ހޮލީވުޑް

ރަނގަޅު ފިލްމުތަކެއް މި އަހަރު އެބަ އާދޭތަ؟

ނިމިގެން ދިޔަ 12 މަހަކީ ހޮލީވުޑަށް އަދި ދުނިޔޭގެ ފިލްމު އިންޑަސްޓްރީ އަށް އެހާ އުފާވެރި ދުވަސްތަކެއް ނޫނެވެ. މަގްބޫލު އަދި އެހާމެ މަޝްހޫރު ތަރިންނާ އެކު ނުކުތް ބޮޑެތި އެތައް ފިލްމެއް ވެސް ބޮކްސް އޮފީހުގައި ވީ ފްލޮޕެވެ. އަނެއްކޮޅުން އުތުރު ކޮރެއާއޭ ކިޔުނު ގައުމެއްގެ ނުރައްކާތެރިކަން ވެސް ހޮލީވުޑަށް އޮތީ މިދިޔަ އަހަރުގެ ފަހުކޮޅު ނިކަން ގަދަކޮށްފަ އެވެ.

ސޮނީ ޕިކްޗާސް އަށް އެ ވަނީ ހިތުން ނުފިލާ ވަރުގެ ބޮޑު ގެއްލުމެއް ދީފަ އެވެ.

ދެން ކޮންމެއަކަސް އެ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތެވެ. ފެށިފައި މި އޮތް އާ އަހަރާ އެކު އަޅުގަނޑުމެންނާ ހަމަ އަށް އަންނަ ތައްޔާރުވަމުންދާ ރަނގަޅު ފިލްމުތަކަށް ބަލާލަމާ ހިނގާށެވެ.

މިދިޔަ އަހަރު ބޮކްސް އޮފީހުގައި ގާއިމުކުރި ރިކޯޑްތައް މުގުރާލެވޭ ފެންވަރުގެ ފިލްމުތަކެއް ކުރިއަށް އެބަހުއްޓެވެ. އޭގެ އެއް ފިލްމަކީ މާވެލްގެ "އެވެންޖާސް" ގެ ދެ ސީކުއެލް "އެވެންޖާސް: އޭޖު އޮފް އަލްޓްރޯން" އެވެ. ބޮކްސް އޮފީހުގައި އެންމެ ކާމިޔާބު ސުޕަހީރޯން ކަމުގައިވާ އަޔަން މޭން އާއި ތޯރު އާއި ކެޕްޓަން އެމެރިކާ އަދި ހަލްކް އަނެއްކާވެސް ބޮޑު ސްކްރީނަށް އަންނަނީ އެވެ.

 

މީގެ ފުރަތަމަ ފިލްމު "އެވެންޖާސް" 2012 ވަނަ އަހަރު ނުކުމެ ބޮކްސް އޮފީހުގައި 1.5 ބިލިއަން ޑޮލަރު ނެގި އެވެ. "އެވެންޖާސް 2" ވެސް ފަސޭހަކަމާ އެކު މި އަދަދަށް ވާސިލުވާނެ ކަމަށް ބެލެވެ އެވެ.

ޖޮސް ވޭޑޮން ޑައިރެކްޓްކޮށްފައިވާ މި ފިލްމު ސިނަމާތަކަށް ނުކުންނާނީ މެއި އެކެއްގަ އެވެ. މީގެ އިތުރު ދެ ފިލްމު ވެސް އަދި ކުރިއަށް އެބައޮތެވެ.

ޖޭމްސް ބޮންޑް ފިލްމު ސިލްސިލާގެ 24 ވަނަ ފިލްމު "ސްޕެކްޓާ" އަކީ ވެސް ކުރިއަށް ހުރި ބޮޑެތި ފިލްމުތަކުގެ ތެރެއިން ފިލްމެކެވެ. ސޮނީ އަށް ދިން ހަމަލާގައި މި ފިލްމުގެ ސްކްރިޕްޓް ވަގަށް ގެންގޮސްފައިވީ ނަމަވެސް ޑައިރެކްޓަރު ސޭމް މެންޑޭޒްގެ ބެލުމުގެ ދަށުން އަންނަ ނަމަ ފިލްމަށް މާ ބޮޑު ގެއްލުމެއް ލިބޭނެ ކަމަކަށް ނުބެލެވެ އެވެ.

މެންޑޭޒްގެ ބެލުމުގެ ދަށުން ޖޭމްސް ބޮންޑްގެ އެންމެ ފަހު ފިލްމު "ސްކައި ފޯލް" ހޯދި ކާމިޔާބީ އަކީ އޭގެ ހެއްކެކެވެ. އެ ފިލްމަކީ މި ސިލްސިލާގެ އެންމެ ކާމިޔާބު އަދި އެންމެ މޮޅު ފިލްމު ވެސްމެ އެވެ.

ބެލުންތެރިންނާ ހަމަ އަށް "ސްޕެކްޓާ" އަންނާނީ މި އަހަރުގެ ނޮވެމްބަރު ހައެއްގަ އެވެ.

"ސްޓާ ވޯސް: ދަ ފޯސް އެވޭކެންސް" އަކީ ވެސް މި އަހަރުގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރެއިން ބޮޑު ފިލްމެކެވެ. މިއީ ކާމިޔާބު ސްޓާ ވޯސް ސިލްސިލާގެ ހަތް ވަނަ ފިލްމެވެ. އަދި 2005 ވަނަ އަހަރަށް ފަހު މި ސިލްސިލާ އަށް އިތުރުވާ ލައިވް އެކްޝަން ފުރަތަމަ ފިލްމު ވެސްމެ އެވެ.

ޖޭ.ޖޭ އެބްރަމްސް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއާކުރަން ހަމަޖެހިފައި ވަނީ ޑިސެމްބަރު 18ގަ އެވެ.

މި އަހަރަކީ އީތަން ހަންޓްގެ ގޮތުގައި އަނެއްކާވެސް ޓޮމް ކްރޫޒް އެނބުރި އަންނަ އަހަރެއްކަން ވެސް ފާހަގަކޮށްލަން ޖެހެ އެވެ. އޭނާގެ މި ފިލްމު ވެގެންދާނީ "މިޝަން އިމްޕޮސިބްލް" ސިލްސިލާގެ ފަސް ވަނަ ފިލްމަށެވެ.

ފިލްމުގެ ޝޫޓިން އޮސްޓްރިއާގެ ވިއެނާގައި މިދިޔަ އަހަރުގެ އޯގަސްޓް މަހު ފަށާފައިވާއިރު މި ފިލްމު ވެސް ބެލުންތެރިންނާ ހަމަ އަށް އަންނާނީ އަހަރު ނިމޭތާނގަ އެވެ. އެއީ ޑިސެމްބަރު 25 އެވެ.

އެހެންވީމަ މި އަހަރު ވެގެންދާނީ ސުޕަހީރޯ އާއި ސިއްރު އޭޖެންޓުންގެ އަހަރަކަށް ނޫން ހެއްޔެވެ؟ އެވެންޖާސް އާއި ޖޭމްސް ބޮންޑާއި އީތަން ހަންޓް ފަދަ ކުޅަދާނަވެރިންނެވެ.

ސުޕަހީރޯންގެ ވާހަކަ "އެވެންޖާސް"އާ ހިސާބުން އަދި ނިމުނީކީއެއް ވެސް ނޫނެވެ. މާވެލްގެ "އޭންޓް-މޭން" އާއި މުޅިން އާ ތަރިންތަކަކާ އެކު "ފެންޓާސްޓިކް ފޯ" ވެސް އެބަ އާދެ އެވެ.

އަދި ސިއްރު އޭޖެންޓުންގެ ވާހަކަ ޖޭމްސް ބޮންޑާ ހިސާބުން ނިމުނީކީއެއް ވެސް ނޫނެވެ. ކޮމެޑީ ސްޕައި ފިލްމު "ކިންގްސްމެން: ދަ ސީކްރެޓް ސާވިސް" އަކީ ވެސް ކުރިއަށް ހުރި ފާހަގަކޮށްލެވޭ ސްޕައި ފިލްމުތަކުގެ ތެރެއިން ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ ފިލްމެކެވެ.

އެކްޝަން ފިލްމުތަކުގެ ތެރެއިން ކުރިއަށް އޮތް އެންމެ ވަރުގަދަ ފިލްމަކީ "ފާސްޓް އެންޑް ފިއުރިއަސް" ގެ ހަތް ވަނަ ފިލްމެވެ. މި ފިލްމުގެ ފޭނުން މި ރާއްޖޭގައި ވެސް ވަރަށް ގިނަކަން އެނގެ އެވެ.

 

އެޕްރީލް މަހު މި ފިލްމު ސިނަމާތަކަށް ނުކުންނައިރު މި ފިލްމު ވެގެންދާނީ، ޕޯލް ވޯކާގެ އެންމެ ފަހު ފެނިލުމަށެވެ.

އެކަމަކު މިހާ ހިސާބުން އަދި އަހަރުގެ މޮޅެތި ފިލްމުތަކުގެ ލިސްޓް ނިމުނީކީއެއް ނޫނެވެ. އަދިވެސް ވަރަށް ބައިވަރު އެބައޮތެވެ.

ޑެސްޕިކްބްލް މީގެ ސްޕިން އޮފް "މިނިއޮންސް: ދަ މޫވީ" އަކީ އެންމެ ގިނަ ބަޔަކު ކެތްމަދުވެފައިވާ އެނިމޭޓެޑް ފިލްމެވެ. "ދަ ހަންގާ ގޭމްސް" ގެ އާ ފިލްމަކާއި "ފިފްޓީ ޝޭޑްސް އޮފް ގްރޭ" ނަމަކަށް ކިޔާ ވަރަށް "ކާފަރު" ފިލްމެއް ވެސް ކުރިއަށް އެބައޮތެވެ.

އެހެންވީމަ މިއީ ކޮންމެހެން ވެސް އިންތިޒާރުކުރަން ޖެހޭ ލިސްޓެކެވެ.

ނަމަވެސް އޭގެ ކުރިން އަޅުގަނޑުމެންނާ ބައްދަލުކުރާނީ ހޮލީވުޑްގެ ޝަރަފްވެރި އޮސްކާ އެވޯޑް ހަފުލާ އާއި ގޯލްޑެން ގްލޯބްސް އެވެ. އެހެންވީމަ މިދިޔަ އަހަރު ބެލުނު އެންމެ މޮޅު ފިލްމަކީ ކޮބައި ހެއްޔެވެ؟

އަދި އިންތިޒާރުކުރަނީ ކޮން ފިލްމަކަށް ހެއްޔެވެ؟