އިންޑިޔާގެ ގުޖްރާތުގައި އަލަތު ކައިވެންޏަށް ތައްޔާރުވަމުން ދިޔަ ދެ މީހެއްގެ ކައިވެނި ކުރުން ކެންސަލް ކުރަން ޖެހިއްޖެ އެވެ. ކައިވެންޏަށް ތައްޔާރުވެ ކައިވެނި ނުކުރެވުމަކީ ވަރަށް އާދައިގެ ކަމެއް ނަމަވެސް މިކަން މާ ތަފާތު ކަމަކަށް ވީ ކައިވެނި ހުއްޓެން މެދުވެރިވީ ސަބަބުގެ ގޮތުންނެވެ.
މި ކައިވެނި ކެންސަލް ކުރަން ޖެހުނީ ކައިވެނި ކުރާ ފިރިހެންމީހާގެ ބައްޕަ އާއި އަންހެންމީހާގެ މަންމަ ކައިވެނި ކުރަން ބޭނުން ވެގެން ފިލާ ރައްކާ ވުމުންނެވެ. މި ދެ މީހުންނަކީ ޅަ ދުވަހު ވަރަށް ލޯބިވެގެން އުޅުނު ދެ މީހުން ކަމަށް ވެއެވެ. އެހެންވެ ދަރިންގެ ކައިވެނީގެ ކަންތައްތައް އިންތިޒާމް ކުރުމުގެ ތެރޭގައި ދެ މީހުން ބައްދަލުވެ އަނެއްކާވެސް ލޯބި އާލާވެ ކައިވެނިކުރަން ބޭނުންވީ ކަމަށް ވެއެވެ.
އަލަތު ކައިވެންޏަށް ތައްޔާރުވަމުންދިޔަ ދެ މީހުންނަކީ އަހަރެއް ވަންދެން އެންގޭޖްވެގެން އުޅުމަށްފަހު އަންނަ ފެބްރުއަރީ ދެ ވަނަ ހަފުތާގައި ކައިވެނި ކުރަން ހަމަޖެހިފައިވާ ބައެކެވެ. ނަމަވެސް މިހާރު މި މީހުންނަށް ކައިވެނި ކުރެވޭނެ ކަމުގެ އެއްވެސް އުންމީދެއް ނެތެވެ.
ފިރިހެންމީހާގެ 48 އަހަރުވީ ބައްޕަ އާއި އަންހެންމީހާގެ 46 އަހަރުވީ މަންމަ ފިލައިގެން ދިޔަތާ 10 ވަރަކަށް ދުވަސްވެފައިވާ ކަމަށާއި އެމީހުންގެ އެއްވެސް ޚަބަރެއް އަދިވެސް ނުވާ ކަމަށް އިންޑިޔާގެ ނޫސްތަކުން ބުނެ އެވެ.
ޓައިމްސް އޮފް އިންޑިއާގައިވާ ރިޕޯޓެއް ބުނާ ގޮތުން ފިލާފައިވާ ފިރިހެންމީހާ އަކީ ވިޔަފާރިވެރި އެކެވެ. އަދި ސިޔާސީ ޕާޓީއެއްގައި ވަރަށް ހަރަކާތްތެރިކޮށް އުޅޭ މެމްބަރެކެވެ. ކަޓާގަމް ކިޔާ ސަރަހައްދެއްގައި ހުންނަ ގެއެއްގައި ދިރިއުޅޭ މިމީހާ ވަނީ ޖެނުއަރީ 10 ވަނަ ދުވަހު ފިލައިގެން ގޮސްފަ އެވެ. ފިލާފައިވާ އަންހެންމީހާ އަކީ ނަވްސާރީ ކިޔާ ރަށެއްގައި ވިޔަފާރިވެރިއަކާ އިނދެގެން ދިރިއުޅޭ މީހެކެވެ. އެ މީހާވެސް ވަނީ އޭނާ ދިރިއުޅޭ ގެއިން ހަމަ އެ ދުވަހު ފިލާފަ އެވެ.
މި ދެ މީހުންގެ އާއިލާގެ މީހުންނާއި ގާތް އެކުވެރިން ބުނާ ގޮތުގައި މި ދެ މީހުންނަކީ ކުޑައިރުއްސުރެ ވެސް ވަރަށް ލޯބިން އުޅެފައިވާ ދެ މީހުންނެވެ. އަދި ދެ މީހުން އުޅެބޮޑުވީ އެއް ހިސާބުގަނޑެއްގައި ކަމަށާއި އަންހެންމީހާ އެހެން މީހަކާ ކައިވެނި ކުރަން އެންގޭޖްވަންދެން ވެސް އެމީހުންގެ މެދުގައި ލޯބީގެ ގުޅުން އޮތް ކަމަށެވެ.
ކޮންމެއަކަސް ވާންއުޅޭ މައިދައިތަ އާއި ބަފައިކަލޭގެ އެކުގައި ކައިވެނި ކުރަން ބޭނުން ވެގެން ފިލުމުން ދެ ފަރާތުގެ އާއިލާއަށް ވަނީ ވަރަށް ބޮޑު ލަދަކާ ކުރިމަތިވެފަ އެވެ. މީހުންގެ މަލާމަތް ދެ އާއިލާގެ މީހުންނަށް ވެސް ވަރަށް ބޮޑަށް ދަނީ އަމާޒުވަމުންނެވެ.