ކުޅިވަރު

މިއީ އާދަޔާހިލާފް ރޫހެއް އޮތް ޓީމެއް: އާޓެޓާ

ޗެލްސީ އާ ދެކޮޅަށް އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅެން ޖެހުނު އިރުވެސް މެޗު 2-2 ން އެއްވަރު ކުރުމުން އާސަނަލްގައި އާދަޔާ ހިލާފް ރޫހެއް އޮތްކަން އެނގިގެން ހިނގައްޖެ ކަމަށް އެ ޓީމުގެ ކޯޗް މިކެލް އާޓެޓާ ބުނެފި އެވެ.

މެޗު ބޮޑު ބައެއް އާސެނަލްއިން ކުޅުނީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ. އެއީ އެ ޓީމު ޑިފެންޑަރު ޑޭވިޑް ލުއިޒްއަށް މެޗުގެ 28 ވަނަ މިނެޓްގައި ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލުމުންނެވެ. އޭނާއަށް ރަތް ކާޑު ދެއްކީ ޗެލްސީގެ ޓެމީ އަބްރަހަމްއަށް އާސެނަލްގެ ޕެނަލްޓީ އޭރިއާ ތެރެއިން ފައުލު ކުރުމުންނެވެ.

ފައުލާ ގުޅިގެން ދިން ޕެނަލްޓީން ޗެލްސީއަށް ލީޑް ނަގައިދިނީ ޖޯޖީނިއޯ އެވެ. އާސެނަލް އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅެމުން ދިޔައިރުވެސް ޗެލްސީއަށް އެކަމުގެ އެޑްވާންޓޭޖު ނެގޭ ގޮތެއް ނުވި އެވެ. ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކުރީ އާސެނަލްއިންނެވެ. ދެ ވަނަ ހާފުގައި އާސެނަލްގެ ލަނޑު ކާމިޔާބު ކުރީ ގެބްރިއަލް މާޓިނަލީ އެވެ. އޭނާ ސްޕީޑް ބޭނުން ކޮށްގެން ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވެދެ ޗެލްސީ ގޯލަށް ބޯޅަ ފޮނުވާލީ ކީޕަރު ކެޕާއަށް ފުރުސަތު ނުދީ އެވެ.

މެޗުގެ 84 ވަނަ މިނެޓްގައި އަޒިޕްލިކްއޭޓާ ވަނީ ޗެލްސީއަށް އަލުން ލީޑް ނަގައިދިފަ އެވެ. އާސެނަލްއަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ 87 ވަނަ މިނެޓްގައި ހެކްޓާ ބެލަރިން ކާމިޔާބު ކޮށްދިން ލަނޑުންނެވެ.

"މި ޓީމުގެ ރޫހް، ލީޑާޝިޕް ބުރަ މަސައްކަތް އަހަރެން ފާހަގަ ކުރަން،" މެޗަށް ފަހު ވާހަކަ ދައްކަމުން އާޓެޓާ ބުންޏެވެ. "ކުޅުންތެރިޔަކަށް ރަތް ކާޑު ދެއްކީމާ ފެންނަން ޖެހޭނެ ކަމަކީ އެހެން ކުޅުންތެރިން އޭނާއަށްޓަކައި މަސައްކަތް ކުރުން، އެގޮތަށް މަސައްކަތް ކޮށްފިއްޔާ ކޮންމެ ކަމެއްވެސް ކުރެވޭނެ."

އާޓެޓާ ބުނީ ޑޭވިޑް ލުއިޒްއަށް ރަތް ކާޑު ދެއްކުމުން އޭނާ ނެތްއިރު، ކުޅުންތެރިން ކުރި މަސައްކަތަށް އޭނާވެސް ފަހްރުވެރިވާނެ ކަން ޔަގީން ކަމަށެވެ. ރޭ ޝެފީލްޑް ޔުނައިޓަޑާ ދެކޮޅަށް ކުޅުނު މެންޗެސްޓާ ސިޓީ 1-0 ން މޮޅުވީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ނުކުމެ ސާޖިއޯ ކުން އަގުއޭރޯ ކާމިޔާބު ކުރި ލަނޑުންނެވެ.