ޖިންސީ ގޯނާ

ޖިންސީ ގޯނާގެ ތުހުމަތަށް ސިފައިންގެ މީހަކު ހައްޔަރުކުރި ވާހަކަ ދޮގުކޮށްފި

ޖިންސީ ގޯނާގެ ތުހުމަތަށް ސިފައިންގެ މީހަކު ހައްޔަރުކުރި ވާހަކަ ދޮގުކޮށްފި އެވެ.

އެމްއެންޑީއެފް އިން ބުނީ މާލޭގެ ގެސްޓް ހައުސްއެއްގައި ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކޮށްގެން ސިފައިންގެ މީހަކު، ފުލުހުންގެ ބެލުމުގެ ދަށައް ގެންގޮސްފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފެތުރެމުންދާ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށެވެ.

"އެފަދަ ކަމެއް ހިނގި ކަމުގެ މައުލޫމާތެއް ފުލުހުންގެ ފަރާތުން އެމްއެންޑީއެފްއަށް އަންގާފައެއް ނުވޭ." ސިފައިން ބުނެފައިވެއެވެ.

މި ދުވަސްވަރަކީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ރެކޯޑް އަދަދަކަށް އިތުރުވެފައިވާ ދުވަސްވަރެކެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިހާރު ވަނީ "ކުޑަކުދީންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައް ބަލާ ކޮމިޝަން" ގެ ނަމުގައި ރިޔާސީ ކޮމިޝަނެއް އެކުލަވާލާފައެވެ.

ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ މި ކޮމިޝަނުގެ މައިގަނޑު މަސްއޫލިއްޔަތަކީ، ކުޑަކުދިންނަށް ކުރާ އަނިޔާތަކާ ގުޅޭ މައްސަލަތަކުގައި، ދައުލަތުގެ އިދާރާތަކާއި ދައުލަތުގެ ފަރާތުން އެކަމާއި މަތިކޮށްފައިވާ އެންމެހައި ފަރާތްތަކުން ޢަމަލުކޮށްފައިވާ ގޮތާއި މިހާރުގެ ހާލަތު ދެނެގަތުމެވެ. އަދި، ކުޑަކުދީންނަށް ދިމާވާ އަނިޔާގެ މައްސަލަތަކުގެ ބާވަތާއި، އެކަންކަން މެދުވެރިވެފައިވާ ތަނާއި ވަގުތުތަކާއި ހާލަތާއި، އެކަމުގައި ޝާމިލުވާ މީހުންގެ އުމުރާއި، އިގްތިސާދީ ހާލަތާއި، އިޖުތިމާއީ ހާލަތާއި، ކުށްކުރާން ނުވަތަ އަނިޔާލިބެން މެދުވެރިވާ ސަބަބުތައް ހޯދުމާއި، އަނިޔާލިބުނު ކުދިންގެ މިހާރު ހާލަތާއިބެހޭ މައުލޫމާތު އެއްކޮށް، ދައުލަތުގެ އިދާރާތަކުން މިބާވަތުގެ މައްސަލަތަކުގައި ޒިންމާ އަދާކޮށްފައިވާ ގޮތާއި މިންވަރު ދެނެގަތުމެވެ.

ރައީސް އޮފީހުން ބުނީ މި ކޮމިޝަނަކީ ކުޑަކުދީންގެ ހައްގުތައް ރައްކާތެރިކުރުމުގެ ޒިންމާ މަތިކޮށްފައިވާ ދައުލަތުގެ މުއައްސަސާތަކުން ފޯރުކޮށްދޭ ހިދުމަތްތައް ހަރުދަނާކުރުމާއި، ރޭވުންތެރިކަމާއެކު ވަކި ނިޒާމެއްގެ ތެރެއިން މަސައްކަތް ކުރެވޭނެ ގޮތްތައް ކަށަވަރުކުރާނެ ކޮމިޝަނެއް ކަމަށެވެ. އަދި، ކުޑަކުދީންނަށް އަޅައިނުލާ ފަރާތްތަކާއި އެ ކުދީންނާމެދު އިހުމާލުވާ ފަރާތްތަކާއި، އެ ކުދީންނަށް އިހާނެތިކޮށް ހިތާ ފަރާތްތަކާއި، އެ ކުދީންނަށް ގޯނާކުރާ ފަރާތްތަކާއި، އެ ކުދީންގެ ކިބައިން ނާޖާއިޒު ފައިދާ ހޯދާ ފަރާތްތަކާމެދު މި ކޮމިޝަނުން ފިޔަވަޅު އަޅާނެ ކަމަށްވެސް ބުންޏެވެ. މީގެ އިތުރުން، ކުޑަކުދީންގެ ހަގުތަކަށް އުނިކަން ލިބޭފަދަ ޢަމަލުތައް ކުރާ ފަރާތްތަކާމެދު ކުށް ކަނޑައަޅާ ކުޑަކުދީންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި، އެހެނިހެން ގަވައިދުތަކުގެ ދަށުން ޖިނާއީ ދައުވާކުރުން ނުވަތަ އިދާރީ ފިޔަވަޅު އެޅުމަށް ބޭނުންވާ މައުލޫމާތު ހޯދާ ދިރާސާއެއްވެސް މި ކޮމިޝަނުނުން ހިންގާނެ ކަމަށެވެ.