އައްޑޫ ސިޓީ ކައުންސިލުން އެ އަތޮޅު ހުޅުދޫ އާއި މީދޫ ވަކިކޮށް، އެ ދެ ރަށުގައި ރަށު ކައުންސިލެއް އުފައްދައިދިނުމަށް އެދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ޕެޓިޝަނެއް ހުށަހަޅަން ތައްޔާރު ވެއްޖެ އެވެ.
ހުޅުދޫ އާއި މީދޫގެ އިންތިޒާމް ކޮމިޓީގެ ފަރާތުން "އަފިރިންގެ ކައުންސިލް އަފިރިން" ގެ ނަމުގައި ތައްޔާރުކޮށް ރައީސް ހުށަހަޅަން މަސައްކަތް ކުރަމުންދާ ޕެޓިޝަނުގައި ބުނެފައި ވަނީ މީދޫ އާއި ހުޅުދޫގެ ގިނަ މީހުން އެދެނީ ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެ ދެ ރަށުގައި ރަށު ކައުންސިލެއް އުފެއްދުމަށް ކަމަށެވެ.
އެ ޕެޓިޝަނެއް ސޮއި ހޯދުމުގެ މަސައްކަތް ހުޅުދޫ އާއި މީދޫގެ އިންތިޒާމް ކޮމިޓީގެ މެންބަރުންނާއި ދެ ރަށުގެ ބައެއް ޒުވާނުން އިސްވެގެން ކުރިއަށް އެބަ ގެންދެ އެވެ.
ލާމަރުކަޒީ ގާނޫނު އެންމެ ފުރަތަމަ ފާސްވިއިރު، ކައުންސިލަކަށް ސިޓީއެއްގެ ދަރަޖަ ދެވެނީ އެ ކައުންސިލްގައި ހިމެނޭ ރަށެއްގެ ނުވަތަ ރަށްރަށުގެ އާބާދީގައި 30،000 ހަމަވުމުންނެވެ. އައްޑު އަތޮޅުގެ ހުރިހާ ރަށެއް ހިމެނޭ ގޮތަށް މުޅި އަތޮޅަށް ސިޓީއެއްގެ ދަރަޖަ 2011 ވަނަ އަހަރު ދެވުނީ އެ އަތޮޅުގެ ހުރިހާ ރަށެއް ގުޅިގެން 30،000 މީހުންގެ އާބާދީ ހަމަވާތީ އެވެ.
އެކަމަކު ލާމަރުކަޒީ ގާނޫނަށް 2014 ވަނަ އަހަރު ގެނައި އިސްލާހާ އެކު ކައުންސިލެއްގައި 10،000 މީހުންގެ އާބާދީ ހަމަވާނަ އެ ކައުންސިލަކަށް ސިޓީއެއްގެ ދަރަޖަ ދެވެ އެވެ. އެ އިސްލާހުގެ ދަށުން ފުވައްމުލަކަށް ސިޓީއެއްގެ ދަރަޖަ އެ އަހަރު ދެވުނުއިރު، މި އަހަރުގެ ފުރަތަމަ ދުވަހު ވަނީ ހދ. ކުޅުދުއްފުށްޓަށް ވެސް ސިޓީއެއްގެ ދަރަޖަ ދީފަ އެވެ.
ހުޅުދޫ އާއި މީދޫގެ އިންތިޒާމް ކޮމިޓީން ތައްޔާރު ކުރާ ޕެޓިޝަންގައި ބުނެފައި ވަނީ ލާމަރުކަޒީ ގާނޫނު މިހާރު ބުނާ ގޮތުންނަމަ އައްޑޫ ސިޓީގެ ކައުންސިލުން އެ ދެ ރަށް ވަކި ކުރި ކަމުގައި ވިޔަސް، އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްރަށް ހިމަނައިގެން އަދި އެ ސިޓީގެ އެންމެ އާބާދީ ބޮޑު އަވަށް ކަމުގައިވާ ހިތަދޫގައި އެކަނި ވެސް ސިޓީ ކައުންސިލެއް އުފައްދާނެ އާބާދީ އޮންނާނެ ކަމަށެވެ.
ޕެޓިޝަންގައި އިތުރަށް ބުނެފައި ވަނީ ހުޅުދޫ އާއި މިދޫގައި ރަށު ކައުންސިލެއް ވެސް އުފެދިފައި ނެތުމުން ލާމަރުކަޒީ ގާނޫނުގެ ދަށުން އެހެން ރަށްރަށުގައި ރައްޔިތުންނާ ގާތުން ލިބެމުންދާ ހިދުމަތްތައް ވެސް އެ ދެ ރަށުގައި ނުލިބޭ ކަމަށާއި އެ ދެ ރަށުގެ ރައްޔިތުންނަށް ލިބެން ޖެހޭ ހިދުމަތްތައް ކަނޑައަޅަނީ ހިތަދޫގައި އޮންނަ ސިޓީ ކައުންސިލްގެ އިދާރާ އިން ކަމަށެވެ.
އައްޑޫ ސިޓީ ކައުންސިލްގައި ހުޅުދޫ އާއި މީދޫ ތަމްސީލު ކުރާ ދެ ކައުންސިލަރުން ތިބި ނަމަވެސް ސިޓީ ކައުންސިލުން އެ ދެ ރަށަށް ދޭން ޖެހޭ ގިނަ ހިދުމަތްތައް ނުދެވޭ ކަމަށާއި ދެ ރަށުގެ ތަރައްގީއަށާއި މަސްލަހަތަށް ނިންމުންތައް ނިންމެނީ ވެސް މަދު ފަހަރަކު ކަމުގައި އެ ޕެޓިޝަންގައި ބުނެފަ އެވެ.
އައްޑު އަތޮޅުގައި މީހުން ދިރިއުޅޭ ހަ ރަށް އޮންނައިރު، ހުޅަނގު ފަރާތުގައި އޮންނަ މީހުން ދިރިއުޅޭ ހަތަރު ރަށް ވަނީ ލިންކް ރޯޑަކުން ގުޅާލަފަ އެވެ. ހުޅުދޫ އާއި މީދޫ އޮންނަނީ އެ ރަށްތަކާ ވަކިން އަތޮޅުގެ އިރުމަތީ ފަރާތުގަ އެވެ. ހުޅުދޫ އާއި މީދޫ ވެސް ވަނީ އެއް ފަސްގަނޑަކަށް ހަދައި ގުޅާލައިފަ އެވެ.