ވިޔަފާރި

މެދުއިރުމަތިން ރާއްޖެ އަންނަ ޓޫރިސްޓުން އިތުރުވާން ފަށައިފި

Aug 30, 2015

މެދު އިރުމަތިން ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުން އަދަދު ވަރަށް ބޮޑުތަން އިތުރުވާން ފަށާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތަކުން ދައްކައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މެދުއިރުމަތީގެ ގައުމުތަކުން މިދިޔަ މަހު އެކަނި ވެސް 4،782 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ.

މިއީ މިދިޔަ އަހަރުގެ ޖުލައި މަހު ރާއްޖެއަށް ޒިޔާރަތްކުރި 2،240 ޓޫރިސްޓުންނާ އަޅާ ބަލާއިރު 113 ޕަސެންޓުގެ ކުރިއެރުމެކެވެ. އަދި ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް މެދުއިރުމަތީގެ ގައުމުތަކުން ރާއްޖެއަށް 23،786 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ ޖުލައި މަހާ ހަމައަށް ރާއްޖެއަށް ޒިޔާރަތްކުރި 20،026 ޓޫރިސްޓުންނާ އަޅާ ބަލާއިރު 18.8 ޕަސެންޓުގެ ކުރިއެރުމެކެވެ.

ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން މެދު އިރުމަތިން އެންމެ ގިނައިން ޓޫރިސްޓުން ޒިޔާރަތްކޮށްފައިވަނީ ސައޫދީ އަރަބިއްޔާ އިންނެވެ. މިދިޔަ މަހު އެ ގައުމުން 2،145 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރުގެ ޖުލައި މަހު ސައޫދީ އަރަބިއްޔާ އިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 511 ޓޫރިސްޓުންނެވެ. މިއީ 319 ޕަސެންޓުގެ ކުރިއެރުމެކެވެ.

މެދު އިރުމަތީގެ ޓޫރިސްޓުންގެ އަދަދު އިތުރުވާން ފަށާފައި މިވަނީ މެދުއިރު މައްޗަށް ހާއްސަކޮށްގެން ގިނަ ކެމްޕޭން ތަކެއް ޓޫރިޒަމް ދާއިރާއިން ފެށުމާ ގުޅިގެންނެވެ. ޓޫރިޒަމް މިނިސްޓްރީގެ ގިނަ ފަރާތްތަކެއް ގުޅިގެން މިމަހު ވެސް ވަނީ ގަލްފްގެ ގައުމުތަކަށް ހާއްސަކޮށްގެން ރޯޑް ޝޯވްއެއްގައި ބައިވެރިވެފަ އެވެ.

އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިއަތު ވިދާޅުވީ މެދު އިރުމަތީގެ ޓޫރިސްޓުން އިތުރުކުރަން ގިނަ މަސައްކަތްކެއް ފަށާފައިވާ ކަމަށެވެ.

"ވަރަށް ބޮޑަށް މެދުއިރުމައްޗަށް ހާއްސަކޮށްގެން ކެމްޕޭންތައް މިދަނީ ކުރަމުން. އެހެންވެ ޓޫރިސްޓުންގެ އަދަދު އިތުރުވަނީ،" ޒިއަތު ވިދާޅުވި އެވެ.