ކަންގަނާ

"މަނީކަރްނީކާ" އަށް ޖަޕާނުން ބޮޑު ތަރުހީބެއް

ކަންގަނާ ރަނާވަތުގެ "މަނީކަރްނީކާ" އަށް އިންޑިޔާގެ ބެލުންތެރިން ވެސް ވަރަށް ބޮޑު ތަރުހީބެއް ދީފައި ވެއެވެ. އަދި މިހާރު އެ ފިލްމު ޖަޕާނުގައި ދައްކަމުންދާއިރު އެ ގައުމުގެ ރައްޔިތުންގެ ހިތްތައް އެ ފިލްމުން ދަނީ ފަތަހަ ކުރަމުންނެވެ.

ޖަޕާން ބޮކްސް އޮފީހުގައި "މަނީކަރްނިކާ" މިހާރު އޮތީ ތިން ވަނައިގަ އެވެ. ކޮރެއާ ފިލްމް "އެކްސްޓްރީމް ޖޮބްސް" އެއްވަނައިގައި އޮތް އިރު ލޯބީގެ ފިލްމެއް ކަމަށްވާ "ލޯންގް ޝޮޓް" އޮތީ ދެ ވަނައިގަ އެވެ.

"މަނީކަރްނީކާ" ޑައިރެކްޓްކޮށްފައި ވަނީ ވެސް ކަންގަނާ އެވެ. އޭނާއާއެކު ޑައިރެކްޓް ކުރުމުގައި ބައިވެރިވެފައި ވަނީ ކްރިޝް ޖަގަރްލާމުޑީ އެވެ. މި ފިލްމަށް އިންޑިއާގެ ބޮކްސް އޮފީހުގައި 100 ކްރޯޑާ ގާތް ކުރާ އަދަދެއް ލިބުނެވެ.
ކަންގަނާ ބޮލީވުޑަށް ތައާރަފް ކޮށްދިނީ "ގޭންގްސްޓާ" އިން ޑައިރެކްޓަރު އަނުރާގް ބާސޫ އެވެ. އޭގެ ފަހުން އަނުރާގްގެ "ލައިފް އިން މެޓްރޯ" ގައި ވެސް ކަންގަނާ ބައިވެރި ކުރި އެވެ.

ވަރަށް ފަހުން މީޑިއާތަކަށް ދީފައިވާ އިންޓަވިއު އެއްގައި ޑައިރެކްޓަރު އަނުރާގް ބުނެފައިވަނީ ކަންގަނާ މިހާރު ވާސިލުވެފައިވާ މަގާމަށް އޭނާއަށް އާދެވިދާނެ ކަމަކަށް އަނުރާގް ހިތަށް ވެސް ނާރަ އެވެ. ކަންގަނާ އަކީ ވިސްނުން ތޫނު ހިތް އަލި އެކްޓަރަކަށް ވާތީ އޭނާ އަށް ކިޔައިދޭ ކޮންމެ އެއްޗެއް ވަރަށް އަވަހަށް ދަސްކޮށްލާ ކަމަށާއި އަދި ކަންކަން ދަސްކުރުމުގެ ޝައުގުވެރިކަން ކަންގަނާގެ ހުންނަ ކަމަށް ވެސް އަނުރާގް ބުންޏެވެ. ކަންގަނާގެ ކާމިޔާބީގެ ސިއްރަކީ މިއީކަމަށް އަނުރާގް ގަބޫލު ކުރެ އެވެ.

ކަންގަނާ އެންމެ ފަހުން ކުޅުނު "ޕަންގާ" އަންނަ ހުކުރު ދުވަހު ރިލީޒްކުރާނެ އެވެ.