ކުޅިވަރު

އެރިކްސަންއަށް ބިޑްކޮށްފި، މޯސަސް އިންޓަގެ މެޑިކަލްއަށް

ޓޮޓެންހަމް ހޮޓްސްޕާސްގެ މިޑްފީލްޑާ ކްރިސްޓިއަން އެރިކްސަންއަށް އިންޓަ މިލާންއިން ރަސްމީކޮށް ބިޑް ހުށަހެޅައިފި އެވެ.

ޗެލްސީގެ އެއްބަސްވުމުގައި ހުރި ވިކްޓާ މޯސަސް ވަނީ އިންޓަގެ މެޑިކަލް ޓެސްޓްތައް ހެދުމަށް މިލާނަށް ގޮސްފަ އެވެ. އިންޓަ މިލާންގެ ކޯޗް އެންޓޯނިއޯ ކޮންޓޭގެ އެންމެ ބޮޑު ޓާގެޓަކީ ޑެންމާކްގެ މިޑްފީލްޑާ އެރިކްސަން އެވެ. އިންޓަގެ ޑައިރެކްޓާ ޕިއޭރޯ އައުސީލިއޯ ވިދާޅުވީ އެ ކުލަބުން ރަސްމީކޮށް ޓޮޓެންހަމްއަށް ހުށަހަޅާފައިވާ ކަމަށެވެ.

"އަހަރެމެން މިހާރު މަޑުކޮށްގެން މިތިބީ ޓޮޓެންހަމްއިން އަންނާނެ ޖަވާބަކަށް، އަހަރެމެންނަށް އިންތިޒާރު ކޮށްގެން ތިބެވޭނީ، އެހެން ކުލަބުތަކުންވެސް ވަނީ [އެރިކްސަން އަށް] ޝައުގުވެރިކަން ފާޅުކޮށްފައި" އައުސީލިއޯ ވިދާޅުވި އެވެ. "އޭނާ އަކީ މޮޅު ކުޅުންތެރިންތެރިޔެއް ޔޫރަޕްގެ މުހިންމު ކުލަބުތަކުންވެސް ޝައުގުވެރިވާ ކުޅުންތެރިޔެއް."

ޓޮޓެންހަމް އާއެކު އެރިކްސަން ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު މި ޖޫން މަހުގެ ނިޔަލަށް ހަމަވާނެ އެވެ. އެ ކުލަބުން ވަނީ އެރިކްސަންގެ އެއްބަސްވުން އާ ކުރުވުމަށް ވެސް މަސައްކަތް ކޮށްފަ އެވެ. އެހެންނަމަވެސް އެރިކްސަން ބުނެފައި ވަނީ އިންގްލެންޑުން ބޭރުން ފުރުސަތަކަށް ޝައުގުވެރިވާ ކަމަށެވެ.

މިހާތަނަށް އެއްބަސްވެފައިވާ ގޮތުގައި އިންޓަ އާއެކު އެރިކްސަން ސޮއި ކުރުމުން އޭނާއަށް ސީޒަނެއްގައި 10 މިލިއަން ޔޫރޯ ދޭނެ އެވެ. ސްޕާސްއިން ކިޔަނީ ޓްރާންސްފާގެ އަގެއްގެ ގޮތުގައި 20 މިލިއަން ޔޫރޯ އަށެވެ. އެހެން ނަމަވެސް އިޓަލީގެ މީޑީއާ ރިޕޯޓްތައް ބުނަނީ 15 މިލިއަން ޔޫރޯގެ އިތުރުން ޕާފޯމަންސް ބޯނަސް އާއެކު އިތުރު ތިން މިލިއަނަށް ޓޮޓެންހަމްއިން މިހާރު އެއްބަސްވެފައިވާ ކަމަށެވެ.

އައުސީލިއޯ ވިދާޅުވީ ލޯން އެއްބަސްވުމުގެ ދަށުން، ފެނަބާޗޭއަށް ކުޅެމުންދާ ޗެލްސީގެ މޯސަސް ގެނައުމަށް ޗެލްސީ އާއެކު ވާހަކަ ދެކެވި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ. އަދި މޯސަސް ލޯން އެއްބަސްވުމުގެ ދަށުން ގެނައި ނަމަވެސް އޭނާ އަށް ދާއިމީ އެއްބަސްވުމެއް ދިނުމުގެ އިހްތިޔާރު އިންޓައަށް ލިބޭނެ ކަމަށެވެ.

އޭނާ ބުނީ، އިންޓައިން އިތުރު ފޯވަޑެއް ދޫކޮށްލައިފިނަމަ ޗެލްސީގެ އޮލިވާ ޖިރޫޑް ގެނައުމުގެ ފުރުސަތުވެސް އެބައޮތް ކަމަށެވެ. އިންޓައިން މަސައްކަތް ކުރަނީ މަޓޭއޯ ޕޮލިޓާނޯ އޭއެސް ރޯމާއަށް ދޫކޮށްލުމަށެވެ.