ޖޭއެސްސީ

ކަނޑުހުޅުދޫ މެޖިސްޓްރޭޓް މަގާމުން ވަކިކުރަނީ

ގއ. ކަނޑުހުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ހަސަން ދީދީ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

އެ ކޮމިޝަނުން ބުނީ މިއަދު ބޭއްވި ބައްދަލްވުމުގައި އިސް މެޖިސްޓްރޭޓް ހަސަން ދީދީ ފަނޑިޔާރުކަމުން ވަކިކުރުމަށް މަޖިލީހަށް ހުށައެޅުމަށް ނިންމާފައިވާ ކަމަށެވެ. ހަސަން ދީދީގެ ހަތް މައްސަލައެއް ޖޭއެސްސީން ބެލިއެވެ.

އެ ހަތް މައްސަލައަކީ މުވައްޒަފުންނަށް ޖިންސީ ގޯނާކޮށް މާލިޔަތު ގާނޫނާ ހިލާފުވުމަށް އެންގުމާއި އޮރިޔާން ވީޑިއޯ މުވައްޒަފުންނަށް ދައްކާ މައްސަލަ އާއި ކޯޓުގެ މުދާ އަމިއްލަ ބޭނުމަށް ބޭނުންކުރާ މައްސަލަ އާއި ހެކިންގެ ބަޔާން ނެގުމަށް ހުރަސް އަޅާ މައްސަލަ އާއި މާރާމާރީ ހިންގަން ހިތްވަރު ދިން ކަމުގެ މައްސަލަ އާއި ހުތުރު އެއްޗެހި ގޮވި ކަމަށް ބުނާ މައްސަލައެކެވެ.

ޖޭއެސްސީން ބުނީ ފަނޑިޔާރެއްގެ ކިބާގައި ހުރުން ލާޒިމުކުރާ ސިފަތައް ނެތިގެންދާ ފަދަ އަމަލުތަކެއް އިސް މެޖިސްޓްރޭޓް ހަސަން ދީދީ ކޮށްފައިވާ ކަމަށް އެ ކޮމިޝަނަށް ސާބިތުވާ ކަމަށެވެ.

މި މައްސަލަތާ ގުޅިގެން ހަސަން ދީދީ ވަނީ ޖޭއެސްސީއަށް ހާޒިރުކޮށް މައްސަލަތާ ގުޅޭ ގޮތުން އޭނާގެ ބަސް ހޯދާފަ އެވެ. އަދި އޭނާ ސަސްޕެންޑް ވެސް ކުރި އެވެ. މައްސަލަތަކުގައި ޖިނާއީ ކަންކަން ފާހަގަކުރެެވޭތީ ޖޭއެސްސީއިން ވަނީ އެ މައްސަލަތައް ތަހުގީގު ކުރުމަށް ފުލުހަށް ވެސް ހުށަހަޅާފަ އެވެ.

ގއ. ކަނޑުހުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ހަސަން ދީދީގެ މައްސަލަ ފެންމަތިވީ ކަނޑުހުޅުދޫގައި ދެ އަހަރުގެ އަންހެން ކުއްޖަކަށް އެ ކުއްޖާގެ މުނި ކާފަ އާއި ކާފަ ޖިންސީ ގޯނާ ކުރި ކަމުގެ މައްސަލަ ހޫނުވެފައިވުމާ ގުޅިގެންނެވެ. އެ މައްސަލާގައި ޝާމިލްވާ ފަރާތްތަކާއި، ހަސަން ދީދީއާ އާއިލީ ގޮތުން ވަނީ ގުޅިފައެވެ.

ހަސަންދީދީގެ މައްސަލަތައް ޖޭއެސްސީގެ ސަމާލުކަމަށް އައިތާ އެތައް ދުވަހެއްވީނަމަވެސް ފިޔަވަޅެއް ނޭޅި އޮތީއެވެ. ފިޔަވަޅު އަޅަން ނިންމީ އޭނާގެ މައްސަލަތައް މީޑިއާތަކުން ސަމާލު ކަމަށް ގެނައުމުން ޖޭއެސްސީއަށް އާންމުންގެ ފާޑުކިޔުންތައް ވަރަށް ބޮޑަށް އަމާޒުވުމުންނެވެ.