ހަބަރު

ދުނިޔޭގެ އެންމެ މީރު ރިހައިގެ ލިސްޓަށް ދިވެހި މަސްރިހަ

ދުނިޔޭގެ މަޝްހޫރުކަން ހޯދާފައިވާ ތަފާތު މީރު ރިހަތައް ތައްޔާރު ކުރާ އެތައް ގައުމެއް މި އޭޝިއާ ސަރަހައްދުގައި ހުރެ އެވެ. އިންޑިޔާއާ ޕާކިސްތާން އަދި ސްރީ ލަންކާ ފަދަ ގައުމުތަކަކީ އެކަމުގައި އެންމެ ކުރީގައި އުޅޭ ގައުމުތަކެވެ. އެހެން ނަމަވެސް ދުނިޔެއިން އެންމެ މަގުބޫލު 12 ރިހައިގެ ލިސްޓެއް ހެދިއިރު އޭގެ ހަވަނައިގައި ދިވެހި މަސް ރިހަ ހިމެނިއްޖެ އެވެ.

އެމެރިކާގެ ލިޔުންތެރިޔާ ކޮލީން ސެން ލިޔުނު "ކަރީ: އަ ގްލޯބަލް ހިސްޓަރީ" ފޮތް ސީއެންއެން ޓްރެވަލްސްގައި ވަނީ ފީޗާކޮށްފަ އެވެ. ވަރަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާ މި ލިސްޓުގައި އެޝިއާގެ ތެރޭގައި އޮތް ކުޑަކުޑަ މި ރާއްޖޭގެ މަސް ރިހަ ހިމެނިފައި އޮތް އިރު އެ ލިސްޓުގައި އިންޑިއާގެ ބަޓާ ޗިކަންއާ، ޖަމައިކާގެ ކަރީ ގޯޓްއާ، ޖަޕާންގެ ކަރީ ރައިސް ވެސް އެބައޮތެވެ.

އޭގެ އިތުރުން ސައުތު ކޮރެއާގެ ޓިއެކްބޮކީއާ، މެލޭޝިއާ އަދި އިންޑޮނޭޝިއާގެ ބީފް ރެންޑަން، ޕާކިސްތާނުގެ ހަލީމްގެ ނަން ވެސް ހިމެނެ އެވެ. އަދި ސައުތު އެފްރިކާގެ ބަނީ ޗޯއާ، ސްރީލަންކާގެ ސިންހަލީސް ކަރީއާ، ތައިލެންޑުގެ ގްރީން ކަރީގެ އިތުރުން ކެރީބިއަންގެ ކަރީ ކްރެބް އަދި ޔޫކޭގެ ޓިއްކާ މަސާލާ ވެސް އެ ލިސްޓުގައި ހިމެނެ އެވެ.

ދިވެހި މަސްރިހައާ ބެހޭ ގޮތުން ސީއެންއެންގައި ބުނެފައި ވަނީ ރާއްޖޭގައި ކައްކާ އަށް ބާވަތެއްގެ ރިހަ އައިސްފައި ވަނީ އިންޑިއާ، އެފްރިކާ އަދި މެދު އިރުމަތިން ކަމަށެވެ. އަދި މަހާއި ކާށި ކިރާއި، ތާޒާ މިރުހާ، ފޮނިތޮށި ކާފޫރުތޮޅި އަޅައިގެން އެ ރިހަ ތައްޔާރު ކުރާ ގޮތް ވަސް ވަނީ ލިޔެފަ އެވެ.

އޭގެ އިތުރުން ދިވެހި އަނބު ރިހައާއި ކުކުޅު ރިހައިގެ މީރުކަން ވެސް ސީއެންއެންގައި ފާހަގަކޮށްފައިވެ އެވެ.