އެމްއެންޑީއެފް

ޖިންސީ ގޯނާގެ ތުހުމަތަށް ހައްޔަރުކުރި ސިފައިންގެ މީހާ ސަސްޕެންޑްކޮށްފި

ޖިންސީ ގޯނާގެ ތުހުމަތެއްގައި ރޭ ހައްޔަރުކުރި ސިފައިންގެ މީހާ ސަސްޕެންޑް ކޮށްފި އެވެ.

އެމްއެންޑީއެފުން ދެންމެ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ސިފައިންގެ ދެމީހަކު 15 އަހަރުގެ ކުޑަކުއްޖަކު ރޭޕްކުރިކަމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ވިދާޅުވުމާއި ގުޅިގެން އެ މެމްބަރު އެ ވިދާޅުވަނީ ކޮން ސިފައިންގެ މީހެއްގެ ވާހަކަތޯ ހޯދަން އެ މެންބަރު އަރިހުގައި އެދިފައިވާ ކަމަށެވެ.

މަޖިލީހުގެ ކޮމެޓީއެއްގައި އެ ވާހަކަ ވިދާޅުވީ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމެވެ.

އެމްއެންޑީއެފުން ބުނީ ސިފައިންގެ އެ ދެ މީހުންނަކީ ކޮން ބައެއްކަން އެނގޭނީ ފުލުހުންނަށް ކަމަށް މެންބަރު ވިދާޅުވުމުން އެފަދަ ތުހުމަތެއް ކުރެވޭ ސިފައިންގެ މީހަކު ވާނަމަ، އެބަޔަކާއިގުޅޭ މައުލޫމާތު ދިނުމަށް ފުލުހުންގެ އިދާރާގައި މިމަހުގެ 18 ވަނަ ދުވަހު އެދިފައިވާ ކަމަށެވެ.

އަދި ރޭގެ ވަގުތެއްގައި ސިފައިންގެ މީހަކު ފުލުހުންގެ ހައްޔަރަށް ގެންދިޔަކަމުގެ މައުލޫމާތު ފުލުހުން ހިއްސާކުރުމާއި ގުޅިގެން ގަވާއިދުގައިވާ ގޮތުގެމަތިން އެމްއެންޑީއެފްގެ ކަމާބެހޭ ކޮމިޓީ ބައްދަލުކޮށް، ފުލުހުންގެ ހައްޔަރަށް ގެންދިޔަ ސިފައިންގެ މީހާ، އޭނާ ހައްޔަރަށް ގެންދިޔަ ވަގުތުން ފެށިގެން ވަނީ ސަސްޕެންޑްކޮށްފައިވާ ކަމަށެވެ.

ފައިންގެ މީހެއްގެ މައްޗަށް ޖިނާއި ކުށެއް ސާބިތުވި ކަމުގެ މައުލޫމާތު ކަމާބޭހޭ އިދާރާއަކުން ގައުމީ ދިފާއީ ބާރަށް ލިބިއްޖެނަމަ، ޖިނާއި ކުށްކުރި މުވައްޒަފަކާ ދެތެރޭގައި ގަވާއިދުން ފިޔަވަޅު އަޅާނެ ކަމަށް އެމްއެންޑީއެފުން އިއްޔެ ވަނީ ބުނެފައެވެ.

އެމްއެންޑީއެފްގެ އިސް ތަރްޖަމާން މޭޖާ އިބްރާހިމް އާޒިމް އިއްޔެ ވިދާޅުވީ އެފަދަ މައްސަލަތަކާއި ގުޅޭގޮތުން އެމްއެންޑީއެފް އިން ގެންގުޅޭ ޕޮލިސީ ދާދިފަހުން ނެރުން ނޫސްބަޔާނުގައި ބަޔާން ކޮށްފައިވާނެ ކަމަށެވެ.

އަދި ޖިނާއި މައްސަލަ ބަލަނީ ޕޮލިސް ކަމަށްވާތީ އެފަދަ ޖިނާއި ކުށެއް ސާބިތުވި ކަމުގެ މައުލޫމާތު ކަމަބޭހޭ އިދާރާއަކުން ގައުމީ ދިފާއީ ބާރަށް ލިބިއްޖެނަމަ، ޖިނާއި ކުށްކުރި މުވައްޒަފަކާ ދެތެރޭގައި ގަވައިދުން ފިޔަވަޅު އަޅާނެ ކަމަށެވެ.