ބޮލީވުޑް

ނެހާ އާއި އަދިތުޔާގެ ކައިވެނި ފެބްރުއަރީ 14 ގައި

ލަވަކިޔުންތެރިޔާ ނެހާ ކައްކަރް އާއި އަދިތުޔާ ނާރަޔަންގެ ކައިވެނީގެ ވާހަކަތައް މި ފަހަކަށް އައިސް ވަރަށް ބާރަށް ދެކެވެމުން އެބަދެ އެވެ. އިންޑިއާގެ ނޫސްތަކުން ބުނަނީ އަންނަ ފެބްރުއަރީ 14 ވަނަ ދުވަހު ކައިވެނި ކުރަން ހަމަޖެހިފައިވާ ކަމަށެވެ. އަދި ކައިވެނީގެ ދައުވަތު ކާޑުކަމަށް ބުނާ ކާޑެއް ވެސް މިހާރު ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

މިކަމާ ގުޅޭ ގޮތުން އަދިތުޔާގެ ބައްޕަ އަދި މަޝްހޫރު ލަވަކިޔުންތެރިޔާ އުޑިތު ނާރަޔަން ވަނީ ދާދިފަހުން ވާހަކަ ދައްކާފަ އެވެ. އިންޑިޔާގެ ނޫހަކަށް ދީފައިވާ އިންޓަވިއު އެއްގައި އުޑިތު ނާރަޔަން ބުނީ ނެހާ އަކީ ވަރަށް ރަނގަޅު ކުއްޖެއް ކަމަށާއި އޭނާ ލަވަކިޔާލެއްވެސް ވަރަށް ރީތި ކަމަށެވެ. އަދި ނެހާ އޭނާއަށް ވަރަށް ކަމުދާކަމަށާއި ނެހާގެ އަމިއްލަ މަސައްކަތުން އިންޑަސްޓްރީގައި ރަނގަޅު މަގާމެއް ހޯދާފައިވާ ކަމަށެވެ. އަދި އޭނާ ވަރަށް ގިނައިން ނެހާގެ ލަވަތައް އަޑުއަހާ ކަމަށް ވެސް އުޑިތު ބުންޏެވެ.

މިހާރު ނެހާ އާއި އަދިތުޔާ ގުޅިގެން މަސައްކަތް ކުރަމުންދާތަން ފެނުނު ނަމަވެސް ކުރިޔަށް ވާން ހުރިހާ ކަންތައްތައް ނޭނގޭ ކަމަށް އަދިތުޔާގެ ބައްޕަ ބުންޏެވެ.

"މިހާރު ވަމުންދާ ހުރިހާ ކަމެއް އެ ދަނީ ޓީވީން ފެންނަމުން. އެ ދެ މީހުން ކައިވެނި ކޮށްފިއްޔާ އަހަރެން ވަރަށް އުފާވާނެ. އާއިލާއަށް އަންހެން ލަވަކިޔުންތެރިޔެއް އިތުރުވުމަކީ އަހަންނަށް ލިބޭނެ ވަރަށް ބޮޑު އުފަލެއް،" އުޑިތު ބުންޏެވެ.
ސޮނީ ޓީވީން މިހާރު ކުރިޔަށް ގެންދާ ސިގިން ރިއަލިޓީ ޝޯ "އިންޑިއަން އައިޑަލް"ގެ މިފަހަރުގެ ސީޒަންގެ ހޯސްޓަކީ އަދިތުޔާ އެވެ. ނެހާ އަކީ ޝޯގެ ތިން ޖަޖުގެ ތެރެއިން އެއް ޖަޖެވެ.

މި ޝޯގެ އެޕިސޯޑެއްގައި ނެހާ އާއި އަދިތުޔާގެ މައިންބަފައިން ބައިވެރިވެ އެ ދެ މީހުންގެ ގުޅުމަށް ރުހުން ދީފައި ވެއެވެ. ނަމަވެސް މިއީ ޝޯ ބަލާ މީހުންގެ އަދަދު ގިނަ ކުރަން ކުޅުނު ޑްރާމާއެއް ކަމެއް ނުވަތަ ހަގީގަތެއް ކަމެއް ސާފެއް ނުވެ އެވެ. އަދި ދެ މީހުންގެ ލޯބީގެ ވާހަކައާއި ކައިވެންޏާ ގުޅުވައިގެން ދެކެވޭ ވާހަކަތަކަށް ވެސް ނެހާ އާއި އަދިތުޔާ ޖަވާބެއް ނުދެ އެވެ.

ނެހާ އަކީ މިހާރު ވަރަށް ގިނަ ހިންދީ ފިލްމުތަކަށް ލަވަކިޔައިދޭ ލަވަކިޔުންތެރިއެކެވެ. އަދި ޒީ ޓީވީގެ "ސާރޭގާމާޕާ ލިޓްލް ޗޭމްޕްސް"ގެ ޖަޖެއްގެ ގޮތުގައި ވެސް މީގެ ކުރިން ނެހާ ފެނިފައި ވެއެވެ.

އަނެއްކޮޅުން އަދިތުޔާ އަކީ އުޑިތު އާއި އަންހެނުން ދީޕާ ނާރަޔަންގެ ހުރި ހަމައެކަނި ދަރިފުޅެވެ. ކުޑައިރުއްސުރެ ލަވަކިޔުމާއި ޝޯތައް ހޯސްޓްކުރުމުގައި އަދިތުޔާ ހަރަކާތްތެރި ވެފައި ވެއެވެ. އަދި "ޝާޕިތު" ކިޔާ ހިންދީ ފިލްމެއްގެ ލީޑް ރޯލު ވެސް އޭނާ ކުޅުނެވެ.

"އިންޑިއަން އައިޑަލް"ގެ މިފަހަރުގެ ސީޒަނަކީ މި ޝޯ އޭނާ ހޯސްޓްކުރާ ފުރަތަމަ ސީޒަނެވެ.