ވާހަކަ

ދާނޭހެ ޔާދުން ހިތާއޭ

(21 ޖެނުއަރީ 2020 އާ ގުޅޭ)

"އިޒް ދިސް ރިއަލް... އެއީ ހޭޒަލްއަށްވާނީ ކިހިނެއް؟" ކުރިއަށް ފިޔަވަޅެއް އެޅުމުގެ ކުރީން ދާރިއަންއަށް އަމިއްލަ ހިތާ ސުވާލުކޮށްލެވުނެވެ.

ދާރިއަންއަށް ވެފައި ހުރި ގޮތުން ހޭޒަލް ބޮލުން އިޝާރާތެއްކޮށްލިއެވެ. ހޭޒަލްއަށް ގެއްލިފައި ހުރެ ދާރިއަން އައިސް އެ މޭޒުގެ ދޮށުގައި މަޑުކޮށްލިއެވެ. ހޭޒަލް ތެދުވި ގޮނޑީގައި އޭނާ އަލުން އިށީނެވެ. އޭނާއާ ޖެހިގެން ވައަތް ފަރާތުގައި ހުރި ގޮނޑީގައި ދާރިއަން އިށީނެވެ. އޭނާގެ ނަޒަރު އޭރުވެސް ހުއްޓިފައި ހުރީ ހޭޒަލްއަށެވެ.

"މިތާ އިންނަންވީމަ، އަހަރެން ކޮފީއެއް ގެނައީ" ހޭޒަލް ވާހަކަދެއްކިއެވެ. ދާރިއަންގެ ނަޒަރު އޭނާއަށް ހުއްޓިފައި ހުރިކަން އެނގެއެވެ. ހެދުން އެޅުމަށް ގެނައި ހެޔޮ ބަދަލުގެ ސަބަބުކަމަށް ވެދާނޭ ހޭޒަލް ހީކުރިއެވެ.

"ތީ ހަމަ ހޭޒަލްތަ؟" ދާރިއަން އަހާލިއެވެ. އޭގެ ޖަވާބަކަށް ހޭޒަލް ލުއި ހިނިތުންވުމަކާއެކު ބޯޖަހާލިއެވެ.

"ހަމަ އެހާ ތަފާތީތަ؟" ދާރިއަން ސަމާސާގެ ނިޔަތުގައި ކަންބޮޑުކުރަނީއޭ ހޭޒަލްއަށް ހީވިއެވެ. ލުއި ހީނލުމެއްގެ އަޑު ދާރިއަންގެ ފަރާތުން އިވިގެން ދިޔައެވެ. އެ ހުނުމާއެކު އޭނާ ގޮނޑީގައި ރަނގަޅަށް ހަމަޖެހިލިއެވެ. އެވަގުތު ވެއިޓަރަކު އެ މޭޒު ދޮށަށް ކައިރިވެލައިފިއެވެ. އޭނާއަށް އެއްޗެކޭ ނުބުނެވިގެން އުޅެނިކޮށް ދާރިއަން އޯޑަރު ދީފިއެވެ. އެތަނުން ވެއިޓަރު އަވަހަށް ފޮނުވާލުމުގެ ގަސްދުގައެވެ. ވެއިޓަރުގެ އުނދަގުލެއް ނުޖެހޭނެކަން ޔަގީންވާހާ ދުރަށް އޭނާ ދިއުމުން އަނެއްކާ ވެސް ހޭޒަލްއަށް ދާރިއަންގެ ނަޒަރު ހުއްޓިއްޖެއެވެ.

"ކިހިނެއްތަ؟" ފަރުވާތެރިކަމާއެކު ހޭޒަލްގެ މޫނަށް ބަލަން އިނދެ ދާރިއަން އަހާލިއެވެ.

"ރަނގަޅު" ހޭޒަލް ބުނެލިއެވެ. ހޭޒަލް އުޅުމަށް ބަދަލުތަކެއް އައިސްފިކަން ދާރިއަންއަށް ޔަގީން ކުރެވުނެވެ.

"ބަލީތަ؟... ތިމޫނުން އެހެންހީވާތީ" ދާރިއަން އަބަދުވެސް ހޭޒަލް ފާޅުނުކުރާ ވާހަކަތައް އެ މޫނުން ދެނެގަންނަން މަސައްކަތްކުރެއެވެ.

"ބަލިވި... އެކަމަކު މިހާރު ﷲ އިރާދަފުޅުން ރަނގަޅު، ސޮރީ އިނގޭ އެއްވެސް އެއްޗެއް އަންގާނުލެވި މިހާ ދުވަސްވީމަ، މަސައްކަތް ނުކުރާކަށްނޫން..." ހޭޒަލްގެ އަޑުގައި ކުރީން ނުހުންނަ މަޑުމައިތިރިކަމެއްވިއެވެ. ދައްކާ ކޮންމެ ވާހަކައެއް އޭނާ ދައްކަނީ ސީރިއަސްކަމާއެކުއެވެ. ދާރިއަންއާ ބައްދަލުވުމުން އިހު ސަމާސާކޮށް ކުދިކުދި ކަންތައްތަކާ ހީނހީނފައި އުޅުނު ގޮތް ހޭޒަލްގެ މިޒާޖުން ފިލައިފައިވާ ކަހަލައެވެ.

"އަހަރެންގެ އަތުގައި އެ ފޮށި އެބައޮތް... އެދުވަހު ހޭޒަލްތަ އެ ހިފައިގެން އޮފީހަށް އައީ،" ދާރިއަން ޔަގީންކުރަން ބޭނުންވިއެވެ. ނަމަވެސް އޭނާއަށް ކުރެވުނު ސުވާލުން ހޭޒަލްއަށް ތަފާތު އަސަރުތަކެއް ކުރުވައިފިކަން އެމޫނުން ދުށްޓެވެ. ހޭޒަލްއަށް އުނދަގޫކަން އިޙްސާސް ކުރެވުމުގެ ގަސްދެއްނެތަށް އެ އަންހެންކުއްޖާއަށް މިހާ ބޮޑު ބަދަލެއް އައި ސަބަބު އެނގެން ދާރިއަންގެ ހިތް ތެޅިފޮޅެންފެށިއެވެ. އެވަގުތު ވެއިޓަރު އައިސް ކޮފީޖޯޑު ދާރިއަންގެ ކައިރީ މޭޒުމަތީ ބަހައްޓައިފަ ހިނގައްޖެއެވެ. ޖޯޑުގެ އަތްގަނޑުގައި ޝަހާދަތް ހިނގާލުމާއެކު ދާރިއަންއަށް ލޯހިމަކޮށްލެވުނެވެ. ސިކުނޑީގައި ތަފާތު ޚިޔާލުތައް އުތުރިއަރަމުންދިޔައެވެ. ހޭޒަލްގެ ކޯތާފަތުގައި ހިފާލުމާއެކު އެ ތަނަވަސްނިތްކުރީގައި ބޮސްދޭން ވެސް އޭނާގެ ނަފްސު އެދެމުން ދިޔައެވެ. ހޭޒަލްއަށް ދާރިއަންގެ ނަޒަރު އަމާޒުކޮށްލެވުނެވެ.

ހަނދާނުގައި ރައްކާކުރެވިފައިވި އެ ދުވަހުގެ މަންޒަރުތައް ބޮޑުވެ ކުލަވެގެން އައީ ހޭޒަލްގެ އިޚްތިޔާރަކުނޫނެވެ. އެކަމުން އޭނާގެ ހިތަށް އުނދަގޫވިއެވެ. ނޭނގޭ ހާސްކަމެއް ނަފްސުގެ ނުތަނަވަސްކަމުގެ މައްޗަށް ވެރިވާންފެށިއެވެ. އުނގުމަތީ ބާއްވާލެވިފައި އޮތް ދެއަތްތިލަ ޖޯޑުކޮށްލައި ބާރުކޮށްލިއެވެ. ލިއަމްގެ ހަނދާންތަކާ ނުލައި ދާރިއަންގެ ސުވާލަށް ޖަވާބެއްނުދެވޭނެއެވެ. ސުކޫތުކޮޅަކަށްފަހު ފިނިނޭވާއެއް ހޭޒަލް ދޫކޮށްލިއެވެ. ދާރިއަންއަށް ބަލާލައި ބޯޖަހާލިއެވެ. އެ ހުރިހާއިރު މާނަވީ ގޮތަކަށް ދާރިއަން ބަލަން އިންކަން ހޭޒަލްއަށް ޔަގީންކުރެވުނެވެ.

ނަޝާއާ ހުރިހާކަމެއް ޚިއްޞާކުރެވުނަސް ދާރިއަންއަކީ އެހާ ގާތްމީހެއްކަމަށް ހޭޒަލްއަށް ނުދެކެވެއެވެ. އެހެންވެ ދާރިއަންއަށް އޭނާގެ ދިރިއުޅުމުގެ ވާހަކަ އިވިއްޖެނަމަ ހީކުރާނޭ ގޮތަކާމެދު ހޭޒަލް ކަންބޮޑުވަނީއެވެ. މީހުން ދެކޭ ގޮތަށްވުރެ ކަންއޮތްގޮތާމެދު ވިސްނަން ޖެހޭނެކަން އިޝްވާ ބުނެދިނެވެ. އެހެންވިޔަސް ހޭޒަލް އެކަމަށް އަދިވެސް ނުހޭނެނީއެވެ. ޒާތީ ކަންކަމުގައި ގާތްކަމެއް ނެތަސް ދާރިއަންއަކީ ޤަދަރުކުރެވޭ ރަޙުމަތްތެރިއެކެވެ. ލިއަމްއާ ވަކިވާން ނިންމި ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް ހޭޒަލް ކުރީ ހިތްވަރެވެ. މީހުން ކައިރީ ދިރިއުޅުން ނިމުމަކަށް އަތުވެއްޖެއޭ ބުނަންވުމުން ހޭޒަލްގެ ހިތުގެ ފާރުތަކުން އަދިވެސް ލޭހިލެއެވެ.

"ލޮލުން ކޮފީތަށި ބޯލެވޭތޯތަ ތިވަރަށް ތިބަލަނީ" ހިމޭންކަމާއެކު ކޮފީޖޯޑަށް ހޭޒަލްގެ ނަޒަރު ހުއްޓިފައި ހުންނަތާ ވަގުތުކޮޅެއްވެގެން ދާރިއަން ވާހަކަދެއްކިއެވެ. އެ އަޑަށް ހޭޒަލް އިސްއުފުލައި ހިނިތުންވެލިއެވެ. އެހެންނަމަވެސް އެ ހިނިތުންވުން އެ ދެލޮލާ ހަމައަށް ނުފޯރާކަން ދާރިއަންއަށް ފާހަގަވިއެވެ.

"މަސައްކަތް ހުއްޓާލަންތަ ގަސްދުކުރަނީ، ހޭޒަލް ބޭނުންވާގޮތެއްބުނެބަލަ" ހޭޒަލް އަނގައިން ނުބުނުމުން ދާރިއަން ބުންޏެވެ.

"މަސައްކަތެއް ކުރަން ވަރަށް ބޭނުން، އަލުން އާކަމެއް ފެށުމަށްވުރެ ވިސްނުން ހުރީ ދާރިއަން އޯކޭނަމަ ހުއްޓާލި ހިސާބުން ތިކޮޅުން ހުށަހެޅި މަސައްކަތް ފެށުމަށް" ހޭޒަލްގެ ހިތުގައި އޮތް ގޮތަށް ހާމަކުރިއެވެ.

"އަހަންނަށް އޯކޭ... ހޭޒަލް ދޫކޮށްލުމުގެ ޚިޔާލެއްނެތް... ހެ ހެ ހެ... ހުއްޓަހުއްޓާފާ ވިޔަސް އަހަރެން ބޭނުންވަނީ ހޭޒަލްއާއެކު މަސައްކަތްކުރަން، އެއީ އެހެންމީހަކަށް އޮތް އޮފާއެއްނޫން" ލަފުޒުތަކުގެ ތެރޭ ދާރިއަންގެ ނިޔަތް އޮތީ ފޮރުވިފައެވެ.

"ތެންކިޔު... ވަރަށް ބޮޑަށް..." ހޭޒަލް ބުނެލިއެވެ.

"ކީއްވެ ތިހާ ބަދަލުވީ... އައި މީން ޔޯ ޑްރެސް" ދާރިއަން ކުއްލިއަކަށް އަހާލިއެވެ.

"މީއެންނު ހުންނަންވީ ގޮތަކީ" ލުއިހިނިތުންވުމެއް ހޭޒަލް ބަދަލުކޮށްލިއެވެ. ދާރިއަންއަށް އެ ޖަވާބުން ނުފުދުނު ކަހަލައެވެ.

އެ ދެ ޒުވާނުންގެ ދެމެދުގައި ވާހަކަކުރިއަށް ދިޔަނަމަވެސް ކުރީން ހުރި ގާތްކަމެއްނެތްހެން ދާރިއަންއަށް ހީވިއެވެ. މުޅި ރާގު ބަދަލުވެއްޖެއެވެ. އެކަމާ މާބޮޑަށް ވެސް އޭނާ މާޔޫސްވެއްޖެއެވެ. އެހެންވިޔަސް ކުރިއަށްވުރެ ހޭޒަލްގެ ރީތިކަމަށް ދާރިއަންގެ ހިތް ތާރީފުކުރިއެވެ. ކުރިއަށްވުރެ ބޮޑަށް އެހިތް ހޭޒަލްގެ މައްޗަށް ލެނބިއްޖެއެވެ. އޭނާ ހޭޒަލްއާ ވަރަށް ގިނަ ވާހަކަދައްކަން ގަސްދުކުރިއެވެ. އެހެންނަމަވެސް ކަންތައްވީ އެހެނެއްނޫނެވެ. ކުރިމަތީގައި އެ އަންހެންކުއްޖާ ހުރުމުން ރާވާރޭވުމުގެ މަތިން ވެސް ހަނދާންނެތުނީއެވެ. ބުނަންބޭނުންވާ އެތައް ވާހަކައެއް ނުދެކެވި މާނައެއްނެތް ކޫސަނި އެތައްކަމެއްގެ ވާހަކަ ދެކެވުނެވެ.

"ނިންމާލަމާ..." ހެދުމުގެ އަތްކުރި ހިއްލާލައި ގަޑި ބަލާލަމުން ހޭޒަލް ބުނެލިއެވެ. ދާރިއަން ބޯޖަހާލިއެވެ. ދެން އޭނާ އެނބުރިލައި ކައިރީގައި އުޅުނު ވައިޓަރަކަށް ގޮވާލައި ބިލް ގެނެސްދިނުމަށް އެދުނެވެ. އެވަގުތު ހޭޒަލް ކުރު ފޯނުކޯލެއް ކުރިއެވެ. އޭނާ ބަލާއަންނަންވީކަމުގައި ބުނެލީއެވެ. އެހެންޏާވެސް ދާރިއަންއާއެކު ކޮފީއަށް އައިސް ހޭޒަލް ކަންތައްކުރާ ގޮތަކީ އެއީއެވެ.

ބިލުގެނައުމުން ޖުމްލަ އަދަދުގެ ދެބައިކޮށްފަ އެއްބައި ފައިސާ ހޭޒަލް ވެސް ލިއެވެ. ދާރިއަން ޝަކުވާކުރުމުން ވެސް އެއަޑެއް ނާހައެވެ. އެކަކުވެސް އަނެކަކުގެ މައްޗަށް އަބަދު ބަރޯސާވާކަށް ނުވާނޭ ހޭޒަލް ބުނެލިއެވެ. ކޮފީއަށް އަންނަންވާނީ އެހެންމީހުން އަތުން އަބަދު ޚަރަދުކުރުވާކަށްނޫންކަމާއި އެއީ އޭނާގެ ގޮތްކަން ހާޒަލް ހާމަކުރިއެވެ. އެ އާދައަކީ ވެސް ހޭޒަލްގެ ބަދަލުނުވާ ކަމެއްކަން ދާރިއަންއަށް ފާހަގަވިއެވެ.

މޭޒުދޮށުން ތެދުވީ ދެ މީހުން އެކީއެވެ. ރެސްޓޯރެންޓުގެ ދޮރުމައްޗަށް ނުކުމެ ހޭޒަލް މަޑުކޮށްލުމުން ދާރިއަން ވެސް މަޑުކޮށްލީއެވެ. އެއާއެކު ހޭޒަލް އެދުނީ އޭނާ ދިޔަޔަސް އެންމެ ރަނގަޅުކަމަށެވެ.

"އިޓްސް އޯކޭ... ލިއަމް އަންނަންދެން މަޑުކޮށްލާނީ، އޭރުން ހޭޒަލް އެކަންޏެއްނުވާނެއެއްނު" ދާރިއަން ބުނެލިއެވެ.

"ދާރިއަން!..." ވާހަކައެއް ބުނަން އުޅޭހެން ހޭޒަލް ގޮވާލިއެވެ. އަވިއައިނު އަތަށް ނަގާލި ދާރިއަންގެ ނަޒަރު ހޭޒަލްއާ އަމާޒުކޮށްލިއެވެ. ހޭޒަލް ފަސްޖެހޭހެން ހީވެ ދާރިއަން ނިތްއަރުވާލިއެވެ.

"އަހަރެން... ޑިވޯސްޑް" ހޭޒަލް ހުރީ ޖެހިލުންވެފައެވެ.

ލިބުނު ހައިރާންކަމުގައި ދާރިއަންއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ހޭޒަލް އަވަސްއަވަހަށް އިސްޖަހާލައިފިއެވެ. ދެމެދުގައި ވާހަކައެއް ނުދެކެވިގެން އުޅެނިކޮށް މަގުގެ އަނެއްފަރާތަށް ކާރެއް މަޑުކުރިއެވެ. އެކަން ދާރިއަންއަށް ފާހަގަވީ ހޭޒަލް ހިނގައިގަތީމައެވެ. ދެންފެނުނު މަންޒަރުން އޭނާ އިތުރަށް އަޖައިބުވެއްޖެއެވެ. ކާރުން ފޭބި މީހަކީ އޭނާއަށް ބީރައްޓެހި މޫނެއްނޫނެވެ. އިތުރު އެއްވެސް އެއްޗެއް ނުބުނެ ހޭޒަލް ގޮސް އެމީހާ ހުޅުވާދިން ދޮރުން ކާރަށް އަރައިފިއެވެ. ކާރު ދަންދެން ދާރިއަންއަށް ހުރެވުނީއެވެ. އެއަށްފަހު އޭނާ ވެސް ހަލުވިކޮށް ހިނގާފައި އައިސް އޭނާގެ ކާރަށް އަރައިފިއެވެ.

"ކީއްވެ އަހަންނަށް ނޭނގުނީ... އެއީ ހީވުމެއްނޫން... އެއީ ހަމަ ހޭޒަލް... އިޝްވާ... ހޭޒަލް..." ދާރިއަންއަށް ހުންގާނުބުރުގައި ދެއަތުން ބާރަށް ހިފަހައްޓާލެވުނެވެ. ސިކުނޑިއާއި ހިތަށް ކުޅަދާނަނުވާވަރު ޖަޒުބާތުގެ އޮއެވަރެއް އެ ހަށިގަނޑުގައި ދައުރުވާން ފެށި ކަހަލައެވެ.

އިޝްވާގެ ކުލިނިކުން ނުކުންނާތީ އޭނާއަށް މިހާދުވަހު ފެނުނީ ހޭޒަލްކަން ދާރިއަންއަށް ޔަގީންވީ އަދިކިރިޔާއެވެ. ހޭޒަލް ބަލިވިއޭ ބުނީ އެހެންވެބާއޭ ދާރިއަންގެ ހިތަށް އެރިއެވެ. އޭނާ މާޔޫސްވިއެވެ. ހޭޒަލްގެ ހިތްދަތިކަން އޭނާއަށް ފެންނަންފެށީ ދެނެވެ. އެ ދެ ލޮލާ ހަމައަށް އެ ހިތްގައިމު ހިނިތުންވުން ނުފޯރަނީ ކީއްވެކަން ދާރިއަންއަށް އެނގިއްޖެއެވެ. ދާރިއަންގެ ހިތަށް ތަދުވެއްޖެއެވެ. ހޭޒަލް ފާޅުނުކުރި ނަމަވެސް އޭނާ މީހަކުދެކެ އިންތިހާއަށް ލޯބިވާނަމަ އެ ލޯބި އޭނާވީ ލިއަމްދެކެކަން ދާރިއަންއަށް އެނގެއެވެ. ދާރިއަން ވެސް ހޭޒަލް ބޭނުމެވެ. އެކަމަކު ހޭޒަލްގެ ހިތް ފުނޑުފުނޑުވުމަކަށް އޭނާ ނޭދެއެވެ. އަމިއްލަ އެދުން އިސްކޮށް ހޭޒަލްގެ ދުނިޔެ ފަނާވުމަކަށް އޭނާ އެއްފަހަރުވެސް ނޭދެއެވެ. ގުދުވެލުމާއެކު ހުންގާނުގައި ދާރިއަން ބޯއަޅާލިއެވެ. ހޭޒަލްގެ ހިމޭންކަން ފަހުމްވީއިރު އެ ހިމޭންކަމުގައި އެކުލެވިފައިވި ވޭން ދާރިއަންއަށް އިޙްސާސް ކުރެވެމުންދިޔައެވެ.

"ކީއްވެ ކުރީން ނުބުނީ..." ދާރިއަންގެ ހިތް ޝަކުވާއިން ފުރުނެވެ. ތަކުރާރުކޮށް ހޭޒަލްގެ ނަން ކިޔާލެވުނެވެ. އެވަގުތު އަނެއްކާ ވެސް އެހެންކަމެއް އޭނާއަށް ހަނދާންވިއެވެ.

"އިޝްވާ... ޝީ ނިއު... އަހަރެން ފޮޓޯދެއްކީމަ އޭނާއަށް އެހާ ބޮޑު ޝޮކެއް ލިބުނީ އެހެންވެ... ކީއްވެ ނުބުނީ..." ދާރިއަންއަށް ދަތްކުނޑިވިކާލެވުނެވެ.

* * * * *

ގެއަށް އައިސް ވެސް ހޭޒަލްއަށް ވިސްނެމުންދިޔައީ ދާރިއަންއާ މެދުއެވެ. އޭނާ އެވަރަށް ހައިރާންވީ ކީއްވެބާއޭ ހޭޒަލްގެ ހިތަށް އެރިއެވެ. އެއްޗެކޭ ނުބުނެ ދާރިއަން ހުއްޓުން އަރާފައި ހުރި ހުރުން ހޭޒަލްއަށް ނުތަނަވަސްކަން ގެނުވިއެވެ.

ވަގުތުތައް ފާއިތުވަމުންދިޔައިރު ހޭޒަލްއަށް އުޅެވުނީ ފޯނު އަތަށް ލައިގެންނެވެ. ދާރިއަން އެއްޗެއް ނުބުނުމުން ހޭޒަލްއަށް ހީވީ އެއީ ގޯހެއް ކަމަށެވެ. އޭނާ ހޭޒަލްއާ މެދު ދެކޭގޮތް ބަދަލުވީކަމުގައެވެ. ހޭޒަލް ބުނި އެއްޗެއް ޔަގީންކޮށްލަން ދެވަނަ ފަހަރަށް ދާރިއަން އަހާލާނެކަމަށް ވެސް އޭނާއަށް ހީކުރެވުނެވެ. އެކަހަލަ އެއްވެސް ކަމެއް ނުވުމުން އޭނާ ފަހުން ގުޅާފާނޭ ހޭޒަލްއަށް ހީކުރެވެނީއެވެ.

ރޭގަނޑު އެގާރަ ޖަހައިފިއެވެ. އެނދުގައި އަރިއަކަށް އޮތް ހޭޒަލްގެ ނަޒަރު އަތުގައި އޮތް ފޯނަށް ހުއްޓިފައި ވިއެވެ. އޭނާގެ ދެލޯ ފެންކަޅިވަމުންދިޔައެވެ. އަމިއްލަ ނަފްސަށް އޮތް ޔަގީންކަން ގެއްލުނެވެ. އޭނާއަކީ ދާރިއަންގެ ކުރިމަތީ ރަނގަޅު އަންހެނަކަށް ނުވީއޭ ހީކުރެވުނެވެ. މޮޔަ ޚިޔާލުތައްކަމެއް ކުރެވެނީ ދެނެގަންނަން ހޭޒަލްއަކަށް ނޭނގެއެވެ. އޭނާ ބޭނުންވި ރިއެކްޝަން ދާރިއަންގެ ފަރާތުން ނުލިބުމުން ހުރިހާކަމެއް ގޯހުންގޯހަށް ދިޔައީކަމުގައި ހޭޒަލް ނިންމީއެވެ. އޭނާއަށް ރޮވެންފެށުނެވެ. ދާރިއަންދެން އޭނާއާ ވާހަކައެއްނުދައްކާނޭ ހީކުރެވުނެވެ. އެއްވެސް މީހަކު އޭނާއަށް އިޚްތިރާމްކޮށް ޤަދަރެއްނުކުރާނޭ ހޭޒަލްގެ ހިތަށް އެރިއެވެ. ބާލީހުގައި އޭނާ މޫނު ފޮރުވާލީ މާބޮޑަށް ރޮވެންފެށުމުންނެވެ. ކުޑަކުޑަކަމެއް ބޮޑުކޮށްލެވެނީކަން ހޭޒަލް އެއްގޮތަކަށް ވެސް ނުދެނަހުއްޓެވެ.

* * * * *

މީޓިންކުރިއަށް ދިޔައިރު ޒުކަންގެ ނަޒަރު ހުރީ ދާރިއަންއަށް ހުއްޓިފައެވެ. ހެނދުނު އޮފީހަށް އޭނާ އައީ ޒުކަންއަށްވުރެ ކުރީންނެވެ. މިހާރު ވެސް އޭނާގެ ސަމާލުކަން ބައްދަލުވުމުގެ ކުރިއަށްދާ މަޝްވަރާއަށް ދެވިފައިނެތްކަން ޒުކަންއަށް ޔަގީންއަށް ވެއެވެ. ބައްދަލުވުން ނިންމާލުމާއެކު އެންމެ ފުރަތަމަ ގޮނޑިން ތެދުވީ ދާރިއަންއަށެވެ. އޭނާ އެންމެންނަށްވުރެ ކުރިން ހަލުވިކޮށް އެތަނުން ނުކުމެއްޖެއެވެ.

"ކަމެއް ގޯސްވީތަ؟" ޒުކަންގެ ސަމާލުކަން ދާރިއަންއަށް ހުއްޓިފައިވީތީ ހާނިމް އަހާލިއެވެ.

"ތިއެއް ވެސް ނޭގެ، ހެނދުނު އަހަންނަށްވުރެ ކުރީން އަތުވެއްޖެ... އޭނާގެ ސިކުނޑީގައި ހިނގާ ކަންކަން ދެނެގަތުމަކީ ފަސޭހަކަމެއްނޫން" ޒުކަން ބުނެލިއެވެ.

"ހެ ހެ ހެ... ޒުކަން އަހާފިއްޔާ މިހާތަނަށް ނުބުނެއެއް ނެތެއްނު... އަހަރެން ވެސް ދާރިއަންއާ ގުޅުންއޮތް ވާހަކައެއް ޒުކަންއާ ދައްކާލަން ބޭނުންވެފަ މިހުންނަނީ" ޒުކަންއާއެކު މީޓިންކޮޓަރިން ނުކުންނަން ހިނގައިގަތް ހާނިމް ބުނެލިއެވެ.

"ހެ ހެ ހެ ހެ... ހަމައެކަނި ދާރިއަންތަ ނޫނީ ސާރާއާ ދެކުދީންގެ ވާހަކަތަ؟" ހުނުމަކާއެކު ޒުކަން ވާހަކަދެއްކީ ހާނިމް ބުނަން އުޅޭ އެއްޗެއް އެނގި ހުރެއެވެ.

"މަސައްކަތްތައް ފެށުމުގެ ކުރީން ކޮފީއެއް ނިންމާލަމާ" ހިނިއައިސްފައި ހުރެ ހާނިމް ބުންޏެވެ.

ދެ މީހުންގެ ކެބިންގައި އަތުގައި އޮތް ޓެބްލެޓް ބާއްވާފައި ނުކުތީ އޮފީސް ކައިރީގައި އެމީހުން ޢާންމުކޮށް އަރާ ރެސްޓޯރެންޓަށް ދިއުމަށެވެ. ރިސެޕްޝަން ކައުންޓަރާ ހަމައިން ސާރާއާ އެމީހުންނާ ބައްދަލުވިއެވެ. އޭނާއަށް ގޮވާލުމާއެކު ދާރިއަން ހޯދާކަމަށް ޒުކަން ބުނެލިއެވެ. ހާނިމް ހައިރަންކަމާއެކު އެއްޗެއް ބުނަން އުޅުމުން އޭނާގެ އަތަށް ދަމާލައި އަވަހަށް ދާން ޒުކަން އެދުނީ ހިނިއައިސްފައި ހުރެއެވެ.

ދާރިއަން ހޯދާކަން އެނގުމުން ސާރާއަށް ބޭއިޚްތިޔާރުގައި ހިނިތުންވެވުނެވެ. ހަލުވިކޮށް އޭނާގެ އުސް ބޫޓުގައި ފަރި ގޮތަކަށް ދާރިއަންގެ ކެބިންއާ ދިމާއަށް އައެވެ. ތާރާފެނި ކޮށްލި އިޝާރާތާއެކު ދާރިއަން އެތެރޭގައި އިންކަން އޭނާ ސާރާއަށް ޔަގީންކަން ދިނެވެ. ފުޅާ ހިނިތުންވުމަކާއެކު ދޮރުގައި ޓަކި ޖަހާލައި ހުޅުވާލިއެވެ. އޭނާއަށް ހައިރާންކަމެއް ލިބުނީ އެތަނުގައި ހުރި ދިގު ސޯފާގައި ދާރިއަން އޮތީމައެވެ. ނިތްކުރީގައި އެއްއަތް ބާއްވާލާފައި އޮތް ގޮތުން އޭނާގެ ދެ ލޮލެއް ނުފެނެއެވެ.

"ރިއާން...ހޭ... އާ ޔޫ އޯކޭ..." އެތެރެއަށް ވަން ސާރާ ވާހަކަދެއްކިއެވެ.

ސާރާގެ ހިލަންވެގެން ދާރިއަން މޫނުން އަތް ހިއްލާލިއެވެ. އަދި ވަގުތުން ތެދުވެ އިށީނެވެ. އެއާއެކު އޭނާ ސުވާލުކުރީ ސާރާ އެތަނަށް ވަން ބޭނުމެކެވެ.

"އަހަރެން ހޯދާތީ މިއައީ" ސާރާ ނިކަން ހަމަޖެހިލާފައި ބުނެލިއެވެ. ނަމަވެސް ދާރިއަންގެ ޠަބީޢަތް އިތުރަށް ގޯސްވީއެވެ.

"އަހަންނެއް ނުހޯދަން" ދާރިއަން ބުނެލިއެވެ.

"ބަޓް ޔޯ ޑޭޑް..." ސާރާއަށް ޖުމްލަ ފުރިހަމައެއް ނުކުރެވުނެވެ. ދާރިއަން ފުންމައިގެން ކޮޅަށް ތެދުވީ ނުރުހިފައެވެ.

"ކިހާދެރަކަމެއްތަ... މިބުނީނު ނުހޯދަމޭ... މިތަނުން ދާން ނޭނގިފަ ތިހުންނަނީއޯ" ދާރިއަންގެ އަޑުގައިވީ ހަރުކަށިކަމެވެ. އެންމެ ހިނދުކޮޅަކަށް ވެސް ސާރާ މަޑެއްނުކުރިއެވެ. ދުވަމުން ކަހަލަ ގޮތަކަށް އޭނާ އެތަނުން ނުކުތެވެ.

ދާރިއަންއަށް ނިތްކުރީގައި ވައަތުން ހިފަހައްޓާލެވުނެވެ. ޗަސްޖަހާލުމާއެކު އެމޫނުން ފާޅުވީ ފޫހިކަމެވެ. އޭނާ އަތުކުރީ އޮތް ގަޑިއަށް ބަލާލިއެވެ. އިޝްވާ ކުލިނިކަށް ނުކުންނާނީ މެންދުރުއެވެ. އަދި ހެނދުނު ދިހައެއް ޖެހީއެވެ. އެހެންވިޔަސް ދާރިއަންއަށް ކެތްކުރަން ދަތިވަނީއެވެ. އޭނާ ޖީބުގައި އޮތް ފޯނު ނެގިއެވެ. އިޝްވާއަށް ގުޅިއެވެ.

"މިހާރު މިވަގުތު އަހަރެން ބައްދަލުކުރަން ބޭނުން" އިޝްވާ ހެލޯއޭ ބުނުމާއެކު ދާރިއަން ބުނެއްޖެއެވެ.

"މިގަޑީގަ... އަހަރެން މިއުޅެނީ ފެމެލީކަމެއްގަ" އިޝްވާ ބުންޏެވެ.

"އެމަޖެންސީއެއް... އިޝްވާ ޕްލީޒް" ދާރިއަން މަޑުކުރާކަށް ބޭނުމެއްނޫނެވެ. އިޝްވާ ކިހިނެއްވީތޯ އެހުމުން ވެސް ދާރިއަން ފޯނުން ކިޔައިދޭކަށް އެއްބަހެއްނުވިއެވެ. އިޝްވާއަށް ހޭޒަލް އެނގޭކަން އޭނާ ސިއްރުކުރިއިރު ފޯނުގައި ހުރެ ވާހަކަދައްކައިފިނަމަ އޭނާއަށް އޮޅުވާލައި ދޮގުހަދަން އިޝްވާއަށް މާފަސޭހަވާނޭ ދާރިއަންގެ ހިތަށް އެރީއެވެ.

"ސްޓޮޕްއިޓް ދާރިއަން... ކުޑަކުދީން އުޅޭހެން ބޮޑާނުދައްކަބަލަ، އަހަރެން ވެސް މުހިންމުކަމެއްގައޭ މިއުޅެނީ، ހަވީރު އާދޭ... އޭރުން ވާހަކަދެއްކޭނެ، އަހަރެން ވެސް ކުރާނެކަމެއް އެގަޑީގަ ނޯންނާނެ" އިޝްވާ ހަރުގޮތަކަށް ބުނެލިއެވެ.

"ތަންކޮޅެއް ކުރީން ދާނަން" ދާރިއަން އަވަހަށް ބުނެލިއެވެ.

"އެހެންޏާ އަންނައިރުގަ އާދޭ، މިއަދު އިންނާނެ ސެޝަންއެއް" އިޝްވާ ބުންޏެވެ. އެއާއެކު ދާރިއަން އަހާލީ އެ ޕޭޝަންޓަކީ އެގަޑިއަށް އެތަނުން ފެންނަ އަންހެންކުއްޖާތޯއެވެ. އިޝްވާ އާނއެކޭ ބުނީ މާބޮޑު ވިސްނުމެއްނެތިއެވެ. އަދި ފޯނުކޯލު ނިންމާލިއެވެ.

އިރުކޮޅަކު ވިސްނުމަކަށް ގެއްލިފައި ހުރިހެން ދާރިއަން ހުއްޓެވެ. ދެން އޭނާ އައިސް މޭޒުދޮށުގައި ހުރި އޭނާގެ ގޮނޑީގައި އިށީނދެއްޖެއެވެ.

"ވަރިވީތީ ތިހުރިހާ ބަދަލެއް ތިއައީ... ލިއަމްނޫން މީހެއްދެކެ ލޯބިވެދާނަންތަ؟... އަހަރެން ބޭނުމޭ ބުނެފިއްޔާ، އިންނަން އަހައިފިއްޔާ..." ދާރިއަންގެ ހިތުގައިވީ ހޭޒަލްއެވެ. ވަރިވެއްޖައީމޭ ހޭޒަލްގެ ދުލުން ބޭރުވީއްސުރެ ދާރިއަންއަށް ހޭޒަލްނޫން އެއްވެސް ޚިޔާލެއްނުކުރެވެއެވެ.

* * * * *

ދުރުގައި ކާރުކައިރީ ދާރިއަން މަޑުކޮށްލައިގެން ހުއްޓެވެ. ކުލިނިކުން ނުކުތް ހޭޒަލްއާއި ރިޒްވާނަށް ބަލާށެވެ. އެމީހުންގެ ކާރު ދުއްވާލުމާއެކު ދާރިއަން ހިނގައިގަތެވެ. އޭނާ ހަލުވިކޮށް އައިސް ކުލިނިކަށް ވަދެއްޖެއެވެ.

"ޔޫ ނޯ... ޔޫ ވާ ރޫޑް ޓުޑޭ... އެންޑް ސެލްޕިޝް" އެއްވެސް ކަމެއް ނޭގިހުރި އިޝްވާ ބުނެލިއެވެ. އޭރު ދާރިއަން ހުރީ އެ އޮފީހުގެ ދޮރުމަތީ މަޑުކޮށްލައިގެން އިޝްވާއަށް ބަލާށެވެ.

"ކީއްވެ ނުބުނީ" ދާރިއަން ސުވާލުކުރިއެވެ.

"ވަޓް!.... މިއަދު ދޮރުމަތީތަ ހުންނަނީ..." އިޝްވާ މޭޒުމަތީ ހުރި ލިޔުންތަކެއް ފައިލަކަށް އަޅަމުން ބުނެލިއެވެ. މާބޮޑު ސަމާލުކަމެއް ދާރިއަންއަށް ދެވިފައިނެތެވެ. އޭނާ އެހުރީ ސީރިއަސް ވާހަކައެއް ދައްކަން އައިސްކަމެއް އިޝްވާއަކަށް ނޭގެއެވެ. އޭނާ ފައިލު ހިފައިގެން އައިސް ލޮކަރު ހުޅުވިއެވެ. ދާރިއަން އައިސް އޭނާގެ ފުރަގަހުން މަޑުކޮށްލިއެވެ.
"ޔޫ ނޯ އެވްރިތިންގް" ދާރިއަން ބުނެލިއެވެ.

"ޑޯންޓް ބީ ފޫލިޝް... ނުބުނަންޏާ އެއްވެސްކަމެއް ނޭގޭނެ، މިއަދު ހާދަ މޫޑީވެގެން ތިއުޅެނީ" އިޝްވާ ބުނެލިއެވެ.

"ހޭޒަލް... އަހަރެން މިދައްކަނީ އޭނާގެ ވާހަކަ... ދެންމެ މިތަނުން ނުކުމެގެން ދިޔަ އަންހެންކުއްޖާގެ ވާހަކަ" ދާރިއަން ބުންޏެވެ. އިޝްވާގެ ހަރަކާތަށް ހުއްޓުމެއް އައިކަން ދާރިއަން ދެނެގަތެވެ. އޭނާ ކިތަންމެ ކުޅަދާނަޔަސް އިޝްވާއަށް ލިބުނު ސިހުން ނުފޮރުވުނެވެ. އޭނާ ލޮކަރު ލައްޕާލައި ދުރަށް ޖެހިލީ ދާރިއަންއާ ދެމެދު ދުރުކަމެއް ބެހެއްޓުމަށެވެ.

(ނުނިމޭ)