ފިލްމެއް ޑައިރެކްޓް ކުރުމަކީ އޭނާއަށް ކުރެވޭނެ ކަމެއް ކަމަށް ގަބޫލު ނުކުރާ ކަމަށާއި ނަމަވެސް ފިލްމެއްގެ ވާހަކަ ލިޔެވިދާނެ ކަމަށް މަޝްހޫރު ފިލްމީ ބަތަލާ ކާޖޮލް ބުނެފި އެވެ.
ކާޖޮލް އެންމެ ފަހުން ކުޅުނު "ތާނާޖީ: ދި އަންސަންގް ހީރޯ" އަށް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބެއް ހޯދަމުންދާއިރު އޭނާ ބުނީ ލިޔުންތެރިޔެއްގެ ގޮތުގައި ވެސް އޭނާއަށް މަސައްކަތް ކުރެވޭނީ އަދި ތަންކޮޅެއް ފަހުން ކަމަށެވެ. މި ވަގުތު އެއަށް ވުރެ އޭނާއަށް އުޅެން ޖެހޭލެއް ބިޒީ ކަމަށާއި އޭނާއަކީ ފޮތް ކިއުމަށް ވަރަށް ލޯބިކުރާ މީހަކަށް ވާތީ ލިޔުންތެރިކަމަށް ވުރެ ވެސް އޭނާ ފޮތް ކިޔުމަށް ލޯބިކުރާ ކަމަށް ވެސް ކާޖޮލް ބުންޏެވެ.
ފިރިމީހާ އަޖޭ ދޭވްގަންގެ "ތާނާޖީ: ދި އަންސަންގް ހީރޯ" ގައި ކާޖޮލް ބަތަލާގެ ބައި ކުޅެފައިވާއިރު އެ ފިލްމަކީ އަޖޭގެ 100 ވަނަ ފިލްމެވެ. މި ތާރީޚީ ފިލްމުގައި އޭނާ ބައިވެރިވީ އެކަން އެނގިގެން ނޫން ކަމަށް ކާޖޮލް ބުންޏެވެ.
"ސެޓުގައި އަޖޭ އާއެކު މަސައްކަތްކުރަން ވަރަށް ފަސޭހަ. އަހަރެމެން ދެ މީހުން އެކުގައި އަށް ފިލްމު މިހާތަނަށް ކުޅެފިން. ބައެއް ފިލްމުތައް ކައިވެނީގެ ކުރިން އަދި އަނެއްބައި ފިލްމުތައް ކައިވެނީގެ ފަހުން ކުޅެފައި ވަނީ. ޕްރޮޑިއުސަރަކަށް އަޖޭ ހުރުމަކީ އަހަރެން ވަރަށް ހިތްހަމަޖެހޭ ކަމެއް. އޭރުން އަހަރެން ޝޫޓިން އަށް ތަންކޮޅެއް ލަހުން އާދެވުނަސް މައްސަލައެއް ނުޖެހޭނެތީ،" ކާޖޮލް ބުންޏެވެ.
"ތާނާޖީ: ދި އަންސަންގް ހީރޯ" އަކީ ކާޖޮލް މިހާތަނަށް ކުޅުނު ހަމައެކަނި ތާރީޚީ ހާދިސާތަކެއް ހިމެނޭ ފިލްމެވެ. މި ފިލްމަކީ އިންޑިއާގެ ތާރީޚުގައި ލިޔެފައިވާ ވާހަކައެއްގެ މައްޗަށް ކުޅެފައިވާ ފިލްމެކެވެ. މި ފިލްމުގައި ދައްކަނީ 17 ވަނަ ގަރުނުގައި ހިނގި ހަނގުރާމައެއްގެ ހާދިސާތަކެކެވެ.
މީގެ ދެ ހަފުތާ ކުރިން ރިލީޒްކުރި "ތާނާޖީ: ދި އަންސަންގް ހީރޯ" އަށް ދެ ހަފުތާ ތެރޭ 200 ކްރޯޑު ރުޕީސް އާ ގާތް ކުރާ އަދަދެއް ލިބި ސުޕަ ހިޓެއްގެ ދަރަޖަ ވަނީ ލިބިފަ އެވެ. އަދިވެސް މި ފިލްމުގެ ހިނގުން މަޑު ނުޖެހޭތީ ބްލޮކްބަސްޓާއެއްގެ ދަރަޖަ ވެސް ލިބިދާނެ ކަމަށް ވަނީ ލަފާ ކޮށްފަ އެވެ.