އަދިތުޔާ ރޯއި ކަޕޫރު މިހާރު އުޅެނީ އޭނާގެ އަލަށް ރިލީޒްކުރާ ފިލްމު "މަލަންގް" ޕްރޮމޯޓް ކުރުމުގަ އެވެ. މި ފިލްމަކީ އަދިތުޔާގެ "އާޝިގީ 2"ގެ ޑައިރެކްޓަރު މޯހިތު ސޫރީގެ އުފެއްދުމެކެވެ. ފިލްމުގެ ބަތަލާއަކީ ދިޝާ ޕަޓްނީ އެވެ. އަދި އަނިލް ކަޕޫރާއި ކުނާލް ކޭމޫ ވެސް މި ފިލްމުގައި ވަރަށް މުހިއްމު ބައިތަކެއް ކުޅެ އެވެ.
ފިލްމު ޕްރޮމޯޓްކުރުމަށް ބުރާސްފަތި ދުވަހު ބޭއްވި އިވެންޓެއްގައި ނޫސްވެރިން ވަނީ އަދިތުޔާ ކައިވެނި ކުރަން އުޅޭ ވާހަކަ އަކީ ތެދެއްތޯ ސުވާލު ކޮށްފަ އެވެ. އަދިތުޔާ އާއި ސުޕަ މޮޑެލް ދީވާ ދަވަން ރައްޓެހިވެގެން އުޅޭ ކަމަށާއި މި އަހަރު ތެރޭ ކައިވެނި ކުރާނެ ކަމަށް އިންޑިޔާގެ ނޫސްތަކުން ވަރަށް ފަހުން ޚަބަރު ފަތުރާފައި ވެއެވެ.
ނޫސްވެރިންގެ ސުވާލަށް ޖަވާބު ދެމުން އަދިތުޔާ ބުނީ އެހާ އަވަހަށް ކައިވެންޏެއް ކުރަން ގަސްތު ނުކުރާ ކަމަށެވެ. އަދި ޚުދް ދީވާ ވެސް މި ވާހަކައަށް ޖަވާބު ދީފައިވާ ކަމަށް އަދިތުޔާ ބުންޏެވެ. ދީވާ ބުނެފައިވަނީ އޭނާ އާއި އަދިތުޔާ އާ ބެހޭ ގޮތުން ދެކެވޭ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ.
އަދިތުޔާ ބުނި ގޮތުގައި ކައިވެންޏަކީ އަދި އޭނާ އާ ވަރަށް ދުރުގައިވާ އެއްޗެކެވެ. އެހާ އަވަހަށް އެކަމާ ވިސްނާކަށް ވެސް އޭނާ ބޭނުމެއް ނޫނެވެ.
އަދިތުޔާ އާއި އޭނާގެ އާޝިގީ 2 ކޯސްޓާ ޝްރައްދާ ކަޕޫރުގެ ލޯބީގެ ވާހަކަތައް ވެސް އެ ފިލްމު ރިލީޒްކުރި ދުވަސްވަރު ވަރަށް ގަދަޔަށް ދެކެވުނެވެ. އަދި މިދިޔަ އަހަރު ދެއްކި ކަރަން ޖޯހަރްގެ "ކޮފީ ވިތު ކަރަން"ގައި އަދިތުޔާ ވަނީ އޭނާ އާއި ޝްރައްދާ ރައްޓެހިވީކަމަށް އެއްބަސްވެސް ވެފަ އެވެ. ނަމަވެސް ދެ މީހުންގެ ރުޅިވާން ޖެހުނީ އަދިތުޔާގެ ފިލްމުތައް ނާކާމިޔާބުވުމުގެ ސަބަބުން އޭނާއަށް ކުރިމަތިވި ޑިޕްރެޝަންގެ މައްސަލަ ތަކަކަށް ފަހުގަ އެވެ.