ޕެޕް ގާޑިއޯލާ

ކުޅުންތެރިން ހަލާކު ވެދާނެ، މުބާރާތް މަދު ކުރޭ

ކުޅުންތެރިންގެ ސަލާމަތަށްޓަކައި، ބައެއް މުބާރާތް ނުބާއްވައި ދޫކޮށްލަން ޖެހޭ ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ގާޑިއޯލާ ބުނީ، އިނގިރޭސި ފުޓްބޯޅައިގައި އޮތް ބުރަ ޝެޑިއުލްގެ ސަބަބުން ކުޅުންތެރިންނަށް ގެއްލުވަމުން ދާ ކަމަށެވެ. އޭނާ އެކަން ފާހަގަ ކުރީ އިނގިރޭސި ދެ ފޯވަޑުން ކަމަށްވާ، ޓޮޓެންހަމް ހޮޓްސްޕާސްގެ ހެރީ ކޭން އާއި މެންޗެސްޓާ ޔުނައިޓަޑްގެ މާކޯސް ރަޝްފާޑަށް ކުރިމަތިވި އަނިޔާއަށް އިޝާރާތް ކޮށެވެ.

އޭނާ ބުނީ، ކުޅުންތެރިންގެ ސަލާމަތާ ރައްކާތެރި ކަމަށް މެޗުތައް މަދުކޮށް ކޮލިޓީ އިތުރު ކުރަން ޖެހޭ ކަމަށެވެ.

"މި ފަހުން ކުރިމަތިވި އިންޖަރީތަކާ މެދު އަހަރެން ހައިރާނެއް ނުވޭ،" ރަޝްފާޑް އާއި ކޭންއަށް ކުރިމަތިވި އަނިޔާއަށް އިޝްރާތް ކޮށް ގާޑިއޯލާ ވާހަކަ ދެއްކި އެވެ. "މިހާވަރަށް މެޗުތައް ކުޅެން ވެއްޖެއްޔާ ކުޅުންތެރިން ހަލާކު ވެގެން ވެއްޓޭނެ، ކޭން އަދި ރަޝްފާޑް އަކީ އިންގްލެންޑްގެ މުހިންމު ކުޅުންތެރިން، ކަމާބެހޭ ފަރާތްތަކުން ވެސް މި މައްސަލަ ނުނަގަނީ އެއީ އާންމުކޮށް ވަމުންދާ ގޮތަކަށް ވާތީ."

އޭނާ ބުނީ ޔޫރަޕްގެ މުބާރާތުގެ ޖާގަ ހޯދުމަށްޓަކައި ކުޅުންތެރިންގެ އެންމެ މަތީ ފެންވަރު ނެރެން ކުލަބުތަކުން މަސައްކަތް ކުރާނެ ކަމަށާއި ނަމަވެސް މިހާ ބުރަ ޝެޑިއުލްއެއްގައި މެކްސިމަމް ނެރެގެން ކުޅުންތެރިންގެ ހަށިގަނޑަށް ކެތް ނުވާ ކަމަށެވެ.

"އެއް މުބާރާތް ކެންސަލް ކުރޭ، ޝެޑިއުލްއިން އެ މުބާރާތް ނަގާ، މެޗުތައް މަދުކޮށް، މުބާރާތް މަދުކޮށް، ޓީމުތައް މަދުކޮށް ކްއަލިޓީ އިތުރު ކުރޭ، އަދަދު މަދު ކުރޭ،" ހައްލުތަކެއް ގާޑިއޯލާ ހުށަހެޅި އެވެ. "ބުންޑެސް ލީގާގައި އޮންނަނީ 20 ޓީމެއް ނޫން 18 ޓީމު، ސްޕެއިންގައި ބްރޭކްތައް އާދޭ، އާންމުންނަށް ވެސް ފުޓްބޯޅަ އާ ނުލައި ވަގުތަތަކެއް އޮންނަން ޖެހޭ."

އެއް މުބާރާތް ނުބާއްވަން ގާޑިއޯލާ ހުށަހެޅި، ލީގް ކަޕްގެ ކުރިމަގާމެދު އީއެފްއެލްގެ ޗެއާމަން ރިކް ޕެރީ ސުވާލު އުފައްދާފައި ވަނިކޮށެވެ.