ބޮލީވުޑް

އަހަރެންގެ އާ ޚިޔާލު ސަލްމާނަށް ކަމުދިޔަ: ސޫރަޖް

ރީތި ފިލްމުތަކެއް އުފައްދާފައިވާ މަޝްހޫރު ޑައިރެކްޓަރު ސޫރަޖް ބަރްޖަތިޔާ މިދިޔަ އަންގާރަ ދުވަހު ބުނި ގޮތުގައި އޭނާ އަލަށް ފަށަން ގަސްތުކުރާ ފިލްމުގެ މަސައްކަތް މިހާރު ހިނގާ ކަމަށާއި އެ ފިލްމުގެ މައިގަނޑު ޚިޔާލު ސަލްމާން ޚާނަށް ވަރަށް ކަމުގޮސްފައިވާ ކަމަށެވެ.

ސޫރަޖްގެ ފުރަތަމަ ފިލްމު "މައިނޭ ޕިޔާރް ކިޔާ" އިން ފެށިގެން އޭނާ އުފެއްދި ވަރަށް މަދު ފިލްމެއްގައި ނޫނީ ބަތަލުގެ ބައި ކުޅެފައިވަނީ ސަލްމާން ޚާނެވެ. އެގޮތުން ސޫރަޖްގެ "ހަމް އާޕްކެ ހޭ ކޯން" އާއި "ހަމް ސާތު ސާތު ހޭ" އަދި "ޕްރޭމް ރަތަން ދަން ޕާޔޯ" ގައި ވެސް ސަލްމާން މަސައްކަތް ކޮށްފައި ވެއެވެ. އަދި ސޫރަޖްގެ ވާހަކަ ހުރި ގޮތުން އޭނާގެ އާ ފިލްމުގެ ބަތަލުގެ ބަޔަށް ވެސް ބޭނުންވަނީ ސަލްމާން ކަމަށް ބެލެވެ އެވެ.

ސޫރަޖް ބުނި ގޮތުގައި އަލަށް ފަށަން ގަސްތުކުރާ ފިލްމުގެ ވާހަކަ ލިޔުމުގެ މަސައްކަތް މިހާރު އޭނާ ދަނީ ކުރަމުންނެވެ. ކުރިޔަށް އޮތް އަހަރެއް ދެ އަހަރެއްހާ ދުވަސް ތެރޭގައި ފިލްމު ލިޔެ ނިންމާލެވޭނެ ކަމަށާއި މިފަހަރުގެ ފިލްމު ވެސް ވާނީ އޭނާ މީގެ ކުރިން އުފެއްދި ފިލްމުތައް ކަހަލަ ޖަޒްބާތުން ފުރިގެންވާ އާއިލީ ޑްރާމާ އަކަށް ކަމަށް ވެސް ހުނަރުވެރި ޑައިރެކްޓަރު ބުންޏެވެ.

މި ވަގުތު ސޫރަޖް ބޮޑަށް ސަމާލުކަން ދެނީ އޭނާގެ ހަގު ފިރިހެންދަރިފުޅު އަވްނީޝް ޑައިރެކްޓްކުރާ ފުރަތަމަ ފިލްމުގެ މަސައްކަތަށެވެ.

ސޫރަޖް ބުނީ އޭނާގެ ފިލްމު ސަލްމާން ލައިގެން ފަށަން ތައްޔާރުވަނިކޮށް ދަރިފުޅު ޑައިރެކްޓްކުރާ ފިލްމު ފަށަން ގަސްތުކުރާ ކަމަށް އޭނާ ބުނުމުން ސޫރަޖްގެ ފިލްމުގެ މަސައްކަތް ފަހަތަށް ޖައްސާލާފައި ދަރިފުޅަށް އެހީތެރިވާން ނިންމީ އެވެ.

"އަވްނީޝް ވަނީ އަހަރެން ޑައިރެކްޓްކުރި 'ޕްރޭމް ރަތަން ދަން ޕާޔޯ" ގައި އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައި. މިހާރު އޭނާ ވަނީ ޑައިރެކްޓަރެއްގެ ހައިސިއްޔަތުން ފިލްމެއް އަމިއްލައަށް އުފައްދަން ތައްޔާރުވެފައި. އަހަރެމެންގެ ޕްރޮޑަކްޝަން ހައުސް ރާޖްޝްރީ ޕްރޮޑަކްޝަންސް އަކީ ވަރަށް މަތިވެރި ގަދަރެއް ލިބިފައިވާ ކުންފުންޏެއް. އެހެންވެ 30 އަހަރު ފަހުން އެ ކުންފުނިން އާ ޑައިރެކްޓަރެއް ތައާރަފްކުރަން އުޅޭއިރު އެއީ ވަރަށް ބޮޑު ޒިންމާއެއް ކަމަކަށް ދެކެން،" ސޫރަޖް ބުންޏެވެ.

އަވްނީޝްގެ ފިލްމުގައި ވެސް ސަލްމާން ބައިވެރިވާނެތޯ ސުވާލުކުރުމުން ސޫރަޖް ބުނީ އަވްނީޝްގެ އުމުރުގެ އެކްޓަރުން ލައިގެން އެމީހުން ގަބޫލުކުރާ ޒާތުގެ ފިލްމެއް އުފެއްދުން މާ ބުއްދިވެރިކަމަށާއި ސަލްމާންގެ ހެޔޮއެދުންތައް އަވްނީޝް އާއެކު ވާނެކަން ޔަގީންކުރާ ކަމަށެވެ.