މީގެ 14 އަހަރު ކުރިން 2005 ގައި ރިލީޒްކުރި "ބަންޓީ އައުރް ބަބްލީ" އިން އެންމެ ފާހަގަ ކުރެވުނު އެއް ކަމަކީ ލީޑް ރޯލު އަދާކުރި އަބީޝެކް ބައްޗަން އާއި ރާނީ މުކަރުޖީގެ ކެމިސްޓްރީ އެވެ. މި ފިލްމަށް ބޮކްސް އޮފީހުގައި ވަރަށް ރަނގަޅު ކާމިޔާބެއް ލިބުނުއިރު ކްރިޓިކްސް ވެސް ފިލްމަށް ވަރަށް ތައުރީފު ކޮށްފައި ވެއެވެ.
މިހާރު މީގެ ދެ ވަނަ ފިލްމެއް "ބަންޓީ އައުރް ބަބްލީ 2"ގެ ނަމުގައި އުފައްދާކަން ވަނީ އިއުލާން ކޮށްފަ އެވެ. މިފަހަރުގެ ފިލްމުގައި ސިދާންތު ޗަތުރަވޭދީ އާއި ޝަރްވަރީ އަދި ރާނީ އާއި ސައިފް އަލީ ޚާން ބައިވެރިވެ އެވެ.
މި ފިލްމުގައި ސައިފް ބައިވެރި ކުރުމަކީ ގިނަ މީހުން ހީކުރި ގޮތާ ޚިލާފަށް ކޮށްފައިވާ ކަމެކެވެ. އެންމެން ވެސް ގަބޫލު ކޮށްގެން ތިބީ މި ފިލްމުން އަނެއްކާވެސް އަބީޝެކް އާއި ރާނީގެ ކެމިސްޓްރީ ފެންނާނެ ކަމަށެވެ. ނަމަވެސް ބަންޓީގެ ރޯލަށް މިފަހަރު ސައިފް ހަމަޖައްސާފައިވާތީ ހިތްހަމަނުޖެހޭ މީހުން ތިއްބަސް ރާނީ އާއި ސައިފްގެ ކެމިސްޓްރީ ވެސް އެ ދެ ތަރިން އެކުގައި ކުޅެފައިވާ ފިލްމުތަކުގައި ވަރަށް ރަނގަޅުކަން ފާހަގަ ކުރެވެ އެވެ.
އިންޑިއާގެ ބައެއް މީޑިއާތަކުން ބުނި ގޮތުގައި "ބަންޓީ އައުރް ބަބްލީ 2" ކުޅުމަށް ސައިފް އެހާ ބޭނުމެއް ނޫނެވެ. ނަމަވެސް އެ ރޯލު ގަބޫލު ކުރަން އޭނާއަށް ނަސޭހަތްދީ އެއްބަސްކުރުވީ އަންހެނުން ކަރީނާ ކަޕޫރެވެ. ކަރީނާ މިހާ ވަރުން މި ފިލްމު ސައިފް ލައްވާ ކުޅުވަން ބޭނުންވަނީ ފަހަކަށް އައިސް ސައިފް ކުޅެފައިވަނީ "ލާލް ކަޕްޓާން" އާއި "ތާނާޖީ: ދި އަންސަންގް ވޮރިއާ" ފަދަ ވަރުގަދަ ކެރެކްޓާތައް ހިމެނޭ ރޯލުތައް ކަމަށް ވާތީ ތަންކޮޅެއް ކޮމެޑީ ފާޑުގެ ފިލްމެއް މިވަގުތު ދެން ސައިފް ކުޅުން މާ ބުއްދަވެރި ކަމަށް އޭނާ އަށް ފެންނާތީ އެވެ.
މި ފިލްމު ކުޅެން ސައިފް އެއްބަސްވާ ކަމަށް ބުނެ ރާނީ މުކަރުޖީ އަށް ފޯނު ކުރީ ވެސް ކަރީނާ ކަމަށް ވެއެވެ. ކަރީނާ ގަބޫލުކުރާ ގޮތުގައި ޔާޝްރާޖް ފިލްމްސް ކަހަލަ ޕްރޮޑަކްޝަން ހައުސް އަކުން އުފައްދާ ބޮޑު ބަޖެޓް ފިލްމެއްގައި ބައިވެރިވުމަކީ ސައިފްގެ ކެރިއަރަށް ވަރަށް އެދޭ ކުރިއެރުންތަކެއް ލިބޭނެ ކަމެކެވެ.
ބައެއް ޚަބަރުތައް ބުނާ ގޮތުގައި މި ފިލްމު ކުޅެދޭން އަބީޝެކް ބައްޗަން އަށް ވެސް ހުށަހެޅި އެވެ. ނަމަވެސް އޭނާ އެހެން ފިލްމެއް ކުޅުމުގައި ބިޒީކޮށް އުޅޭތީ އެ ފިލްމު ގަބޫލު ކުރެވޭ ގޮތް ނުވީ އެވެ.