ޓްރާންސްފާ މާކެޓް

ބްރެޒިލްގެ ޒުވާން މިޑްފީލްޑާ ރޭނިއާ ރެއާލްއަށް

ބްރެޒިލްގެ ފްލެމިންގޯއަށް ކުޅެމުން ދިޔަ އުމުރުން 18 އަހަރުގެ މިޑްފީލްޑާ (ހޭނިއާ) ރޭނިއާ ޖެސޫސް ރެއާލް މެޑްރިޑަށް ސޮއި ކޮށްފި އެވެ.

ރޭނިއާ ހޯދަން ރެއާލުން ވަނީ 30 މިލިއަން ޔޫރޯ ހޭދަ ކޮށްފަ އެވެ. ބާސެލޯނާ، އެތުލެޓިކޯ މެޑްރިޑް، ޕީއެސްޖީ އަދި މެންޗެސްޓާ ސިޓީން ވެސް ރޭނިއާ ގެންދަން މަސައްކަތް ކޮށްފައި ވެއެވެ. އޭނާ ވަނީ، ރެއާލް އާއެކު ހަ އަހަރުގެ އެއްބަސްވުމެއްގައި ސޮއި ކޮށްފަ އެވެ.

މި މަހު ކުރީކޮޅު ރެއާލްއިން ވަނީ، ރޭނިއާގެ ޓްރާންސްފާ އާމެދު ފްލެމިންގޯ އާއެކު އެއްބަސްވުމަކަށް އައިސްފަ އެވެ. އެހެން ނަމަވެސް އޭނާގެ ޓްރާންސްފާ ރަސްމީ ކުރަން ލަސްވީ، އޭނާއަށް 18 އަހަރު ފުރެންދެންނެވެ. އިންޓަނޭޝަނަލް ޓްރާންސްފާ ޕޮލިސީގައި ކުޅުންތެރިޔާއަށް 18 އަހަރު ނުފުރެނީސް އިންޓަނޭޝަނަލް ޓްރާންސްފާ ހެދުމަކީ ކުށެކެވެ. މީގެ ކުރިން ރެއާލް އަށް ވަނީ އެ އަދަބު ލިބިފަ އެވެ. މިދިޔަ އާދިއްތަ ދުވަހަކީ އޭނާއަށް 18 އަހަރު ފުރުނު ދުވަހެވެ. އިއްޔަ ރެއާލްއިން ވަނީ ރޭނިއާގެ ޓްރާންސްފާ ރަސްމީކޮށް އިއުލާން ކޮށްފަ އެވެ.

މިދިޔަ އަހަރު ޖުލައި މަހު ފްލެމިންގޯ އިން ސީނިއާ ކެރިއާ ފެށި ރޭނިއާ ވަނީ، ބްރެޒިލްގެ ލީގްގައި ކުޅުނު 14 މެޗުން ހަ ލަނޑު ޖަހާފަ އެވެ. މިދިޔަ މަހު ގަތަރުގައި ބޭއްވި ކުލަބު ވޯލްޑް ކަޕްގައި އޭނާ ވަނީ ކުޅެފަ އެވެ. ނަމަވެސް ފައިނަލު ގައި ލިވަޕޫލަށް ދެކޮލަށް ކުޅުނު މެޗުގައި އޭނާ ހުރީ ބެންޗުގަ އެވެ.

މިވަގުތު ބްރެޒިލްގެ 19 އަހަރުން ދަށުގެ އޮލިމްޕިކް ޓީމާއެކު ހުރި، ރޭނިއާ ސީޒަންގެ ބާކީ ބައި ހޭދަ ކުރާނީ، ރެއާލްގެ ކުރީގެ ފޯވަޑް ރައުލް ގޮންޒާލޭޒް ކޯޗް ކޮށްދޭ ރެއާލްގެ ބީ ޓީމުގަ އެވެ. އެކަމަކު އޭނާގެ ތަމްރީންތައް ކުރިއަށް ގެންދާނީ ސީނިއާ ޓީމާއެކު ކޯޗް ޒައިނުއްދީން ޒިދާންގެ ބެލުމުގެ ދަށުންނެވެ.