ޗައިނާ

ކޮރޯނާ ވައިރަސް 845 މީހަކަށް ޖެހި 25 މަރު

ޗައިނާ އިން ދާދި ފަހުން ފެނުނު އާ ވައިރަސް، ހަލުވިކަމާއެކު ފެތުރެމުންދާއިރު މިހާތަނަށް އެ ވައިރަސްގެ އަސަރު 845 މީހެއްގެ ގައިން ފެނިފައިވާ ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެފި އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނީ ބުރާސްފަތި ދުވަހުގެ ނިޔަލަށް މުޅި ދުނިޔެއިން ނޮވެލް ކޮރޯނާވައިރަސްގެ 845 ކޭސް ރިޕޯޓްކުރެވިފައިވާ ކަމަށެވެ. އޭގެ ތެރެއިން 830 މީހުންނަކީ ޗައިނާއަށް ނިސްބަތްވާ މީހުން ކަމަށް ވަނީ ބުނެފައެވެ.

މީގެ އިތުރުން މި ވައިރަސްގެ އަސަރުކޮށް ބަލިޖެހުނު މީހުންގެ ތެރެއިން ބުރާސްފަތި ދުވަހުގެ ނިޔަލަށް 25 މީހަކު މަރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. ސިއްހީ އިދާރާތަކުން ބުނީ ބަލި ޖެހުނު މީހުންގެ ތެރެއިން 177 މީހެއްގެ ހާލު ސީރިއަސް ކަމަށެވެ.

ޗައިނާގެ އިތުރުން ނޮވެލް ކޮރޯނާވައިރަސް އިތުރު ނުވަ ގައުމަކުން ވަނީ ފެނިފައެވެ. ޗައިނާ ފިޔަވައި އެންމެ ގިނަ ބަޔަކަށް މި ވައިރަސްގެ އަސަރު ކޮށްފައިވަނީ ޗައިލެންޑުންނެވެ. އެ ގައުމުން ހަތަރު މީހެއްގެ ގައިން މި ވައިރަސް ފެނިފައެވެ.

މީގެ އިތުރުން ހޮންކޮން، މަކާއޯ އަދި ސައުތުކޮރެއާ އިން ދެ މީހަކަށް ބަލި ޖެހިފައިވެއެވެ. އަދި ޓައިވާން، ޖަޕާން، ނޭޕާލް، ސިންގަޕޫރު އަދި އެމެރިކާއިންވެސް ވަނީ މި ވައިރަސްގެ އަސަރުކޮށްފައިވާ މީހަކު ފެނިފައެވެ.

އެ ވައިރަސް ގައިން ގަޔަށް އަރާކަން މިހާރު ކަށަވަރު ވެފައިވާއިރު، ލުނާ ނިއު އިޔާގެ ބަންދާ ދިމާކޮށް ޗައިނާގެ ގިނަ ބަޔަކު ބޭރަށް ދަތުރު ކުރާއިރު، ނުރައްކާތެރި "ސާސް" ވައިރަސް އާ އެއްގޮތް ސިފަތަކެއް ހުންނަ ވައިރަސް ވަރަށް ބާރު މިނުގައި އެހެން ގައުމުތަކަށް ފެތުރިދާނެކަމުގެ ބިރު މިހާރު ބޮޑެވެ.

ޗައިނާގެ ނެޝަނަލް ހެލްތު ކޮމިޝަނުން ބުނީ އެ ވައިރަސް ޖެހިފައިވާ މީހުން އެ ގައުމުގެ 13 ޕްރޮވިންސަކުން މިހާރު ފެނިފައިވާ ކަމަށެވެ. ބަލި ކޮންޓްރޯލް ކުރުމަށް ޗައިނާއިން ގެންދަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންނެވެ.