ހަބަރު

ލީކުވި އޮޑިޓް ރިޕޯޓްގައި ބޮޑެތި އޮޅުންތަކެއް އެބަ ހުރި: ޓީއެމްއޭ

ލީކުކޮށްފައިވާ އޮޑިޓާ ޖެނެރަލް އޮފީހުގެ ރިޕޯޓުގައި ބޮޑެތި އޮޅުންތަކެއް އެބަ ހުރި ކަމަށް ޓްރާންސް މޯލްޑިވިއަން އެއާވެސް (ޓީއެމްއޭ) އިން ބުނެފި އެވެ.

ޓީއެމްއޭއިން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، އޮޑިޓަރ ޖެނެރަލްގެ ރިޕޯޓެއްގެ މައްޗައް ބިނާކޮށް، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ އާ ސީޕްލޭން ޓާމިނަލްއާ ގުޅޭގޮތުން މީޑިއާގައި ދެކެވެމުންދާ ބައެއް ވާހަކަ ތަކުގައި ނުރަނގަޅު މައުލޫމާތު އެބަހުރި ކަމަށެވެ.

ޓީއެމްއޭއިން ބުނީ، މީޑިއާއަށް ލީކްކުރެފައިވާ މި އޮޑިޓަރ ޖެނަރަލްގެ ރިޕޯޓުގައި ވާގޮތުން އާ ސީޕްލޭން ޓަރމިނަލް އެމް.އޭ.ސީ.އެލް އިން ސީދާ
މެނޭޖްކޮއްގެން އާމްދަނީގެގޮތުގައި އަހަރެއްގެ މައްޗައް 47.3 މިލިއަން އެމެރިކާ ޑޮލަރު ލިބޭނެ ކަމަށެވެ. އެެހެން ނަަމަވެސް، ލިބޭނެކަމަށް ލަފާކުރާ 47.3 މިލިއަން ޑޮލަރުގެ އެއަދަދަކީ އެއްގޮތަކަށްވެސް ސައްހަ އަދަދެއް ނޫން ކަމަށާއި، އެއަދަދަކީ ޓީއެމްއޭ ގެ ހިސާބުތަކުން ދަށްކާގޮތުގައި އާމްދަނީގެ ގޮތުގައި ލިބޭނެ އަދަދަކަށްވުރެ 8 ގުނަ އިތުރު އަދަދެއް ކަމަށެވެ.

އޮޑިޓަރ ޖެނެރަލްގެ ރިޕޯޓުގައި ހަގީގީ މައުލޫމާތުގެ ބަދަލުގައި ބޭނުންކޮށްފައިވާ ލަފާ ކުރުންތަކަކީ، އަސްލުކަން ހިނގާ ގޮތް ނޫން ކަމަށާއި، އާސީޕްލޭން ޓާރމިނަލް ރާއްޖޭގައި ސީޕްލޭން އޮޕަރޭޓްކުރާ ހުރިހާ ފަރާތްތައްވެސް ބޭނުންކުރާނެކަމަށެވެ. އަދި ޓީއެމްއޭއިން އެދިފައިވާނީ މިހާރުވެސް 80 ރިސޯޓަށް ހިދުމަތް ދެމުންދާ ސީޕްލޭން އޮޕަރޭޝަން މެދުނުކެނޑި ކުރިޔަށް ގެންދިޔުމަށް ބޭނުންވާ ޖާގަ ލިބިދިނުމަށް ކަމަށެވެ.

ޓީއެމްއޭއިން ބުނީ، މީޑިއާގައި އާ ޓަރމިނަލްއިން ލިބޭނެކަމަށް ރިޕޯޓްކޮށްފައިވާ 47.3 މިލިއަން އެމެރިކާ ޑޮލަރުގެ ސަބަބުން އާންމުންނާއި ބައެއް ސިޔާސީ ފަރާތްތަކުންދަނީ ޓީއެމްއޭ އާއި އެމްއޭސީއެލް އާއި ދެމެދު، އާ ޓަރމިނަލްއިން ޓީއެމްއޭގެ އޮޕަރޭޝަންސްއަށް ބޭނުންވާ ޖާގަ އޮޕަރޭޓްކުރުމަށް، ވެވިފައިވާ އެއްބަސްވުން އުވާލުމަށް ގޮވާލަމުން ކަމަށާއި، އެގޮތަށް އެކަންވެއްޖެ ނަމަ ޓީއެމްއޭގެ އޮޕަރޭޝަނަށް ބުރޫ އަރައި ރާއްޖޭގެ ޓުއަރިޒަމް ސިނާއަތައް ނޭދެވޭ އަސަރު ކުރުން އެކަށީގެންވާ ކަމަށެވެ.

މީގެއިތުރުން އޮޑިޓް ރިޕޯޓުގައި ބަޔާންނުކޮށްހުރި އަނެއް މުހިއްމު މައުލޫމާތަކީ، އާ ޓަރމިނަލްއަށް ބަދަލުވާން ޖެހުމުގެ ސަބަބުން ވަރަށް ބޮޑު ގެއްލުމެއް އެކުންފުންޏަށް ވުން ކަމަށާއި، މިވަގުތު ޓީއެމްއޭއިން ބޭނުންކުރާ އިމާރާތްތަކާއި ލައުންޖްތައް ދޫކޮއްލަން މަޖުބޫރު ވެފައިވާ ކަަމަށެވެ. އަދި
މިއިމާރާތްތަކަކީ 18 މިލިއަން އެމެރިކާ ޑޮލަރުގެ އިންވެސްޓްމަންޓްތަކެއް ކަމަށެވެ.

އެހެންކަމުން ލީކްކުރެވިފައިވާ އޮޑިޓް ރިޕޯޓަކީ ބޮޑެތި އޮޅުންތަކެއް ހިމެނޭ ރިޕޯޓެއް ކަމަށާއި، އެ ރިޕޯޓުގައި ބަޔާންކޮށްފައިވާގޮތަށް
އެމްއޭސީއެލް އިން ޓާމިނަން އޮޕަރޭޓްކޮއްގެން ވަރަށް ބޮޑު އާމްދަނީއެއް ލިބޭނެކަމަށް ބަޔާންކުރެވިފައިވާ އޮތްއޮތުމަކީ ކުއްހީއެއް ކަމަށް ޓީއެމްއޭގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

އެބަޔާނުގައި އިތުރަށް ބުނެފައިވަނީ، ބައެއް މީޑިއާތަކުގައި (ޗަމްޕާ) ހުސެން އަފީފަކީ ޓީއެމްއޭގެ ހިއްސާދާރެއްކަމުގައި ރިޕޯޓުކޮށްފައިވަނީ
ގޯސްކޮށްކަމަށާއި، އޭނާ އަކީ މިހާރު އެކުންފުނީގެ ހިއްސާދާރެއް ނޫން ކަމަށެވެ. 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެމެރިކާގެ ބޭން ކެޕިޓަލް ޕްރައިވެޓް އެކްއިޓީ ހިމެނޭގޮތަށް، އިންވެސްޓަރުންގެ ގްރޫޕަކުންވަނީ ޓީއެމްއޭގެ މެޖޯރިޓީ ހިއްސާ ގަނެފައި ކަމަށާއި، އެއީ މިހާތަނަށް ރާއްޖޭގައިކުރި އެންމެ ބޮޑު އެއް ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ކަމަށެވެ.