ޖަނަވާރުންނަށް ވެސް އެ ސޮރަށް ކާންދީ ބަލަހައްޓާ މީހާ އެނގެ އެވެ. އަދި ވަރަށް ގިނަ ފަހަރަށް ޖަނަވާރުންނާއި އެ އެއްޗެތި ގެންގުޅޭ މީހުންގެ މެދުގައި ވަރަށް ޚާއްސަ ގުޅުމެއް އޮވެ އެވެ. އެ މީހާ އެ ސޮރުމެންނަށް ރަނގަޅަށް ކަންތައް ކުރާނަމަ އެ ސޮރުމެންވެސް އެ މީހާއަށް އިތުބާރުކޮށް އެމީހާ ކައިރީގައި ވަރަށް ހަމަޖެހިލައިގެން އުފަލުގައި ތިބެ އެވެ.
ދާދިފަހުން އިންޓަނެޓްގައި ވައިރަލް ވެގެން އުޅޭ ވީޑިއޯ އަކުން ފެންނަނީ މިފަދަ ގޮތަކަށް އެތަކާއި އެ ސޮރު ގެންގުޅޭ މީހާގެ މެދުގައި އުފެދިފައިވާ ޚާއްސަ ގުޅުމެވެ. އެތް ގެންގުޅޭ މީހާ ބަތް ކާން އިންއިރު އެ މީހާގެ ތަށިން ބަތް ނަގައިގެން އެތް ކަމުންދާ މަންޒަރު ފެނިފައި ވަރަށް ގިނަ ބަޔަކު ހައިރާންވެގެން ތަފާތު ކޮމެންޓްތައް ކޮށްފައި ވެއެވެ.
މި ވީޑިއޯގައި ފެންނަނީ ފިރިހެނުންތަކެއް ބިންމަތީގައި އިށީނދެ ބަތްކާން ތިބި ތަނެވެ. އެމީހުންގެ ކައިރީގައި ވަރަށް ބޮޑު އެތެއް އޮތެވެ. އޭގެ ތެރެއިން އެކަކީ ބެލެވޭ ގޮތުގައި މި އެތް ގެންގުޅޭ މީހާ އެވެ. އެމީހާ ތަށިން ކައިކައި އިންދާ އެތް އެ ސޮރުގެ ހޮނޑު ދިއްކޮށްލާފައި އެ ތަށިން ބޮޑު ބައެއް އެއްޗެއް ނަގާ އެ ސޮރުގެ އަނގަޔަށް ލާތަން ވީޑިއޯ އިން ފެނެ އެވެ.
އެ އެތް ބަތް ކަމުންދާ ގޮތުން ހީވަނީ މިއީ މި މީހާގެ ތަށިން ބަތް ކެއުމަކީ މި ސޮރު އާދަކޮށް ކުރާ ކަމެއް ހެނެވެ. އެހާވެސް ހަމަޖެހިލައިގެން އޮވެ މި ސޮރު ބަތް ކާތަން ވީޑިއޯގައި ފެނެ އެވެ.
މި މީހާ އަށް ވެސް މިއީ މާ އާ ކަމަކަށް ވެގެނެއް ނޫޅެ އެވެ. އެ ސޮރު ބަތް ނަގައިގެން ކަމުން ދިޔައިރު އެމީހާ އަޅާވެސް ނުލާ ކެއުމައިގެން މަސްއޫލުވެ އިނެވެ. ބެލެވޭ ގޮތުގައި އެތް ބަތް ކާން ބޭނުންވާތީ އެމީހާ އިނީ އެސޮރަށް ޚާއްސަކޮށް ތަށީގެ އެއްބައިގައި ވަރަށް ގިނަ ބަތް ބަހައްޓައިގެންނެވެ.
މިއީ އިންޑިއާގެ ކެރެލާގައި ނަގާފައިވާ ވީޑިއޯ އެއް ނަމަވެސް މި ވީޑިއޯ ނެގި ދުވަހެއް އެނގިފައެއް ނުވެ އެވެ. ނަމަވެސް އެކުވެރިއަކަށް އެތެއް ހަމަ ވަރަށް ބަރާބަރުވާނެކަމަށް ވަރަށް ގިނަ މީހުން ބުނެފައި ވެއެވެ.