ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ބައެއް ސިޓީ ކައުންސިލްތަކުގައި ހިމެނޭ އަވަށްތައް ނޫނީ ރަށްތަކާ ގުޅިގެން ބައެއް މީހުންގެ ކަންބޮޑުވުން ވަރަށް ބޮޑަށް އެބަ އޮތް ކަމަށާއި ނަމަވެސް އެންމެ ބުއްދިވެރި ގޮތަކީ ސިޓީ ކައުންސިލްގައި ރަށްތައް އޮވެ، ރަށްރަށާއި އަވަށްތައް ގުޅިގެން މަސައްކަތް ކުރުން ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް ރަށްރަށަށް އެމްޑީޕީން ވާނެ ވައުދުތަކުގެ މެނިފެސްޓޯ ތައްޔާރު ކުރުމުގެ ގޮތުން ހުރިހާ އަތޮޅެއްގައި މިއަދު ހިނގަމުން ގެންދާ ހަރަކާތުގެ ތެރެއިން އައްޑޫ ސިޓީގެ ވޯކްޝޮޕްގައި ބައިވެރިވި އެ ސިޓީގެ ބައެއް މީހުން ވަނީ އެ އަތޮޅުގެ ކޮންމެ ރަށެއްގައި ވަކި އަވަށު ބޯޑެއް ހިންގުމުގެ ފުރުސަތު ނެތިދާނެތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެ ކަންބޮޑުވުންތަކާ ގުޅިގެން އެމްޑީޕީގެ ރައީސް ކަމުގައި ވެސް ހުންނެވި ނަޝީދު ވިދާޅުވީ ލާމަރުކަޒީ ގާނޫނު އޮތް ގޮތުން ސިޓީ ކައުންސިލުން ހަދާ ގާނޫނެއްގެ ދަށުން ސިޓީގެ ވަކިވަކި އަވަށުގައި އަވަށު ބޯޑު ގާއިމުކޮށް އޮފީސްތައް ބަހައްޓައިގެން ރައްޔިތުނާ ގާތުން ހިދުމަތް ދެވޭނެ ކަމަށެވެ.
ނަޝީދު ދެން އިޝާރާތް ކުރެއްވީ ކައުންސިލް އިންތިހާބާ ގުޅިގެން މާލެ ސިޓީ ކައުންސިލް އެކުލެވިފައިވާ ގޮތާއި އައްޑޫ ސިޓީ ކައުންސިލް އެކުލެވިގެންވާ ގޮތާ މެދު ބައެއް މީހުން ފާޅު ކުރަމުންދާ ކަންބޮޑުވުންތަކަށެވެ. މާލެ ސިޓީގެ ދާއިރާތަކުގެ ބޯޑަރު ކަނޑައެޅިފައިވާ ގޮތާ މެދު ހިތްހަމަނުޖެހުންތަކެއް އުޅޭއިރު، އައްޑޫ ސިޓީން ބައެއް ރަށްރަށް ވަކިވާން ބަޔަކު ކުރާ މަސައްކަތް އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.
އަންނަ ކައުންސިލް އިންތިހާބުގައި 18 ދާއިރާއަކަށް މާލެ ސިޓީ ބަހައި ކޮންމެ ދާއިރާއަކުން މެންބަރެއް އެ ސިޓީގެ ކައުންސިލަށް އިންތިހާބު ކުރާނެ އެވެ. އެކަމަކު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދާއިރާތައް ކަނޑައަޅާފައި އޮތް ގޮތުން ބައެއް ދާއިރާތަކުގައި އެކިއެކި އަވަށުގެ މީހުން ވެސް ހިމެނެ އެވެ. އެހެންކަމުން ބައެއް މީހުން ވަނީ ދާއިރާ ކަނޑައަޅާއިރު އަވަށް ތަމްސީލު ނުވާ ކަމަށް ބުނެ ޝަކުވާ ކޮށްފަ އެވެ.
އައްޑޫ ސިޓީ ކައުންސިލުން ވެސް އެ ސިޓީގެ ހުޅުދޫ އާއި މީދޫ ވަކިވެ އެ ދެ ރަށުގައި ރަށު ކައުންސިލެއް އުފެއްދުމަށް އެދި ޕެޓިޝަނެއް ތައްޔާރު ކުރުމުގެ މަސައްކަތެއް ދަނީ ކުރަމުންނެވެ. ޕެޓިޝަން ތައްޔާރު ކުރާ މީހުން ބުނާ ގޮތުގައި ސިޓީ ކައުންސިލްގައި ދެ ރަށް އޮތުމުން ރަށުން ސީދާ ކައުންސިލްގެ ހިދުމަތެއް ނުލިބެ އެވެ. އަދި ދެ ރަށް ވަކިވިޔަސް އައްޑޫގެ ގުޅިފައިވާ ރަށްތަކުގައި ސިޓީ ކައުންސިލެއް އުފެދޭ ވަރުގެ އާބާދީއެއް އޮންނާނެ ކަމެއް ވެސް އެ މީހުން ފާހަގަ ކުރެ އެވެ.
މި ކަންބޮޑުވުންތަކާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީން މަސައްކަތް ކުރަމުން ދަނީ ވެސް މިފަދަ ވާހަކަތަކުން ރާއްޖެ އަރައިގަންނަން ކަމަށާއި ރާއްޖެއަށް ތަރައްގީ ގެނެވޭނީ ވެސް އެ ގޮތުން ކަމަށެވެ. އެހެންވިޔަސް ސިޓީ ކައުންސިލަކުން ވަކިވާން އެދޭ ބަޔަކު ޕެޓިޝަނެއް ހަދައިގެން އެ ކަމަށް އެދުމުގެ ފުރުސަތު ވެސް އޮންނަން ޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަކީ [އެމްޑީޕީއަކީ] މި ކަމުން ރާއްޖެ އަރައިގަންނަން މަސައްކަތް ކުރާ ބަޔެއް، މި ގާބީލާވަންތަކަމުން [އަރައިގަންނަން]، މި ރަށްރަށާއި އަވަށްތަކުގެ ވާހަކަ ނިންމައި ގުޅިގެން މަސައްކަތް ކުރުމުގެ ވިސްނުން ގެންނަން، އެކަމު މިފަދަ ކޮންމެ ކަމަކަށް ވެސް އަދި ވަގުތުތަކެއް ނަގާނެ،" ރައީސް ނަޝީދު ވިދާޅިވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ އައްޑޫ ސިޓީ ކައުންސިލުން މި ރަށްރަަށް ވަކި ކުރުމުގެ ބަދަލުގައި، ސިޓީ ކައުންސިލްގައި އެ ސިޓީގެ ހުރިހާ ރަށެއް ހިމެނި، މުޅި ސިޓީގެ ތަރައްގީއަށް މަސައްކަތް ކުރާނެ ސިޓީ ކައުންސިލެއް އުފެއްދުން އެންމެ ބުއްދިވެރިވާނެ ކަމަށެވެ.
"އަޅުގަނޑު ދަންނަވަން ބޭނުންވާ ވާހަކަ އަކީ ކޮންމެ ބަޔަކީ އަވަށް ނޫނީ ރަށުގެ މީހަކަށް ވުމުގެ ކުރިން ކޮންމެ މީހަކު ވެސް ފުރަތަމަ އައްޑޫ ސިޓީ މީހަކަށް ވުން ރަނގަޅު ވާނޭ. ދިވެހި ރައްޔިތަކަށް ވެވުނިއްޔާ މާ ރަނގަޅު ވާނޭ. ހުރިހާ ރަށެއް ސިޓީގައި ވަންޏާ މާ ރަނގަޅު ވާނޭ،" ރައީސް ނަޝީދު ވިދާޅުވި އެވެ.