ހަބަރު

އައިޖީއެމްއެޗަށް ގެންދިޔަ ގައިދީއަކު ފިލައިފި

ޓެސްޓުތަކެއް ހައްދަން އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދިޔަ ގައިދީއަކު ފިލައިފި އެވެ.

މޯލްޑިވްސް ކަރެކްޝަަނަލް ސާވިސްގެ މީޑިއާ އޮފިސާ، އެސިސްޓަންޓް ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް އަބްދުލް ގާދިރު އިބްރާހިމް އަވަސްއަށް ވިދާޅުވީ މާލެ ޖަލުގައި ބަންދުކޮށްފައި ހުރި ގައިދީއަކު މިއަދު ހެނދުނުގެ ވަގުތެއްގައި އައިޖީއެމްއެޗްއަށް ގެންދިޔުމުން ފިލާފައިވާ ކަމަށެވެ. އޭނާއަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި ހުކުމް ތަންފީޒު ކުރަމުން ދިޔަ މީހެއް ކަމަށް ގާދިރު ވިދާޅުވި އެވެ.

"އައިޖީއެމްއެޗް އިން ޓެސްޓުތަކެއް ހައްދަން ވެގެން ކޮޓަރިއަކަށް ވައްދާފައި ހުއްޓާ އެތަނުން ފިލައިގެން ދިޔައީ،" އޮފިސަރު ވިދާޅުވި އެވެ.

ފުލުހުން ބުނީ ފިލައިގެން އުޅެނީ އުމުރުން 24 އަހަރުގެ އައިސަރު ނަސީމް ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތުގައި ފުލުހުން ކަރެކްޝަންސްއަށް އެހީތެރިވަމުން އަންނަ ކަމަށެވެ.

ގައިދީން އައިޖީއެމްއެޗްއަށް ގެންދާއިރު އާންމު ގޮތެއްގައި ހުންނަނީ ބިޑި އަޅުވައިފަ އެވެ. އަދި ގައިދީއާއެކު ކަރެކްޝަންސްގެ އޮފިސަރުން ވެސް ތިބެ އެވެ.