ހަބަރު

ނުކުޅެދޭ މީހުންނަށް ކެބްއެމްވީ އިން ހާއްސަ ޑިސްކައުންޓެއް

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން ޑިސްއެބިލިޓީ ކާޑު އޮންނަ ކޮންމެ މީހަކަށް ކެބްއެމްވީ އިން ހާއްސަ ޑިސްކައުންޓެއް ލިބޭނެ ކަމަށް މޯލްޑިވްސް އެސޯސިއޭޝަންސް ފޯ ޕާސަންސް ވިތް ޑިސްއެބިލިޓީސް (އެމްއޭޕީޑީ) އިން ބުނެފި އެެވެ.

އެމްއޭޕީޑީ އިން ބުނީ ކެބްއެމްވީ އާއެކު މިއަދު އެކަމަށްޓަކައި ހާއްސަ އެއްބަސްވުމެއްގައިވެސް ސޮއެކޮށްފައިވާ ކަމަށެވެ.

އެޖަމިއްޔާއިން ބުނީ ޑިސްއެބިލިޓީ ކާޑު އޮންނަ ފަރާތްތަކަށް މާލެއާއި ހުޅުމާލެ އަދި އެއާޕޯޓަށް ކެބް އެމްވީ ޓެކްސީ ސެންޓަރުގެ ކޮންމެ ޓެކްސީ އެއްގައި ކުރާ ކޮންމެ ދަތުރަކަށް 20 ޕަސެންޓް ޑިސްކައުންޓް ލިބޭނެ ކަމަށެވެ. އަދި މިގޮތަށް ކަންތައް ކުރުމުން އެފަރާތްތަކަށް ލުއި ފަސޭހަތަކެއްވެސް ލިބިގެންދާނެ ކަމަށްވެސް އެ ޖަމިއްޔާއިން ބުނެ އެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަށް ކުރާ ޓެކްސީ ދަތުރުތަކަށް ހާއްސަ ޑިސްކައުންޓެއް ދިނުމަށް ކެބްއެމްވީ އިން ނިންމާފައިވާއިރު މިއީ މިފަދަ ގޮތަކަށް ހާއްސަ ޑިސްކައުންޓެއް ޓެކްސީ ސެންޓަރަކުން ދިން ފުރަތަމަ ފަހަރެވެ. ނަމަވެސް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަަށް ދަތުރު ކުރުމަށް އަރާ ބައެއް ޓެކްސީތަކުން ފައިސާ ނުނަގާކަން ފާހަގަކުރެ އެވެ.