ހަބަރު

ހައްޔަރުކުރި މުނިކާފައަށް އައިޖީއެމްއެޗުގައި ފަރުވާ ދީފި

ގދ. ކަނޑުހުޅުދޫގައި ދެ އަހަރު ނުފުރޭ ކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލާގައި ހައްޔަރުކޮށްފައިވާ އެ ކުއްޖާގެ މުނިކާފައަށް އައިޖީއެމްއެޗްގައި ފަރުވާ ދީފި އެވެ.

އުމުރުން 82 އަހަރުގެ ހަސަން މޫސާ ދީދީ ހައްޔަރު ކޮށްފައި ހުރި ނަމަވެސް މުނިކާފަ ދަރިއަށް ޖިންސީ އަނިޔާ ކުރި ކަމަކަށް އޭނާއަށް ތުހުމަތެއް ނުކުރެއެވެ. ހަސަން މޫސާއަށް ކުރަނީ ޖިންސީ ފުރައްސާރަ ކުރުމުގެ ތުހުމަތެވެ. އަދި އޭނާއަކީ ޖިންސީ އަނިޔާ ކުރުމުގެ ރެކޯޑް އޮންނަ މީހެކެވެ.

ހަސަން މޫސާ ހައްޔަރުކުރި ފަހުން ދެ ފަހަރެއްގެ މަތިން އައިޖީއެމްއެޗްގައި އޭނާއަށް ފަރުވާ ދީފައި ވެއެވެ. އެނގިފައިވާ ގޮތުގައި އޭނާއަށް ފަރުވާ ދީފައިވަނީ ޕްރެޝަރު މަތިވުމުގެ މައްސަލަތަކަކާއި ގުޅިގެންނެވެ. ނަމަވެސް ކަމާބެހޭ އިދާރާތަކުން އެކަމާ ގުޅޭގޮތުން ވާހަކައެއް ނުދެއްކި އެވެ.

އޭނާ ހައްޔަރުކުރި ފަހުން ކަނޑުހުޅުދޫގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ އަމަލެއް ހިންގަން އޭނާ ދައުވަތު ދޭ އަޑުއިވެގެންދާ ވީޑިއޯއެއް ވަނީ އާންމުވެފަ އެވެ.

އުމުރުން ދެ އަހަރުވެސް ނުފުރޭ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ ކުއްޖާގެ ބައްޕައާއި ކާފަ އަދި މުނިކާފައެވެ. ކާފަގެ މައްޗަށް ޖިންސީ އަނިޔާ ކުރިކަމުގެ ތުހުމަތު ކުރެވޭއިރު، ބައްޕަ ހައްޔަރު ކޮށްފައިވަނީ އިހުމާލުގެ ސަބަބުންނެވެ.