ބޮލީވުޑް

ކުއްލިއަކަށް ލިބުނު ބޮޑު މަޝްހޫރު ކަމުން ރިތިކް އަށް ރޮވުނު: ރާކޭޝް ރޯޝަން

Jan 22, 2020

ރިތިކް ރޯޝަން ފިލްމު އިންޑަސްޓްރީއަށް ނުކުތުން ފާހަގަކުރީ 2000 ގައި އޭނާ ބައްޕަ ޑައިރެކްޓްކުރި "ކަހޯނާ ޕިޔާރް ހޭ" އިންނެވެ. އެ ފިލްމު ރިލީޒްކުރުމާއެކު އިސާހިތަކު ރިތިކް އާ ހެދި މީހުންތައް މޮޔަވެ ބޮޑު މަޝްހޫރު ކަމެއް އޭނާއަށް ލިބިގެން ދިޔަ އެވެ.

ރިތިކްގެ ބައްޕަ ބުނި ގޮތުގައި "ކަހޯނާ ޕިޔާރް ހޭ" ރިލީޒްކުރިތާ ހަތަރު މަހެއް ހާ ދުވަސް ފަހުން އެއް ދުވަހު ރިތިކް އޭނާގެ ކޮޓަރީގައި ރޯން އިންދާ އޭނާއަށް ފެނުނެވެ. ރިތިކް އަށް ރޮވުނީ އޭނާއަށް ކުރު މުއްދަތެއްގެ ތެރޭގައި ލިބުނު ސްޓާރެއްގެ ދަރަޖައިގެ ސަބަބުން ލިބުނު ޝޮކުންނެވެ. އިތުރަށް ފިލްމު ކުޅުމުގެ މަސައްކަތް ކުރިޔަށް ގެންދާނެ ގޮތެއް ވެސް ރިތިކް އަކަށް ނުވިސްނުނު ކަމަށާއި އޭނާއަށް އިތުރަށް މަސައްކަތް ނުކުރެވޭނެ ކަމަށާއި ސްޓޫޑިއޯ ތަކަށް ދާން ނުކެރޭނެ ކަމަށް ރިތިކް އެ ދުވަހު ބުނި ކަމަށް އޭނާގެ ބައްޕަ ބުނެފައި ވެއެވެ.

އެ ދުވަސްވަރު ބޮޑެތި ބަސްތައް ފުރެންދެން އަރައިގެން އަންހެންކުދިންނާއި ފިރިހެންކުދިން ރިތިކް އާ ބައްދަލުކުރަން ކޮންމެ ދުވަހަކު އެގޭ ދޮށަށް އާދެ އެވެ. އެހެންވެ މީހުންގެ ސަމާލުކަމާއި ލޯބި ލިބޭވަރުން އޭނާއަށް އިތުރަށް އެކްޓްކުރުމުގެ މަސައްކަތަށް ފޯކަސްކޮށް ދަސްކުރަން އުނދަގޫވެގެން އެ މަސައްކަތް ނުކުރެވޭނެކަމަށް ހީވީ ކަމަށް ރާކޭޝް ރޯޝަން ބުންޏެވެ.

އެ ދުވަހު ބައްޕަ ދިން ނަސޭހަތް ރިތިކް އަހައި ފިލްމީ މަސައްކަތުގައި ހިތްވަރާއެކު ކުރިޔަށް ދިޔަ އެވެ. މިއަހަރަކީ ރިތިކްގެ ކެރިއަރަށް 20 އަހަރު ފުރުން ފާހަގަ ކުރާ އަހަރެވެ. މި މުނާސަބަތާ ގުޅުވައިގެން ރިތިކް އިންސްޓަގްރާމްކުރި މެސެޖެއްގައި މިހާ ހިސާބަށް އާދެވުމުން އޭނާގެ ހިތުގައިވާ ދެ ޝުއޫރެއް ފާޅުކޮށްފައި ވެއެވެ. އެ ޝުއޫރަކީ ބިރެވެ. އަނެއް ޝުއޫރަކީ ބިރުކަނޑާލުމެވެ.

ރިތިކް ބުނެފައިވާ ގޮތުގައި ބިރުން ގޮސް އޭނާ ފިތްކެނޑޭ ހިސާބަށް ވެސް ދިޔަ އެވެ. މިހާރު ބިރުކުޑަވެ އޭނާ ވަރަށް ސްމާޓް ވެއްޖެ ކަމަށާއި މިހާރު އަމަލުކުރަނީ އެންމެ ގަވާއިދަކަށް ކަމަށާއި އެއީ ބިރު ކަނޑާލާފައި ކުރިޔަށް ދިއުން ކަމަށް ވެސް ރިތިކްގެ މެސެޖުގައި ބުނެފައި ވެއެވެ.

ރިތިކް އަށް މިދިޔަ އަހަރަކީ އޭނާގެ ކެރިއަރުގެ އެންމެ ކާމިޔާބު އަހަރެވެ. "ވޯ" އާއި "ސުޕަ 30"ގެ ބޮޑު ކާމިޔާބުން ރިތިކްގެ ކެރިއަރަށް ވަނީ އިތުރު ބޮޑު ކުރިއެރުމެއް ލިބިފަ އެވެ.