ހަބަރު

ޖިންސީ ގޯނާގެ ތުހުމަތަށް ސިފައިންގެ މީހަކު ހައްޔަރުކޮށްފި

ޖިންސީ ގޯނާގެ ތުހުމަތަށް ސިފައިންގެ މީހަކު ހައްޔަރުކޮށްފި އެވެ.

އެ މީހާ ހައްޔަރުކޮށްފައިވަނީ މިރޭގެ ވަގުތެއްގައެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތަށެވެ.

މިކަމާއި ގުޅޭގޮތުން އެމްއެންޑީއެފުން ބުނީ ސިފައިން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ސިފައިންގެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެެވެ. ނަމަވެސް އޭނާ ހައްޔަރުކުރީ ކޮން މައްސަލައެއްގައި ކަމަށް ބުނެެއެވެ.

ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތަށް މިރޭގެ ވަގުތެއްގައި ސިފައިންގެ މީހަކު ހައްޔަރުކުރިކަން އަވަސްއަށް ވަނީ ޔަގީން ކުރެވިފައެވެ. އަދި އެކަމުގެ ތަފްސީލް ހާމަކުރުމަށް މާދަމާ ހެނދުނު ނޫސްވެރިންގެ ބައްދަލްވުމެއް ބޭއްވުމަށްވެސް ވަނީ ނިންމާފައެވެ.

ސިފައިންގެ މީހެއްގެ މައްޗަށް ޖިނާއި ކުށެއް ސާބިތުވި ކަމުގެ މައުލޫމާތު ކަމާބޭހޭ އިދާރާއަކުން ގައުމީ ދިފާއީ ބާރަށް ލިބިއްޖެނަމަ، ޖިނާއި ކުށްކުރި މުވައްޒަފަކާ ދެތެރޭގައި ގަވާއިދުން ފިޔަވަޅު އަޅާނެ ކަމަށް އެމްއެންޑީއެފުން މިއަދު ވަނީ ބުނެފައެވެ.

އެމްއެންޑީއެފްގެ އިސް ތަރްޖަމާން މޭޖާ އިބްރާހިމް އާޒިމް މިއަދު ވިދާޅުވީ އެފަދަ މައްސަލަތަކާއި ގުޅޭގޮތުން އެމްއެންޑީއެފް އިން ގެންގުޅޭ ޕޮލިސީ ދާދިފަހުން ނެރުން ނޫސްބަޔާނުގައި ބަޔާން ކޮށްފައިވާނެ ކަމަށެވެ.

އަދި ޖިނާއި މައްސަލަ ބަލަނީ ޕޮލިސް ކަމަށްވާތީ އެފަދަ ޖިނާއި ކުށެއް ސާބިތުވި ކަމުގެ މައުލޫމާތު ކަމަބޭހޭ އިދާރާއަކުން ގައުމީ ދިފާއީ ބާރަށް ލިބިއްޖެނަމަ، ޖިނާއި ކުށްކުރި މުވައްޒަފަކާ ދެތެރޭގައި ގަވައިދުން ފިޔަވަޅު އަޅާނެ ކަމަށެވެ.

ސިފައިންގެ ދެ މީހަކު 15 އަހަރުގެ ކުޑަ ކުއްޖަކު ރޭޕް ކުރި ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮއިޒަނާ އާދަމް، މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގައި ވިދާޅުވުމާއި ގުޅިގެން ސިފައިން ވަނީ ދާދިފަހުން ބަޔާނެއް ނެރެފައެވެ.

ސިފައިންގެ ބަޔާނުގައި ބުނެފައި ވަނީ އެފަދަ ކަމެއް ހިނގާފައިވާ ކަމުގެ މައުލޫމާތު އެއްވެސް ފަރާތަކުން އެ މުއައްސަސާއާ ހިއްސާ ކޮށްފައި ނުވާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި އެ ވާހަކަ ދެއްކެވި މެންބަރު ރޮޒައިނާ ވެސް އަދި އެކަމާ ގުޅިގެން ފުލުހުންނާ ގުޅުމުން، 15 އަހަރުގެ ކުޑަ ކުއްޖަކު ރޭޕްކުރި ކަން ނުވަތަ އެކަން ކުރި މީހަކު ނުވަތަ ބަޔަކު ބުނެ ނުދެވުނު ކަމަށެވެ.

އެމްއެންޑީއެފުން ބުނީ ސިފައިންގެ މީހެއްގެ ފަރާތުން އެފަދަ ދަށު ދަރަޖައިގެ ލާއިންސާނީ އަމަލެއް ހިނގާފައިވާ ކަމުގެ މައުލޫމާތެއް އެއްވެސް ފަރާތަކުން ހިއްސާ ކޮށްފި ނަމަ އެ މައްސަލައެއް ވަގުތުން ބަލައި ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި އެ މުއައްސަސާއިން ކުރިއަށް އޮތް ތާވެސް އަމަލު ކުރަމުން ގެންދާނީ އެގޮތަށް ކަމަށެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކުގެ ވާހަކަތައް މި ދުވަސްވަރު ފެންމަތިވެފައިވަނީ ކަނޑުހުޅުދޫގައި ދެ އަހަރުނުވާ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ރައްޔިތުން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންދާތީއެވެ. ޖިންސީ ޝިކާރައަށްވާ ކުދިންގެ މައްސަލަތައް ހުށައަޅާ އެފަދަ ކަންކަންކުރާ މީހުންގެ މައުލޫމާތު ކަމާބެހޭ އިދާރާތަކަށް ހިއްސާ ކުރުމަށް އެ ފަރާތްތަކުން ވަނީ އެދިފައެވެ. އަދި އެފަދަ މައްސަލަތައް ތަފާތު ކުރުމެއްނެތި މުއައްސަސާތަކުން ބެލުމަށް އާންމުންވެސް ދަނީ ގޮވާލަމުންނެވެ.