ޗައިނާގައި ތިބި ދިވެހިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި އަދި ވޫހާންގައި ތިބި ހަތް ދިވެހިން އެ ސިޓީން ބޭރަށް ގެންދެވޭނޭ އިންތިޒާމް ހަމަޖެއްސެވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.
ފޮރިން މިނިސްޓްރީ ބުނީ ޗައިނާގައި ފެތުރެމުންދާ ކޮރޯނާ ވައިރަސްއާ ގުޅިގެން، ވައިރަސްގެ އަސަރު އެންމެ ބޮޑަށް ފެތުރިފައިވާ ހޫބެއި ޕްރޮވިންސްގެ ވޫހާން ސިޓީގައި ތިބި ދިވެހިންގެ ހާލު ބެއިޖިންގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. އަދި ވައިރަސްގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ވޫހާން ސިޓީގައި ތިބި ހަތް ދިވެހިންގެ ހާލު ވެސް ރަނގަޅު ކަމަށާ ޗައިނާގެ އެކި ސިޓީތަކުގައި ތިބި ދިވެހިން ވަކިން ހާއްސަކޮށް ދިވެހި ކިޔަވާ ކުދިންގެ މައުލޫމާތު ހޯދައި، އެކުދިންނާއި ގުޅެން ހުރި އެކި ވަސީލަތްތައް މެދުވެރިކޮށް ކުދިންގެ ހާލު ބެލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
"ޗައިނާގައި ތިބި ދިވެހިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށާއި އަދި ވޫހާންގައި ތިބި ހަތް ދިވެހިން އެ ސިޓީން ބޭރަށް ގެންދެވޭނޭ އިންތިޒާމް ހަމަޖެއްސެވުމުގެ ގޮތުން، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލު، ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އެމްބަސަޑާ ޒަންގ އާއި މިއަދު މަޝްވަރާ ކުރެއްވި. އަދި ހަމަ މިކަމާއި ގުޅޭގޮތުން، ބެއިޖިންގައި ހުންނަ ދިވެހި ރާއްޖޭގެ އެމްބަސީއިން ޗައިނާގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ކަމާއިބެހޭ ފަރާތްތަކާއެކު ވެސް ދަނީ މަޝްވަރާކުރަމުން." ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.
ވޫހާން ސިޓީގައި ތިބި ބޭރު ގައުމުތަކުގެ ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކޮށް އެ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގެ ޔަގީންކަން ޗައިނާގެ ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި ދަރިވަރުން ކިޔަވަމުންގެންދާ ޔުނިވާސިޓީތައް މެދުވެރިކޮށް އެ ކުދިންގެ ހާލުބަލައި އެހީތެރިކަން ފޯރުކޮށް ދިނުމުގެ މަސައްކަތް ކުރަމުން ގެންދަވާ ކަމަށާއި ދިވެހި ކިޔަވާ ކުދިންގެ ކަންތައްތައްވެސް ބަލާނެ ކަމުގެ ފުރިހަމަ ޔަގީންކަން ޗައިނާ ސަރުކާރުން ދީފައިވާ ކަމަށެވެ.
ޗައިނާގެ އެކި ހިސާބުތަކަށް މި ވައިރަސް ފެތުރެމުންދާއިރު އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ހާލަތްތަކުގައި އެކަން ކުރުމަށްޓަކައި، ޗައިނާގެ އެކި ސަރަހައްދުތަކުގައި ތިބި ދިވެހިން، އެ މީހުންނާ ގުޅޭނެ މައުލޫމާތު ފޮރިން މިނިސްޓަރީއަށް ނުވަތަ ބެއިޖިންގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއާ ހިއްސާކުރުމަށް ވަނީ އެދިފައެވެ.