ބޮލީވުޑް

"ޕަންގާ"އަށް ކަންގަނާ ވަރަށް ބޮޑަށް ފަލަވެފައި

ކަންގަނާ ރަނާވަތު މާ ބޮޑަށް ފަލަވެފައި ހުރުމުން ވަރަށް ގިނަ ބަޔަކު މިހާރު އެ ވާހަކަ ދައްކަ އެވެ. ކަންގަނާ ފަލަވެފައިވަނީ އޭނާ ކުޅެ އަންނަ ހުކުރު ދުވަހު ރިލީޒްކުރަން ހަމަޖެހިފައިވާ "ޕަންގާ"ގެ ކެރެކްޓާއަށް ފިޓްވުމަށެވެ. އެ ފިލްމުގައި ކަންގަނާ ކުޅެނީ ކަބައްޑީ ކުޅުންތެރިޔެއްގެ ބައެވެ.

ފިލްމުގެ ޑައިރެކްޓަރު އަޝްވިނީ އައްޔަރް ތިވާރީ ބުނި ގޮތުގައި ކަންގަނާ ހިކިކަމުން ކަބައްޑީ ކުޅުންތެރިޔަކާ ވައްތަރު ނުވާތީ ފަލަވާން މަޖްބޫރުވީ އެވެ. އަދި ކަންގަނާގެ ހަށިގަނޑުގެ ބައްޓަން ހުންނަ ގޮތުން ވަރަށް ބޮޑަށް ބަރުދަން އިތުރުވިއިރުވެސް އެހާ ފަލަކަމަކަށް ނުދައްކާ ކަމަށް ޑައިރެކްޓަރު ބުންޏެވެ.

"ކަންގަނާގެ ހަށިގަނޑު އުފެދިފައިވާ ގޮތުން ހިކެން އޭނާއަށް ވަރަށް ފަސޭހަ. އެއް ޝެޑިއުލް ނިންމާފައި އަނެއް ޝެޑިއުލް ފަށަންވާއިރަށް ވެސް އޭނާ ހުންނަނީ ހިކިފަ. އަނެއްކާވެސް ޖެހެނީ ބަރުދަން އިތުރުކުރަން އިތުރަށް މަސައްކަތް ކުރަން. އަހަންނަކަށް ނޭނގެ ކިހިނެއްކަމެއް އެހާ ފަސޭހައިން ކަންގަނާ ހިކެނީ. އަހަރެންނަށް ހަމަ ގައިމުވެސް ހިކެން ވަރަށް އުނދަގޫ،" ޑައިރެކްޓަރު ބުންޏެވެ.

ކަންގަނާ ތަންކޮޅެއް ކުރިން ދީފައިވާ އިންޓަވިއު އެއްގައި ބުނެފައިވަނީ އޭނާއަށް ފަލަވާން އުނދަގޫކަމަށާއި ފަލަވީ ހޯމޯން ޕިލްސް ބޭނުން ކޮށްގެން ކަމަށެވެ.

"ޕަންގާ"އާ ބެހޭ ގޮތުން އަޝްވިނީ ބުނީ އަންހެނުންނަށް ދިރިއުޅުމުގައި އޮންނަނީ ކިޔެވުމާއި ވަޒީފާ އަދާ ކުރުމާއި ކައިވެނި ކުރުމާއި ދަރިން ބެލުން އެކަނި ނޫން ކަމާއި ހަޔާތުގައި މިއަށް ވުރެ މާ ގިނަ ކަންތައްތައް ކުރެވިދާނެކަން މި ފިލްމުން ދައްކުވައިދެވޭތޯ މަސައްކަތް ކޮށްފައިވާނެ ކަމަށެވެ.

މި ފިލްމުގެ ޝޫޓިންގް ކުރިޔަށް ދިޔައިރު ކަންގަނާ އާއި ޑައިރެކްޓަރު އަޝްވިނީ އާ ދެމެދު މައްސަލަތައް ޖެހުނު ކަމުގެ ހަބަރުތަކެއް ވެސް މީޑިއާގައި ފެތުރުނެވެ. ނަމަވެސް އަޝްވިނީ އެ ވާހަކަ ދޮގުކުރެ އެވެ. އަޝްވިނީ ބުނި ގޮތުގައި މީހަކު ބޭރުފުށުން ޖަޖްކުރުމަކީ އެހާ ރަނގަޅު ގޮތެއް ނޫނެވެ. މި ފިލްމު އުފެއްދުމުގައި ހޭދަވި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ކަންގަނާ އާއި އޭނާގެ ވަރަށް ގާތް އެކުވެރިކަމެއް އުފެދިފައިވާ ކަމަށާއި ކަންގަނާ މީހަކު ދެކެ ލޯބި ވެއްޖެނަމަ އެ މީހަކަށް ވަރަށް ބޮޑަށް އޯގާތެރިކަމާއި ލޯބިދޭ ކަމަށެވެ.

ކަންގަނާ އާއެކު މި ފިލްމުގައި ހަރަކާތްތެރިވަނީ ޖައްސީ ގިލް އާއި ރިޗާ ޗައްޑީ އަދި ނީނާ ގުޕްތާ އެވެ. އަންނަ ހުކުރު ދުވަހު "ޕަންގާ" އާއި ބޮކްސް އޮފީހުގައި ކުރިމަތިލާން ޖެހެނީ ރޭމޯ ޑިސޫޒާގެ "ސްޓްރީޓް ޑާންސާ 3ޑީ" އާއެވެ. ނަމަވެސް މި ދެ ފިލްމަކީ ވަރަށް ތަފާތު ދެ ފިލްމަށް ވާތީ ދެ ފިލްމަށް ވެސް ރަނގަޅު ކާމިޔާބެއް ހޯދުމުގެ ފުރުސަތު އޮތް ކަމަށް ޑައިރެކްޓަރު ގަބޫލު ކުރެ އެވެ.