އައްޑޫ ސިޓީ

ހުޅުދޫ - މީދޫ ޕެޓިޝަން މަޖިލީހާއި އީސީއާއި އެލްޖީއޭއަށް ފޮނުވައިފި

އައްޑޫ ސިޓީ ކައުންސިލުން އެ އަތޮޅު ހުޅުދޫ އާއި މީދޫ ވަކިކޮށް އެ ދެ ރަށުގައި ރަށު ކައުންސިލެއް އުފެއްދުމަށް އެދި ހުށަހަޅާ ޕެޓިޝަން ރައްޔިތުންގެ މަޖިލީހާއި އިލެކްޝަންސް ކޮމިޝަން (އީސީ) އާއި ލޯކަލް ގަރުވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ފޮނުވައިފި އެވެ.

ޕެޓިޝަންގެ މަސައްކަތުގައި އިސްކޮށް އުޅޭ ހުޅުމީދޫގެ އިންތިޒާމް ކޮމިޓީގެ ޗެއާ އަހްމަދު ޝަރީފު މިއަދު ވިދާޅުވީ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އީސީގެ ރައީސް އަހްމަދު ޝަރީފާއި އެލްޖީއޭގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އިތުރުން ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބާއި މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމަށް ޕެޓިޝަން ފޮނުވާފައިވާ ކަމަށެވެ.

ހުޅުދޫ އާއި މީދޫގެ އިންތިޒާމް ކޮމިޓީގެ ޗެއާ ޝަރީފު އިތުރަށް ވިދާޅުވީ އިންތިޒާމް ކޮމިޓީން އެ މަސައްކަތް ކުރަމުން ދަނީ ލާމަރުކަޒީ ގާނޫނުގެ ރޫހާ އެއްގޮތަށް ވީހާ ވެސް ގާތުން ހިދުމަތްތައް ލިބިގަތުމަށް އެ ދެ ރަށުގެ ގިނަ އަދަދެއްގެ މީހުން އެ ދެ ރަށުގައި ރަށު ކައުންސިލެއް އުފެއްދުމަށް އެދެމުންދާތީ ކަމަށެވެ.

ލާމަރުކަޒީ ގާނޫނު އެންމެ ފުރަތަމަ ފާސްވިއިރު، ކައުންސިލަކަށް ސިޓީއެއްގެ ދަރަޖަ ދެވެނީ އެ ކައުންސިލެއްގައި ހިމެނޭ ރަށެއްގެ ނުވަތަ ރަށްރަށުގެ އާބާދީގައި 30،000 މީހުން ހަމަވުމުންނެވެ. އަތޮޅު އަތޮޅުގެ ހުރިހާ ރަށެއް ހިމެނޭ ގޮތަށް މުޅި އަތޮޅަށް ސިޓީއެއްގެ ދަރަޖަ 2011 ވަނަ އަހަރު ދެވުނީ އެ އަތޮޅުގެ ހުރިހާ ރަށެއް ހިމަނައިގެން 30،000 މީހުންގެ އާބާދީ ހަމަވާތީ އެވެ.

އެކަމަކު 2014 ވަނަ އަހަރު އެ ގާނޫނަށް ގެނައި އިސްލާހާ އެކު ކައުންސިލެއްގައި 10،000 މީހުންގެ އާބާދީ ހަމަވާނަމަ އެ ކައުންސިލަކަށް ސިޓީއެއްގެ ދަރަޖަ ދެވެ އެވެ. އެ އިސްލާހުގެ ދަށުން ޏ. ފުވައްމަލަކަށް އެ އަހަރު ސިޓީއެއްގެ ދަރަޖަ ދެވުނުއިރު، މި އަހަރުގެ ފުރަތަމަ ދުވަހު ވަނީ ހދ. ކުޅުދުއްފުއްޓަށް ވެސް ސިޓީއެއްގެ ދަރަޖަ ދީފަ އެވެ.

ޕެޓިޝަންގައި ފާހަގަ ކޮށްފައިވާ ގޮތުން، ލާމަރުކަޒީ ގާނޫނު މިހާރު އޮތް ގޮތުންނަމަ އައްޑޫ ސިޓީގެ ކައުންސިލުން ހުޅުދޫ އާއި މީދޫ ވަކިކުރިޔަސް، އެ ސިޓީގެ ގުޅިފައިވާ ރަށްރަށް ހިމަނައިގެން އާބާދީގައި 10،000 މީހުން ހަމަވާނެ އެވެ. އަދި އައްޑޫ ސިޓީގެ އެންމެ އާބާދީ ބޮޑު، ހިތަދޫގައި އެކަނި ވެސް ސިޓީ ކައުންސިލެއް އުފައްދަން ބޭނުންވާ އެ އަދަދުގެ އާބާދީއެއް އޮންނާނެ އެވެ.

އައްޑު އަތޮޅުގައި މީހުން ދިރިއުޅޭ ހަ ރަށް އޮންނައިރު، ހުޅަނގު ފަރާތުގައި އޮންނަ މީހުން ދިރިއުޅޭ ހަތަރު ރަށް ވަނީ ލިންކް ރޯޑަކުން ގުޅާލަފަ އެވެ. އެއީ ހިތަދޫއާއި، މަރަދޫއާއި، މަރަދޫފޭދޫ، އަދި ފޭދޫ އެވެ. ހުޅުދޫ އާއި މީދޫ އޮންނަނީ އެ ރަށްތަކާ ވަކިން އަތޮޅުގެ އިރުމަތީ ފަރާތުގަ އެވެ. ހުޅުދޫ އާއި މީދޫ ވެސް އޮންނަނީ އެއް ފަސްގަނޑަކަށެވެ.