ކުޑަކުދިންނަށް ޖިންސީ އަނިޔާ ކުރުމުގެ މައްސަލަތައް އިތުރުވީ ޒަމާނުއްސުރެ އެފަދަ ކަންކަމާ ދޭތެރޭ އަޅާ ނުލައި އޮތުމުގެ ސަބަބުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިހެން ވިދާޅުވީ ކ. ގުރައިދޫ އެމްޑީޕީގެ ހަރުގެ ހުޅުވުމަށް ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގަ އެވެ.
ރައީސް ވިދާޅުވީ ކަނޑުހުޅުދޫގައި ހިނގާދިޔަ ހާދިސާއަކީ ވަރަށް ބޮޑުވާ ހިތާމަވެރި ހާދިސާއެއް ކަމަށާ މިކަންކަން މިހާ ހިސާބަށް އައީ ކީއްވެގެންކަން އޮޅިފައި ނެތް ކަމަށެވެ.
"އަޅުގަނޑުމެން މިދިޔަ ހަފްތާގައި މި އެހީ ކުޑަކުއްޖަކަށް ޖިސްމާނީ އަދި އެތައް އެތައް ގެއްލުންތަކެއް ލިބިގެންދިޔަ ވާހަކަ. މި ކަންތައްތައް މިހިސާބަށް އައީ ކީއްވެގެންކަން އަޅުގަނޑުމެން އެއްވެސް މީހަކަށް އޮޅިފައެއް ނެތް. މިއީ ޒަމާނުއްސުރެ މިކަމާ ދޭތެރޭ އަޅާނުލެވި އޮތުމުގެ ސަބަބުން ދިމާވި ކަމެއް." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެކަމުގައި ކުރީ ސަރުކާރުތަކުގެ އިހުމާލު އޮތް ނަމަވެސް މާޒީއަށް ބަލައިގެން ތިބެވެން ނެތް ކަމަށެވެ. އަދި މިއީ ވަގުތުން ފިޔަވަޅު އަޅަންޖެހޭ ކަމެއް ކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ސަރުކާރުގެ އެއްވެސް މުވައްޒިފަކު ކުޑަކުދިންގެ ކަމެއްގައި އިހުމާލުވެއްޖެނަމަ އެ މުވައްޒިފަކާ ދެކޮޅަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ފަހަތަށް ނުޖެހޭނެ ކަމަށެވެ.
"އަޅުގަނޑު ތިޔަ ބޭފުޅުންނަށް މިރޭވެސް ޔަގީންކޮށް އަރުވަނީ ކުޑަކުދިންގެ ރައްކާތެރިކަމަށް މަސައްކަތް ކުރުމަށް ހަވާލުވެ ތިބި ދައުލަތުގެ އެއްވެސް މުވައްޒިފަކު އެއިން ކަމަކަށް އިހުމާލުވެއްޖެނަމަ އެކަމާ ދޭތެރޭ އަޅަންޖެހޭ ފިޔަވަޅު އެ މުވައްޒިފަކާ ދޭތެރޭ އަޅުގަނޑު އަޅާނަން. އަދި ޒިންމާދާރު ކުރުވުމަށްޓަކައި ކުރަންޖެހޭ ކޮންމެ ކަމެއްވެސް ފަސްނުޖެހި ކުރާނަން."
މީގެ އިތުރުން ރައީސް ވިދާޅުވީ ހަރުކަށި ފިކުރާއި، މަސްތުވާތަކެތީގެ ވަބާ އަދި ކޮރަޕްޝަން ނައްތާލުގެ މަސައްކަތަކީ މިހާރުން މިހާރަށް ކުރަންޖެހިފައިވާ ކަންކަން ކަމަށެވެ. އަދި އެކަންކަން ހައްލުވާނީ ސަރުކާރާއެކު މަސައްކަތް ކުރާނެ ޒިންމާދާރު ބަޔަކު ލިބިގެން ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެ ހުރިހާ މައްސަލަތަކަށް މި ދައުރުގެ ތެރޭގައި ހައްލު ގެނެސްދޭނެ ކަމަށެވެ.
ރައީސް މިރޭވެސް ވިދާޅުވީ ކަންކަން ކުރެވޭނީ އެމްޑީޕީއަށް ކައުންސިލްތައް ލިބިގެން ކަމަށެވެ. ސަރުކާރުން ކުރަން ރާވާފައިވާ ކަންކަން އެބަހުރި ކަމަށާ އެކަންކަން ނިންމާލެވޭނީ ކައުންސިލްތަކުގައި ސަރުކާރުގެ ވިސްނުމުގެ މެންބަރުން ތިބެން ކަމަށެވެ.
އިންތިހާބުތަކާ ދިމާކޮށް ކުރީ ސަރުކާރުތަކުން ވައުދުތައް ވެފައިވާތީ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވާ ރައީސް ސޯލިހް މިރޭ ވަނީ ގުރައިދޫގެ ތަރައްގީއަށް ކުރަން ރާވާފައިވާ ގިނަ ކަންތައްތަކެއްވެސް ހިއްސާ ކުރައްވާފައެވެ.
ރައީސް ވިދާޅުވީ ގުރައިދޫއަށް ދިމާވެފައިވާ ބިމުގެ ދަތިކަމާއި، ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމަށް މިއަހަރު ގުރައިދޫ ބިން ހިއްކުމުގެ މަސައްކަތް ފެށޭނެ ކަމަށެވެ. އަދި ރައްޔިތުން އެދިފައިވާ ގޮތަށް ބިން ހިއްކާ ސަރަހައްދުން ކުޑަ ރަށެއް ހިއްކައިދޭނެ ކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުންވެސް ސަރުކާރުން މިއަަަހަރު ކޮށްދޭނެ ގިނަ ކަންތައްތަކުގެ ވާހަކަ ރައީސް ވިދާޅުވިއެވެ.