ވާހަކަ

ދާނޭހެ ޔާދުން ހިތާއޭ

(19 ޖެނުއަރީ 2020 އާ ގުޅޭ)

"ދާރިއަންއަކީ ކާކު؟" ނަޝާ އަހާލިއެވެ.

"އައި ސޯ ދި ނޭމް" ހޭޒަލް ބަލާލި ގޮތުން ނަޝާ ބުނެލީ ފޯނަށް އިޝާރާތްކުރަމުންނެވެ.

"ތަންކޮޅެއް ކުރީން އަހަރެން މަސައްކަތެއްކުރަން ފެށިވާހަކަ ނަޝާ ގާތު ބުނީމެންނު" ހަނދާންކޮށްދޭ ފަދައަކުން ހޭޒަލް ބުނެލިއެވެ.

"ކްރާފްޓިންގ ދޯ... ހަނދާންވެއްޖެ... މަސައްކަތް ކިހިނެއް ދިޔައީ؟" ނަޝާ ބުނެލިއެވެ.

"މި ދިމާވި ކަންތަކާހުރެ އަހަރެން ހުރީ އެއްވެސް މަސައްކަތެއް ކުރެވޭ ކަހަލަ ހާލަތެއްގައެއްނޫން، މީހަކާ ވާހަކައެއް ވެސް ނުދައްކަން، ދާރިއަންއަކީ ރަނގަޅު މީހެއް، އޭނާ މި ޕްރޮޖެކްޓަށް ހުރިހާ ޚަރަދެއްކުރާމީހަކީ، މަސައްކަތާ ގުޅިގެން އޭނާ ދޭތެރެއަކުން ގުޅާނެ، އޭނާއަށް ވެސް ވީގޮތެއް ނާންގާ އަހަރެން ހުރީ... މީހެއްގެ މަސައްކަތާ ހަވާލުވެފައި އޭނާއަށް ވީގޮތެއް ނާންގާހުރީމަ އޭނާއަށް ލިބޭނެ ގެއްލުމާމެދު ވިސްނައެއްނުލެވުނު، އަހަރެންގެ ކުށްއެއީ، ކުރެވެންނެތިއްޔާ ވެސް ބުނަންވާނެކަން އެނގޭ... އެކަމަކު ހަމަނުވީ، އެއްވެސް ކަމަކާ ކުރިމަތިލުމުގެ ހިތްވަރެއްނެތީ... ގާތް މީހުންނާ ކުރިމަތިނުލެވުނުއިރު އޭނާއަކީ އަދި ދުރުމީހެއް ދޯ... މިހާރު އަހަރެން ވެސް ހަމައަކަށްއެޅިއްޖެ، އޭނާއަށް ގުޅާ މަޢާފަށް އެދުނިން، އެކަމަކު މިހާ ދިގުމުއްދަތެއް އޭނާއަށް ޚަބަރެއްނުވެ ހުރީ ކީއްވެތޯ އެހީމަ އަހަރެންނަށް ކިޔައިދޭން ނުކެރުނީ، އޭނާ އެ ގުޅަނީ ވާހަކަދައްކާލަން ބޭނުންވެގެން" ހޭޒަލް ބުންޏެވެ.

"ތިބުނީނު އެއީ ރަނގަޅު މީހެކޭ... އޭނާއަށް ވިސްނޭނެ، ޒެއްލު!... އޭނާއާ ވާހަކަދައްކަން އަހަންނަށް ފެންނަނީ، މަސައްކަތާގެން ކުރިއަށްދާން އޭނާ ބުނެފިނަމަ އެކަން އަލުން ކުރަން އަހަރެންނަށް ފެނޭ... ޒެއްލުގެ ތިއެކަނިވެރިކަމާއި، ކުރެވޭ ބޭކާރު ޚިޔާލުތަކަށް ވަގުތު ދިނުމަށްވުރެ އެވަގުތު ކޮންމެވެސް މަސައްކަތެއްގައި ހޭދަކުރުން ރަނގަޅުކަންނޭގެ، އެކަމަކު... ޒެއްލު އެކަމަށް ރެޑީއާ ކުރާނީ އިނގޭ... އަމިއްލައަށް ކުރެވިދާނޭކަމުގެ ޔަގީންކަން އޮތިއްޔާ އެއްވެސް ކަމެއްގައި ބައިވެރިވާނީ، ޔޫ ވިލް ބީ ފައިން، ތީ އަބަދުވެސް ހިތްވަރުގަދަ މީހެއް... އެންޑް ތެންކިޔު... އަހަންނާ ހުރިހާކަމެއް ޚިއްޞާކުރީތީ، އަހަންނާ ހަމައަށް ޒެއްލު އައީމަ ވަރަށް ބޮޑުހިތްހަމަޖެހުމެއް ލިބިއްޖެ، ޔޫ އާ މައި ބެސްޓްފްރެންޑް... ޒެއްލުނޫނީ އަހަރެންގެ ހުރިހާކަމެއް ޚިއްޞާކުރާނެ އެކުވެރިޔަކުނެތް، އާއެކުވެރިންތަކެއް ހޯދައި އިތުބާރު އުފެއްދުމަކީ ފަސޭހަކަމެއްނޫން... އަހަންނަށް ދަތިހާލެއް ކުރިމަތިވާހިނދު އެންމެ ފުރަތަމަ ވެސް ދެވޭނީ ޒެއްލު ގާތަށް..." މާނަވީ ހިނިތުންވުމެއް ނަޝާގެ ތުންފަތުން ފާޅުވެލިއެވެ.
"ﷲ އެފަދަ ދަތިދުވަހެއް ނަޝާއަށް ނުދައްކަވާނެ" ހޭޒަލް ވެސް ބަދަލުދިނީ ލުއި ހިނިތުންވުމަކުންނެވެ.

ދެ އެކުވެރިން ވާހަކައިގަ ތިބިއިރު ވަގުތު އަރައިގެން ދިޔަ ގޮތް ވެސް ނޭގެއެވެ. އެގާރަ ޖަހައިފިކަން ހޭޒަލްއަށް އެނގުނީ ރިޒްވާނު ގުޅީމައެވެ. އިތުރަށް މަޑުކުރަން ހޭޒަލް ބޭނުންނުވީ އެހެންވެއެވެ. ރިޒްވާނު ގާތު ބަލާ އައުމަށް ހޭޒަލް ބުންޏެވެ.

ހޭޒަލް ތެދުވުމުން އެކުވެރިޔާއާއެކު ނަޝާ ދޮރޯށި ދޮށަށް ނުކުތެވެ. ކާރުގައި އިން ރިޒްވާނު ކުޑަކޮށް ބޯއަރިކޮށް ހޭޒަލްއާއެކު ހުރި އަންހެންކުއްޖާއަށް ބަލާލިއެވެ. އޭނާއަށް ނަޝާ ފެނުނު މީ ފުރަތަމަ ފަހަރެވެ. މިނޫނީ ހޭޒަލްގެ ރައްޓެހިންނަކީ ކޮބާކަމެއް ރިޒްވާނަކަށް ނޭނގެއެވެ. އެފަދަ މަޢުލޫމާތެއް ހޭޒަލް އޭނާއާ ޚިއްޞާއެއް މީގެކުރީން ނުކުރެއެވެ. ކާރަށް ހޭޒަލް އަރާ ހަމަޖެހިލައި ދޮރުފަތުގެ ބިއްލޫރިގަނޑުން ނަޝާއަށް ބަލާލިއެވެ. އޭނާ ފުޅާ ހިނިތުންވުމަކާއެކު އަތްހޫރާލިއެވެ. އޭގެ ރައްދު ހޭޒަލް ވެސް ދިނީ އެފަދައިންނެވެ. އެމޫނުގައިވި ހިނިތުންވުން ފެނި ރިޒްވާނަށް ބަޔާންކުރަން ދަތި އުފާވެރިކަމެއް ހިތަށް ވެރިވެގެން ދިޔައެވެ. ޒެއްލުގެ ޠަބީޢަތަށް ހެޔޮ ބަދަލުތަކެއް އަންނަކަމުގެ ހެކި އޭނާއަށް ފެންނަންފެށުމާއެކު ހިތުގައި ކަންބޮޑުވުން ވެސް އުފެދިފައިވިއެވެ. ދެވަނަ ފަހަރަށް އެ ދަރިފުޅަށް ތަޙައްމުލުނުކުރެވޭވަރުގެ ހިތްދަތިކަމެއް ކުރިމަތިވެދާނޭތީއެވެ. މިފަހަރު އެ ދަރިފުޅަށް އައި ފަދަ ބަދަލެއް ދެންފަހަރަކުން ނުފެދިދާނޭކަމުގެ ބިރެވެ.

"ލިއަމްގެ މުޅި އުމުރު ހުސްވިޔަސް އޭނާއަށް ޒެއްލުވަރުގެ މީހަކު ނުލިބޭނެ... އެކަން އޭނާއަށް ވެސް އެނގޭނެ ދުވަހެއް އަންނާނެ، ކާކު ދޯ ހީކުރާނީ އޭނާ އެހާ މުޑުދާރުވާނެއޭ، ޒެއްލު އެހެދީ ރަނގަޅަށް، އޭނާއާއެކު ދިރިއުޅުން ކުރިއަށްގެންދިއުމުގެ ބޭނުމެއްނެތް، އޭނާ އެދިނީ އަންހެނަކަށް ދެވޭނެ އެންމެ ބޮޑު އަނިޔާ... އަހަރެން ކައިރީ ޒެއްލު އެކިފަހަރުމަތިން ޝައްކުވެގެން އެވާހަކަތައް ދެއްކިއިރު އަހަންނަށް ވެސް ރަނގަޅުކުރެވުނީ ލިއަމް، އަހަރެން ވެސް އޭނާއަށް ހާދައިތުބާރުކުރީމޭ... ޒެއްލުއާހެދި އުޅޭގޮތް ފެނުނީމަ އެހެންހީނުކުރާނީ ކާކު؟... ކިހާބޮޑު އޮޅުވާލުމެއް..." ލޮލުކޮޅަށް އޮބާލަންދެން ކާރާ ދިމާއަށް ބަލަހައްޓައިގެން ނަޝާ ހުރިއިރު އޭނާގެ ހިތާއި ސިކުނޑިއަށް އެތައްކަމެއް އަރާފައިބަމުންދިޔައެވެ. ލިއަމްގެ ޢަމަލުތައް ފަށްފަށުން ކުށްވެރިކުރެވުނެވެ.

* * * * *

ކޮޓަރިން ނިކުމެވެން ހުރި ކުޑަ ބެލްކަނިކޮޅުގައި ދެކޮޅަށް ހިނގާލަހިނގާ ދާރިއަން ހުއްޓެވެ. އިރުއިރުކޮޅާ ފޯނަށް ބަލާލައެވެ. ކަމަކާ މާޔޫސްވެފައި ހުރި ކަހަލަ އަސަރުތައް އެމޫނުގައި ވިއެވެ. ހަމައެއާއެކު އޭނާގެ ހަރަކާތްތަކުން ފާޅުވަނީ ކެތްތެރިކަން ކުޑަވެފައި ހުރިވަރެވެ.

"އައި ކާންޓް ވެއިޓް އެނީމޯ..." ދާރިއަން އެކަނިހުރެ ވާހަކަދެއްކިއެވެ. އޭނާގެ ނަޒަރު ހުރީ ފޯނުގެ އިސްކުރީނަށް ހުއްޓިފައެވެ. ގަޑިން އެގާރަގަޑި ސާޅީސް ހިނގައިފިއެވެ. ގަޑިންވީއިރު ފެނިފައި އޭނާ ގޮތެއް ނިންމި ކަހަލައެވެ. ހޭޒަލްގެ ނަންބަރަށް އޭނާ ގުޅިއެވެ.

"ހެލޯ!... ސޮރީ ޑިސްޓާބްކުރެވޭތީ... އައި..."

"އިޓްސް އޯކޭ... މިހާރު މިހުރީ ގޭގަ..." ދާރިއަން ބުނަން އުޅުނު އެއްޗެއް ނުބުނެ ހުއްޓާލުމުން ހޭޒަލް ވާހަކަދެއްކިއެވެ. އެއާއެކު އަނެއްކާ ވެސް ދާރިއަން މަޢާފަށް އެދުނެވެ.

"އަހަރެންނާ ބަދަލުކުރަން ބޭނުންނޫނީތަ؟... އަހަންނަށް އޯކޭ ފޯނުން ވާހަކަދައްކާލިޔަސް" ދާރިއަންގެ އަޑުގައި ހުރި ހިތްއަވަސްވުމުގެ އަސަރު ހޭޒަލް ދެނެގަތެވެ.

"މިރޭ މިހާރު ވަރަށް ލަސްވެއްޖެ، މާދަމާ ވަގުތެއް ހަމަޖައްސަމާ" ހޭޒަލްގެ އަޑުގައި ހުރީ މަޑުމައިތިރިކަމެވެ.

"އޯކޭ... އޯކޭ... ހޭޒަލް ޓައިމެއްބުނޭ، އަހަރެމެން ޢާންމުކޮށް އަރާތަން އޯކޭތަ؟" އަވަސްއަވަހަށް ދާރިއަން ވާހަކަދެއްކިއެވެ.

"ރަނގަޅުވާނެ... އަސުރުގެ ފަހުން ވަގުތެއްބުނޭ، އިރާދަކުރެއްވިއްޔާ އެތަނަށް އަހަރެން ދާނަން" ހޭޒަލް ބުންޏެވެ. ދާރިއަންއަށް ހިނިތުންވެވުނީ ބޭއިޚްތިޔާރުގައެވެ.

"އަހަންނަށް ވެސް އެހާއިރު ރަނގަޅު، ސޯ.... ފޯފިފްޓީން އޯކޭތަ؟" ދާރިއަން އަހާލިއެވެ.

"އާން!...ރަނގަޅު!... އެހާއިރަށް އަހަރެން ދާނަން" ހޭޒަލް ބުންޏެވެ. އޭނާގެ ކުރީން ހުންނަ ސަމާސާ ރާގެއްނެތްކަން ދާރިއަންއަށް ފާހަގައެއްނުވިއެވެ. އެއަށްވުރެ ހަމައެކަނި އެ އަޑުއިވުނުކަމަށް ޓަކައި ދާރިއަންގެ ހިތް އުފަލުން ފުމެނަގަނީއެވެ. ތުންފަތުގައިވި ހިނިތުންވުން ފުޅާވެފައިވާއިރު ދެކޯ ވާޅުވުމުގެ އިޙްސާސެއް ނުކުރެވެއެވެ.

"ހޭޒަލް!..." ހޭޒަލް ކޯލު ކަނޑާލަނީއޭ ހީވެ ކުއްލިއަކަށް ދާރިއަންއަށް ގޮވާލެވުނެވެ. އެހާ އަވަހަށް ފޯނުކޯލު ނިންމާލާކަށް ދާރިއަންގެ ގަސްދެއްނެތެވެ.

"ހޫމް!..." ހޭޒަލްއަށް ވެސް ހޫން ލައްވާލެވުނީ ދާރިއަން އެއްޗެއް ބުނަން އުޅެނީއޭ ހީވެގެންނެވެ.

"ދަނީތަ... އިހަށް ފޯނުނުބާއްވާ މަޑުކޮށްލެވިދާނެތަ؟" ދާރިއަންއަށް ބުނެވުނެވެ. ޚިޔާލުތަކަށް ގެއްލިފައި ހުރެ ކަނާތުން ފޯނު ކަންފަތުގައި ޖައްސާލައިގެން ވައަތުން ގަމީހުގެ ގޮއްފޮއްޗާ ކުޅެލަކުޅެލާ އޭނާއަށް ހުރެވުނެވެ. މިވަގުތު އޭނާ އެނގޭ މީހަކަށް ފެނިއްޖެނަމަ އަޖައިބުވާނޭކަން ޔަގީނެވެ. ދާރިއަންގެ މޫނުގައިވި އަސަރާއި އޭނާގެ ހަރަކާތްތައް އޭނާގެ ޠަބީޢަތާ ނުގުޅޭވަރު ފާޅުވޭވޭ ހުރުމުންނެވެ. އޭނާގެ މަޑުމައިތިރި ބަސްމަދު މިޒާޖާ އެއްވެސް ގުޅުމެއްނެތް ކަހަލައެވެ.

"ވަރަށް ލަސްވެއްޖެ ދާރިއަން..." ހޭޒަލް ހަނދާންކޮށްލަދިނެވެ.

"އޯ!... ނިދާގަޑިޖެހުނީ ދޯ... ސޮރީ..." ދާރިއަން އަވަސްއަރުވާލާފަ ބުންޏެވެ. އަދި ކޯލު ވަގުތުން ކަނޑާލެވުނެވެ. ކަނާތުގެ ތެރޭ އޮތް ފޯނަށް ބާރުކޮށްލެވުނީ ފޯނު ފުނޑުފުނޑުކޮށްލަން ބޭނުންވެ ކަމަށް ވެދާނެއެވެ. ފަޅިސިކުންތެއްގެ ތެރޭ އޭނާގެ ހަމަޖެހިފައި ހުރި ޠަބީޢަތް ބަދަލުވެގެންދިޔައީއެވެ.

"ސްޓުޕީޑް މީ... އޭނާ މިގަޑީގަ އަހަންނާ ވާހަކަދައްކާކަށް ބޭނުމެއްނުވާނެ ދޯ... މީ އެ ދެމީހުން އެކުގައިވާން ބޭނުންވާނެ ވަގުތު..." ރެއިލިންގައި ލެނގިލި ދާރިއަންގެ ހިތް ބުނެލިއެވެ. ރުޅިވެރިކަމާއި ހަސަދައިގެ ހޫނުކަން އެ ނަފްސަށް އަނިޔާދޭންފެށިއެވެ.

"ސްޓޮޕް އިޓް..." އަމިއްލަ ހިތާ ދިމާއަށް ދާރިއަންއަށް ބުނެލެވުނެވެ. ލިއަމްގެ ނަސީބުގަދަކާމެދު ދާރިއަންއަށް ހަސަދަވެރިވެވެނީ ނަފްސުގެ ބަލިކަށިކަމުންކަން ޚުދު އޭނާއަށް އެނގެއެވެ. ޖަޒުބާތުގެ ބާރު އޭނާގެ މައްޗަށް ވެރިވެގަންނަ ހަމައެކަނި ވަގުތަކީ ހޭޒަލްގެ ޚިޔާލުކުރެވޭ ވަގުތެވެ. އޭނާއަށް އެވަރަށް ހިތްއެދޭއިރު އެއީ އެހެންމީހެއްގެ ހައްޤެކޭ އަމިއްލަ ޟަމީރު ހަނދާންކޮށްދޭ ވަގުތެވެ. އޭނާގެ މި ބަލިކަށިކަމާމެދު ލަދުވެތިވެއެވެ. އެހެންވިޔަސް އެ ޚިޔާލުތަކާ އޭނާއަށް ދުރަކަށް ނުދެވުނެވެ. ހޭޒަލްއަކީ ދޫކޮށްލުން ރަނގަޅުވިޔަސް ދޫކޮށްނުލެވޭނެ ޑްރަގެއް ކަހަލައެވެ. ދުނިޔެމަތިން ލިބުމަށް އެދެވޭ ހަމައެކަނި މަސްތުކަމެވެ.
ނިތްކުރީގައި ދެއަތް ގެނެސް ދާރިއަން ޖައްސާލިއެވެ. ހޭޒަލް މާގިނަ ވާހަކަ ނުދެއްކިކަން ފާހަގަވީ ދެނެއެވެ. އެއާއެކު އެ ހިތަށް ފުރަތަމަ އައީ ލިއަމްގެ ނަމެވެ. ހޭޒަލްގެ ގާތުގައި ލިއަމް ހުރީކަމަށް ވެދާނެއެވެ. އޭނާއަށް ވާހަކަނުދެއްކުނު ސަބަބަކީ އެއީއެވެ. ދާރިއަންއާއި ހޭޒަލްއަކީ ރޭގަނޑު ވާހަކަދައްކަން ފޯނުގައި ތިބޭކަހަލަ ރައްޓެހިންނެއްނޫނެވެ. އެފަދަ ގާތްކަމަކަށް ދާރިއަން ބޭނުންވިޔަސް އޭނާ ހުރީ ހޭޒަލް ބެހެއްޓި ހިސާބުގައެވެ. އިސްނަގަން ނުކެރިފައެވެ. ކުއްލިއަކަށް މިރޭ އޭނާއަށް އެވީގޮތެއް ޚުދު އޭނާއަށް ވެސް ނޭގެއެވެ. ހިސާބެއްގެ ހާސްކަމެއް ދާރިއަންއަށް ލިބުނެވެ. އޭނާއަށް ބުނެވުނު އެއްޗަކުން ހޭޒަލް ހީކުރާނޭ ގޮތަކާމެދު މާބޮޑަށް އޭނާ ފިކުރުކުރެވޭގޮތް ވެއްޖެއެވެ.

"މަޢާފަށް އެދޭނީ... އާން!... މާދަމާ ބައްދަލުވީމަ އެންމެ ފުރަތަމަ ކަމަކަށް ވެސް މަޢާފަށް އެދޭނީ، ހޭޒަލް ޤަބޫލުކުރާނެ، އަހަންނަކީ އެހެން ފިރިހެނުން ކަހަލަ މީހެއްނޫންކަން އޭނާއަށް އެނގޭނެ... އޭނާ ކިބައިން ނުބައިކަމަކަށް އަހަރެން ނޭދޭނަން" ދާރިއަންގެ ތެޅިފޮޅެމުންދިޔަ ހިތުގައި އޭނާގެ ޟަމީރު ފިރުމާލި ކަހަލައެވެ. އެ ވިސްނުން އޭނާއަށް ކަމުދިޔައެވެ. މަޑުމަޑުން އަމިއްލަ ނަފްސަށް ބޯޖަހާލެވުނެވެ.

* * * * *

އައު ދުވަހެކެވެ. ހާމަފެންޑާތެރެ ފަރުމާކޮށް ޒީނަތްތެރި ކުރަން ރިޒްވާނު ވިސްނީ ހޭޒަލްއަށް ޓަކައެވެ. އެ ޢާއިލާ ވަގުތު ހޭދަކުރާ ތަނަކަށް އެތަން ހެދުމަށްޓަކައެވެ. ހޭޒަލް ހަމައަކަށް އެޅުނު ފަހުން ހެނދުނުގެ ނާސްތާ ނަގާ ތަނަކަށް ހާމަފެންޑާ އޮންނަނީ ވެފައެވެ. އެމީހުން ދިރިއުޅޭ އެޕާޓްމެންޓުން ފެށިގެން މައްޗަށް އެ އިމާރާތުގައި ކުއްޔަށް އުޅޭ މީހުންނަށް ނޭރޭނެތީ އެ ކުޑަކުޑަ ޢާއިލާއަށް ބައެއްގެ އުނދަގޫ ކުރިމަތިވުމުގެ ފުރުޞަތެއް ނެތެވެ.

ސައިތަށި ހިފައިގެން މޭޒުދޮށުން ތެދުވި ހޭޒަލް އައިސް ރެއިލިންގައި އަތްއަޅުވާލައި ހުއްޓިލިއެވެ. ހޭޒަލްއާ ދިމާ ކުރިމަތީ އަލިކަން ފަތުރާލައިގެން އިރު ހުއްޓެވެ. އޭގެ ހޫނު އޭނާގެ މޫނުގެ މަސްތަކަށް އިޙްސާސް ކުރެވުނެވެ. ލުއި ހިނިތުންވުމެއް ހޭޒަލްގެ ތުންފަތަށް ވެރިވިއެވެ. ފާއިތުވި ރޭތަކުން ނުލިބުނު ހިތްހަމަޖެހުމެއް ރޭގައި ހޭޒަލްއަށް ލިބުނެވެ. ދަމު ނަމާދަށް ހޭލެވުނު އިރު އަޖައިބެއް ފަދަ އިޙްސާސެއް އޭނާގެ ހަށިގަނޑު ދައުރުވޭވޭ ހުއްޓެވެ. މިހާދުވަހު ހަށިގަނޑުގައި ހުރި ބަރުކަމެއް ފިލާ ރޫހު ލުއިވެފައިވާ ކަހަލައެވެ. އެ ހިތްހަމަޖެހުމުގެ ޝުކުރު އަދާކުރުންމަތީ އޭނާ ފަތިސްވަންދެން އިނެވެ. ނަމަވެސް އޭނާއަށް ވަރުބަލިކަމެއް ނުލިބެއެވެ.

"ޒެއްލު ރޭގަ ގެއަށް އައިއިރު ހުރި ގޮތް ދުށީންތަ؟" މޭޒުގެ ކޮޅުގައި އިން ރިޒްވާނުގެ ނަޒަރު ހޭޒަލްއިން އޭނާގެ ވައަތްފަރާތު މޭޒުދޮށުގައި އިން ސާއިރާއަށް ހުއްޓާލިއެވެ.

"އާން!... އަހަރެން ބިރުން އެހެން ނުބުނަން މިހުންނަނީ... ބުނެވޭތަނުން އެކުއްޖާގެ މޫނުން ފެންނަ ހިތްހަމަޖެހުން ގެއްލިދާނޭތީ" ސާއިރާއަށް އަވަސް ނަޒަރެއް ހޭޒަލްއަށް ދެވުނެވެ.

"އަހަންނަށް ވެސް ތިކަމާ ވިސްނޭ، ލިއަމް ހުރީ ޒެލްއާ ބައްދަލުކުރަން ބޭނުންވެފަ، އޭނާއާ ބައްދަލުވެދާނެކަމުގެ ބިރު ހޭޒަލްގެ އޮވޭ، އޭނާ ނުކުންނަން ޖެހިލުންވަނީ އެހެންވެ... އިޝްވާ ވެސް ބުނީ ލިއަމްއާ ބައްދަލުކުރާކަށް ހޭޒަލް ތައްޔާރެއްނޫނޭ، އެކަމަކު އަހަރެންގެ ހިތަށް އަރަނީ ލިއަމްއާމެދު ހޭޒަލްގެ ހިތުގައި އޮތް އެއްޗެއް ބޭރުވެގެންނޭ ހޭޒަލްގެ އެ ބިރު ފިލާނީ" ރިޒްވާނުގެ ޚިޔާލު ހާމަކުރިއެވެ.

"ލިއަމްގެ ޢާއިލާ މީހުން ވެސް ކަންތައް އެކުރީ ކިހިނެއް؟... އެމީހުން ބަލާވެސްނުލި ހޭޒަލް ކިހިނެއްތޯ ވެސް... އަހަރެންގެ ޒެއްލު ހާދަ ހިތްވަރުގަދައޭ، އޭނާގެ އެކަނިވެރިވާކަން އަހަރެމެންނަށް ވެސް ނާންގާ، ހީނލާފައި ނިކަން ހަމަޖެހިލައިގެން އުޅެމުންދިޔައިރު ޝައްކު ވެސް ނުވި" ސާއިރާގެ ހިތަށް އަބަދުއަރާ އެއްޗެއް ހާމަކުރިއެވެ.

"ސާއިރާ، އަހަރެން ބުނީމެންނު އެމީހުންނާއި އެމީހުން ކަންތައްކުރި ގޮތެއް އަހަންނަށް މުހިންމެއްނޫނޭ، އަހަރެމެންގެ ދަރިފުޅު މިހުންމީ... އޭނާ ކިތަންމެ ބޮޑުވެފައި ހުއްޓަސް އަހަރެމެންނޫނީ އެ ދަރިފުޅަށް މަދަދެއްވާނޭ ބަޔަކުނެތް، އޭނާ ވެއްޓުނީމަ ނަގަން ތިބި ބަޔަކީ އަހަރެމެން... އަހަރެންގެ ދަރިފުޅަށް އެހެންމީހަކު އަޅާލާނޭކަމަށް އަހަރެން އެއްފަހަރު ވެސް ނުވިސްނަން، ﷲ އިރާދަކުރެއްވިއްޔާ އެ ދަރިފުޅު މި ބުރަކަށިމައްޗަށް ލައިގެން އުފުލާނެހާ ވަރު އަދިވެސް އެބަހުރި، އަހަރެން ހާދަ އިންތިޒާރެއް ކޮށްފީމޭ... އެހިތުގެ ފާރުތައް ހިކި ހިނިތުންވާނޭ ދުވަހަކަށް" ރިޒްވާނުގެ އަތްތިލައިގެ ތެރެއަށް ސާއިރާގެ އަތްތިލަ ލައްވާލައި ބާރުކޮށްލިއެވެ.

"ތީ އަހަރެންގެ ނަސީބު... އަހަރެންގެ ދަރީންގެ މައްޗަށް ﷲ ފޮނުވެވި ރަޙުމަތެއް... އިނދެގެން މިހާ ދުވަސްވީއިރު އަދިވެސް އަހަރެންގެ ހިތް ލެނބި ޖަޒުބާތުތައް އުތުރިއަރާ ފަދަ އައުކަންކަން ރިޒްވާނުގެ ފުށުން ފާޅުވޭ، އަދިވެސް އަހަރެމެންގެ ކައިވެނީގެ ފުރަތަމަ ދުވަސްތައްހެން ހީވަނީ" ލޯތްބާއެކު ރިޒްވާނުގެ އިނގިލިތަކާއެކު ދެއަތް މަހާލައި ހިނިތުންވެލިއެވެ. ރިޒްވާނަށް ހީނލެވުނެވެ. އެ ހުދުހުދު ދަތްތައް ފާޅުވާވަރަށެވެ.

"ތީ އަހަރެން ލިބުމަށް އެދިއެދި ހުރި ލޯތްބެއް" ހިނިތުންވުމުގެ ތެރެއިން ރިޒްވާނު ބުނެލިއެވެ.

މޭޒު ފެންނާނޭހެން އެނބުރިލި ހޭޒަލްއަށް އޭނާގެ މަންމައާއި ރިޒްވާނު ތިބިގޮތް ފެނުނެވެ. އެ ދެ މީހުންގެ މޫނުން ފާޅުވާ ހިނިތުންވުން ފެނި ބޭއިޚްތިޔާރުގައި އޭނާއަށް ހިނިތުންވެވުނެވެ.

"ކޮންމެ ފިރިހެނަކީ ރިޒްވާނު ބައްޕަ ފަދަ މީހަކަށް ވާނެނަމަ، އޭރުން ކޮންމެ އަންހެނެއްގެ ހިތުގައި ޔަގީންކަންވާނެ، ދެމެދަށް ވަދެ ވަކިކުރާ އެއްޗެއްކަމުގައި އޭރުންވާނީ ހަމައެންމެ ކަމެއް... މަރުވުން... އެހެންވިޔަސް އެއީ ވަގުތީ ވަކިވުމެއް، ދުނިޔެވީ ވަކިވުމެއް... އަހަރެން އެދުނީ ދާއިމީ ބައިވެރިއަކަށް، ހުރިހާ ގޮތަކުން ފުރިހަމަ ބައިވެރިއަކަށް... މޭބީ ދެޓްސް ޓޫ މަޗް ޓު އާސްކް، އެކަހަލަ މީހަކު މިދުނިޔެއިން ލިބެންނެތީ..." ހިނިތުންވުމުގެ ފަހަތުގައި ހޭޒަލްގެ އަޑު ސިއްރުވެފައި ވިއެވެ.

ރިޒްވާނު އަތުން އައުމަށް ހަނާއަޅާލިއެވެ. އެއާއެކު ހޭޒަލް މަޑު ހިނގުމެއް މޭޒު ކައިރިއަށް އަތުވެއްޖެއެވެ. މޭވާތަށި ނުކައި ހުރުމުން އެއަށް ރިޒްވާނު އިޝާރާތްކުރިއެވެ. މޭޒުދޮށުގައި ހޭޒަލް އިށީނުމުން ސާއިރާ ވާހަކަދައްކަން ފެށިއެވެ. ޢާއިލާގެ ހުރިހާ ކުދީން ދަތުރަކު ދާން ޚިޔާލުބަދަލުކުރިއެވެ. އެ ވާހަކައިގެ ތެރެއިން ހަވީރު ހޭޒަލް ބޭރަށް ދާން ގަސްދުކޮށްފައި އޮތްކަން ބުންޏެވެ. ރިޒްވާނު ގާތު އޭނާ ގެންގޮސްދެވިދާނެތޯ އެއްސެވެ.

"ދާރިއަން އޭނައަށް ކިޔަނީ..." ރިޒްވާނު ކުރި ސުވާލަށް ހޭޒަލް ޖަވާބުދިނެވެ.

"ފޯނުން އެކަހަލަ ކަމަކާ ވާހަކަދެއްކުމަށްވުރެ ރަނގަޅުވާނީ ވެސް ބައްދަލުކޮށްލުން، ޒެލް ބޭނުންވާ އެއްޗެއް އެބަހުރިތަ؟ ލެޕްޓޮޕެއް އެއްޗެއް ވެސް ދަރިފުޅު ނުގެންގުޅެމެންނު، ދޮންބެއަށް އެނގޭނެ ރަނގަޅު ވައްތަރުތައް..." ރިޒްވާނު ވިސްނާލިއެވެ.

"އަދި އެކަހަލަ އެއްޗެއް ބޭނުމެއްނުވޭ... އިހަށް ވާހަކަދައްކާލާނީ، އޭނާގެ ވިސްނުން ހުރިގޮތެއް ޔަގީންކޮށްލާފަ އެއްޗެއް ބޭނުމިއްޔާ ބައްޕަ ގާތު ބުނާނަން" ހޭޒަލް ބުނެލިއެވެ.

"އޯކޭ... އެކަމް ތި ތަށީގެ ހުރި އެތިކޮޅު ހުސްކޮށްލަންވާނެ، ބޭރަށް ދެވޭނީ އޭރުން" ރިޒްވާނު ބުނެލިއެވެ. ހޭޒަލްއާއި ސާއިރާއަށް ރިޒްވާނު ބުނެލިގޮތް މަޖާވިއެވެ.

* * * * *

ކަރުގައި އޮތް ޓައީ ނަގައި ޖެހިގެން ހުރި ސީޓުމައްޗަށް ދާރިއަން އެއްލާލިއެވެ. ހިތްއަވަސްވެފައިވާއިރު ކާރު ޕާކުރާނޭ ތަންކޮޅެއް ނުލިބިގެން ކުދިކިޔާލެވުނެވެ. ތަންކޮޅެއް ލިބުނުއިރު ލިބުނީ އޭނާ ހޭޒަލްއާ ބައްދަލުކުރާ ރެސްޓޯރެންޓާ މާދުރުންނެވެ. ކާރުން ފައިބައިގެން އަންނަމުން އޭނާ އަތުކުރީ އޮތް ގަޑިއަށް ބަލާލިއެވެ. ހަތަރުގަޑި ފަނަރަ ހިނގަންވާއިރަށް ހޭޒަލްގެ ކުރިން ރެސްޓޯރެންޓުގައި އިންނަން ދާރިއަން ގަސްދުކުރިއެވެ. މިހާރު ގަޑިން ހަތަރުގަޑި ވިހިވެއްޖެއެވެ. އިތުރު ހިތްނުތަނަވަސްކަމެއް އޭނާއަށް ލިބުނެވެ. ދެފަޔަށް ބާރުލައި ހިނގުން ހަލުއިކޮށްލިއެވެ. ރެސްޓޯރެންޓު ފެންނަންވީއިރަށް އޭނާއަށް މަޑުމަޑުން ދުވެވެން ފެށިއެވެ.

ރެސްޓޯރެންޓަށް ވަންނަ ދިމާ ހުރި ދެ ހަރުފަތުގެ ސިޑި ކުރިމަތީ ދާރިއަން މަޑުޖެހިލިއެވެ. ނޭވާ ހަމައަކަށް އެޅެންދެނެވެ. ގޮށްފަތީގައި މެޔާ ދިމާއިން އޭނާގެ ކަނާއަތް ހިންގާލިއެވެ. ތެޅިތެޅި އޮތް ހިތަށް ވިސްނައިދިން ކަހަލައެވެ. އެހެންވިޔަސް މޮޔައެއްހެން އެ ތުންފަތަށް ވެރިވެފައިވާ ހިނިތުންވުން ފިލުވާލައި ސީރިއަސްކަން ގެނައުމަށް ކުރި މަސައްކަތް ދިޔައީ ބޭކާރުވަމުންނެވެ. އިތުރަށް މަޑުކުރުމުން ގެއްލެނީ އަގުހުރި ވަގުތުތަކެއްކަން ވިސްނި ދާރިއަން ހަރުފަތްތައް ގިރާކޮށް އެތެރެއަށް ވަދެއްޖެއެވެ. ރެސްޓޯރެންޓުގެ ހާމަޑެކަށް އެރުމަށް ހުރި ސިޑީގެ ހަރުފަތްތަކުން އޭނާ އެރިއެވެ. ދެ މޭޒެއްގައި މީހުން ތިއްބެވެ. އެކަހެރިކޮށް އަންހެންކުއްޖަކު މޭޒެއްގެ ދޮށުގައި އިނީތީ ދާރިއަންއަށް ފެނުނެވެ. ދާރިއަންއަށް މަޑުކޮށްލެވުނީ ހޭޒަލް ނުފެނިގެންނެވެ. އަތުކުރީ އޮތް ގަޑިއަށް އޭނާ ބަލާލިއެވެ.

"ހޭޒަލްއަށް ނާދެވުނީތަ؟" ކުއްލިއަކަށް ދާރިއަންގެ ހިތަށް އެރިއެވެ. އެވަގުތު ވެއިޓަރެއް އޭނާގެ ކައިރިން އަޅާފައި ތަބަށް ހިފައިގެން ދިޔައެވެ. އޭނާ ގޮސް ހުއްޓުނީ އަންހެންކުއްޖާ އިން މޭޒު ދޮށުގައެވެ. ތަބަކުން ނެގި ޖޯޑު ބެހެއްޓި ވަގުތު އޭނާއަށް އެ އަންހެންކުއްޖާގެ މޫނުގެ އެއްފަޅި ފެނުނެވެ. ދަންނަވައްތަރު ޖެހިއެވެ. ހަނދާނަށް އައީ އިޝްވާގެ ކުލިނިކުން ނުކުންނަ އަންހެންކުއްޖާގެ މަތިންނެވެ.

"އެއީ އެ އަންހެންކުއްޖާ... މިކަހަލަ ތަނެއްގައި އޭނާ އެކަނިމާއެކަނިތަ؟... ބައިވެރިވާނޭ މީހަކުވެސް ނެތީތަ؟... ނެވާ މައިންޑް، އަހަންނާ ބެހޭކަމެއްނޫން އެއީ، އަހަރެން އިމޯޝަނަލްވާން އެއީ ކާކުކަމެއް ވެސް ނޭނގެ، ދެރައީ އޭނާ އޭނދީ އަހަންނާއި ހޭޒަލް ތިބޭތަނުގާވީމަ" ދެފަރާތަށް ބޯހޫރާލައި ދާރިއަން އައިސް ހުސްކޮށް ހުރި މޭޒެއްގައި އިށީނެވެ. އޭނާ ފޯނު ނަގައި ހޭޒަލްއަށް ގުޅިއެވެ.

"ކޮންއިރެއް ހޭޒަލްގެ އިންތިޒާރުގަ އިންނަތާ" ހޭޒަލް ހެލޯއޭ ބުނިއަޑަށް ދާރިއަން ބުންޏެވެ. ފޯނަށްވުރެ ބޮޑަށް އޭނާއާ ދާދި ގާތުން އެ އަޑު އިވުނުހެން ވެސް ހީވިއެވެ.

"ތީ ދޮގެއް، އަހަރެން ވެސް މިއިނީ އެތަނުގައި، މިތާ ހުރިނަމަ އަހަންނަށް ފެންނާނެ" ހޭޒަލް ބުނެލިއެވެ.

"މިތާނަމަ އަހަންނަށް ވެސް ހޭޒަލް ފެނުނީސް" ދާރިއަން ގޮނޑިން ތެދުވިއެވެ.

"ކޮބާ ތީނަ؟..." ހޭޒަލް ގޮނޑި ފަހަތަށް ޖައްސާލައި ތެދުވިއެވެ. އެ ޑެކަށް އަރަން ހުރި ސިޑި ފެންނާނޭހެން އޭނާ އެނބުރިލިއެވެ. ހުރިހާ ދިމާއަށް ނަޒަރު ހިންގާލި ދާރިއަންއަށް ފޯނުކަންފަތުގައި ޖައްސާލައިގެން ހުރި ހޭޒަލް ފެނިއްޖެއެވެ. އޭނާ ފޯނުކޯލު ކަނޑާލައި ދާރިއަންއަށް ބަލަން ހުރެ ކުޑަކޮށް އަތުން ހަނާއަޅާލިއެވެ.

"އިޒް ދިސް ރިއަލް... އެއީ ހޭޒަލްއަށްވާނީ ކިހިނެއް؟" ކުރިއަށް ފިޔަވަޅެއް އެޅުމުގެ ކުރީން ދާރިއަންއަށް އަމިއްލަ ހިތާ ސުވާލުކޮށްލެވުނެވެ. (ނުނިމޭ)