މާލޭ ސިޓީ

މިދިޔަ އަހަރުވެސް އެދުނު މިންވަރަށް ބަޖެޓެއް ނުދޭ: ޝިފާ

މިިދިޔަ 2019 ވަަނަ އަހަރު މާލޭގެ ތަރައްގީއަށް ކަނޑައެޅި ފައިސާ ހުރީ ޕްލޭނިން މިނިސްޓްރީގައި ކަމަށާ ސިޓީ ކައުންސިލުން އެދުނު މިންވަރަށް ފައިސާ ހަމަޖެހުނު ނަމަ މާލޭގެ މަގުތަކުގެ ހާލަތު ބޮޑުތަނުން ރަނގަޅުވީސް ކަމަށް މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

މާލޭގެ މޭޔަރު ކަމުގެ އައު ދައުރަކަށްވެސް ކުރިމަތިލައްވާނެ ކަމަށް އިއުލާނު ކޮށްފައިވާ ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޝިފާ މުހައްމަދު ވިދާޅުވީ މިދިޔަ އަަހރު މާލެ ސިޓީގެ މަގުތަކުގައި އަޅަން ސިޓީ ކައުންސިލަށް ލިބުނީ 37000 ގަލާއި، 200 ކާނު މަތި ކަމަށެވެ.

އަދި މިދިޔަ އަހަރު މާލޭގެ ތަރައްގީއަށް ކަނޑައެޅި ފައިސާ ހުރީ ޕްލޭނިން މިނިސްޓްރީގައި ކަމަށާ ސިޓީ ކައުންސިލުން އެދުނު މިންވަރަށް ފައިސާ ހަމަޖެހުނު ނަމަ މާލޭގެ މަގުތަކުގެ ހާލަތު ބޮޑުތަނުން ރަނގަޅުވީސް ކަމަށެވެ.

"އެދުނު މިންވަރަށް ލިބުނު ނަަމަ ބޮޑުތަނުން މަގުތައް ރަނގަޅުވީސް." ޝިފާ ވިދާޅުވިއެވެ.

ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކަށް ދީފައިވާ ގިނަ ބާރުތަކެއް މިދިޔަ ސަރުކާރުން ވަނީ ނަގާފައެވެ. ނަމަވެސް އައު ސަރުކާރު ވެރިކަމަށް އައިސް ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނެސް، ހިފެހެއްޓި ބާރުތައް އަލުން ވަނީ ކައުންސިލަށް ދީފައެވެ.

ރައީސް ސޯލިހްގެ ސަރުކާރަށް އަހަރު ދުވަސް ވެގެންދިޔައިރު ސިޓީ ކައުންސިލްގެ ފަރާތުން އެދެވޭ މަސައްކަތްތަކެއް ކުރެވިފައިނުވާ ކަމަށް ގިނަ ބަޔަކު ދެކެއެވެ. އަދި ކުރީ ސަރުކާރުގެ ދުވަސްވަރަށްވުރެ މިހާރު މާލެ ސިޓީގެ ހާލަތު ދަށް ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ.