފަދަ މާރުކޭޓްތަކުގައި މުޅިންހެން ތިބެނީ ބިދޭސީންނެވެ.