ހަބަރު

ޑްރަގާއެކު ހައްޔަރުކުރި ޕްރިންސިޕަލް ސަސްޕެންޑްކޮށްފި

Jan 21, 2020

ނ. މާޅެންދޫގައި ފުލުހުން ހިނގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ޕްރިންސިޕަލް ސަސްޕެންޑްކޮށްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން މިއަދު ބުނީ ފަސް ގްރާމްގެ މަސްތުވާތަކެއްޗާއެކު މި މަހު 13 ގައި ހައްޔަރުކޮށްފައިވަނީ އުމުރުން 49 އަހަރުގެ ޔޫސުފް އާދަމް މިއަދުން ފެށިގެން އޭނާ އަދާކުރަމުންދިޔަ މަގާމުން ސަސްޕެންޑްކޮށްފައިވާ ކަމަށެވެ. ނަމަވެސް އޭނާ ސަސްޕެންޑްކުރި މުއްދަތެއް ނުބުނެއެވެ.

މަސްތުވާތަކެއްޗާއެކު ހައްޔަރުުކުރި ޕްރިންސިޕަލް މިހާރު ވަނީ ފުލުހުންގެ ބަންދުން ދޫކޮށްލާފައެވެ.

ފުލުހުން ބުނީ، ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކޯޓަށް ގެންދިޔުމުން، އިއްޔެ އޭނާ ދޫކޮށްލާފައިވާ ކަމަށެވެ. އެހެންނަމަވެސް ދޫކޮށްލި ސަބަބުން ހާމަ ނުކުރެވޭނެ ކަމަށް ބުންޏެވެ.

ޔޫސުފް ވަނީ މިދިޔަ ތިން އަހަރު މާޅެންދޫ ސްކޫލުގެ ޕްރިންސިޕަލްކަން އަދާ ކޮށްފަ އެވެ. މަސްތުވާތަކެއްޗާއެކު ޔޫސުފް ހައްޔަރުކުރިކަން ފުލުުހުން ވަނީ އެޑިއުކޭޝަން މިނިސްޓްރީގެ ސަމާލުކަމަށްވެސް ގެނެސްފަ އެވެ.