ޖޭއެސްސީ

ހަސަން ދީދީ ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލާގައި ނުވަ މީހެއްގެ ބަޔާން ނަގައިފި

ގއ. ކަނޑުހުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ހަސަން ދީދީ އެކޯޓްގެ މުވައްޒަފުންނަށް ޖިންސީ ގޯނާ ކުރާކަމަށް ތުހުމަތު ކުރެވޭ މައްސަލައާއި ގުޅިގެން ނުވަ މީހަކާއި ސުވާލުކޮށް ބަޔާން ނަގައިފި އެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން މިއަދު ބުނީ ކަނޑުހުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ހަސަން ދީދީގެ އެކޯޓްގެ މުވައްޒަފުންނަށް ޖިންސީ ގޯނާ ކުރާކަމަށް ތުހުމަތު ކުރެވޭ މައްސަލަ ތަހުގީގު ކުރުމަށް މިދިޔަ އަަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ފުލުހުންގެ އިދާރާއަށް ހުށައަޅާފައިވާނެ ކަމަށެވެ. މައްސަލަ ހުށަހެޅުމާއި އެކު މައްސަލަ ކޭސް ކުރެވިގެން މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދާ ކަމަށް ވަނީ ބުނެފައެވެ.

ޖޭއެސްސީން ބުނީ މި މައްސަލައިގެ ތަހުގީގު ގައި މިހާތަނަށް، ނުވަ މީހަކާ ސުވާލުކޮށް ބަޔާން ނަގާފައިވާ ކަމަށާ އަދި މައްސަލައިގެ ތަހުގީގު ގައި ފާހަގަ ކުރެވިފައިވާ އިތުރު ކަންކަމާއި ގުޅިގެން އިތުރު މީހުންނާ ސުވާލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

"އަދި ތަހުގީގަށް އިތުރު ހެއްކާއި ގަރީނާ ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމުގައި ދަންނަވަން." ޖޭއެސްސީގެ ބަޔާނުގައިވެއެވެ.

ޖޭއެސްސީއިން ކުރިން ނެރުނު ނޫސް ބަޔާނުގައިވާ ގޮތުން ހަސަން ދީދީގެ ހަތް މައްސަލައެއް އެ ކޮމިޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ. އެ މައްސަލަަތައް އެންމެ ފުރަތަމަ ހުށަހެޅީ މިދިޔަ އަހަރުގެ އޭޕްރީލް މަހު އެވެ.

އެ ހަތް މައްސަލައަކީ މުވައްޒަފުންނަށް ޖިންސީ ގޯނާކޮށް މާލިޔަތު ގާނޫނާ ހިލާފުވުމަށް އެންގުމާއި އޮރިޔާން ވީޑިއޯ މުވައްޒަފުންނަށް ދައްކާ މައްސަލަ އާއި ކޯޓުގެ މުދާ އަމިއްލަ ބޭނުމަށް ބޭނުންކުރާ މައްސަލަ އާއި ހެކިންގެ ބަޔާން ނެގުމަށް ހުރަސް އަޅާ މައްސަލަ އާއި މާރާމާރީ ހިންގަން ހިތްވަރު ދިން ކަމުގެ މައްސަލަ އާއި ހުތުރު އެއްޗެހި ގޮވި ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަ އެވެ.

މި މައްސަލަތާ ގުޅިގެން ހަސަން ދީދީ ވަނީ ޖޭއެސްސީއަށް ހާޒިރުކޮށް މައްސަލަތާ ގުޅޭ ގޮތުން އޭނާގެ ބަސް ހޯދާފަ އެވެ. އަދި އޭނާ ސަސްޕެންޑް ވެސް ކުރި އެވެ. މައްސަލަތަކުގައި ޖިނާއީ ކަންކަން ފާހަގަކުރެެވޭތީ ޖޭއެސްސީއިން ވަނީ އެ މައްސަލަތައް ތަހުގީގު ކުރުމަށް ފުލުހަށް ވެސް ހުށަހަޅާފަ އެވެ. މިހާރު މި މައްސަލަތަކާ ގުޅިގެން ޖޭއެސްސީއިން ކުރަމުންދާ އެންމެ ފަހުގެ ރިޕޯޓް ތައްޔާރު ކުރުމުގެ މަސައްކަތްތައް ކަމަށް ވެސް ޖޭއެސްސީއިން ކުރިން ބުންޏެވެ.