ބައެއް މީހުން ކައިވެނި ކުރަން ވަރަށް ބިރުގަނެ އެވެ. ކައިވެންޏެއް ކޮށްގެން އެހެން މީހަކާއެކު މުޅި ދިރިއުޅުން ވޭތު ކުރަން ފަސްޖެހޭ މީހުން ވެސް މަދެއް ނޫނެވެ. ބައެއް މީހުން ކައިވެނި ކުރަން އެއްބަސްވިޔަސް ކައިވެނި އޮންނަ ދުވަސް ކައިރިވާ ވަރަކަށް ހާސްވެ ފިކުރު ބޮޑުވަމުން ގޮސް އެންމެ ފަހުން ފިލާފައި ވެސް އެބަހުއްޓެވެ.
ޗައިނާގެ ޗެން ނަމަކަށް ކިޔާ މީހަކަށް ވެސް ދިމާވީ މިފަދަ ގޮތެކެވެ. އޭނާގެ ލޯބިވެރިޔާ މާ ގިނަ ގިނައިން ކައިވެނި ކުރަން އެދެން ފެށުމުން ޗެން ކައިވެންޏަށް އެއްބަސްވި ނަމަވެސް ކައިވެނި ކުރާ ދުވަސް ވަރަށް ކައިރި ވެފައި ވަނިކޮށް އޭނާ ރައްޓެހި ވެގެން އުޅޭ ކުއްޖާ ދެކެ ލޯބި ނުވާ ކަމަށް ވިސްނިގެން ކައިވެނި ނުކުރާން ގަސްތުކުރި އެވެ. ނަމަވެސް ކައިވެންޏާ ދެކޮޅު ހަދަން ޗެން ޚިޔާރު ކުރީ އެހެން މީހުން އާއްމުކޮށް ކަންތައް ކުރާ ގޮތާއި ތަފާތު ގޮތެކެވެ.
ޗައިނާގެ ނޫހެއްގައިވާ މި ޚަބަރު ބުނާ ގޮތުން ޗެން ކުރި ކަމަކީ ޝަންހާއީގައި ހުންނަ ޑާންސް ސްޓޫޑިއޯއެއް ފަޅާލައިގެން އެތަނުން ބްލޫޓޫތު ސްޕީކަރެއް ވަގަށް ނެގީ އެވެ. ފުލުހުން އެ މީހާ ހޯދައި ހައްޔަރު ކޮށްގެން ޖަލަށް ގެންގޮސް ސުވާލު ކުރުމުން ވައްކަން ކުރި ސަބަބު ޗެން ވަނީ ފުލުހުންނަށް ކިޔައިދީފަ އެވެ. އަދި ޗެންގެ ވާހަކަ އަޑުއަހާފައި ފުލުހުން ވެސް ވަރަށް ހައިރާންވި އެވެ. ކައިވެނި ނުކުރާން މީހަކު މިވަރު ކަމެއް ކޮށްފާނެ ކަމަށް ހީވެސް ނުކުރެވޭތީ އެވެ.
ޗެން ފުލުހުން ކައިރީގައި ބުނި ގޮތުގައި އޭނާގެ ލޯބިވެރިޔާ ބޭނުމީ ކައިވެނި ކުރާށެވެ. ނަމަވެސް އޭނާ ކައިވެނި ކުރާކަށް ބޭނުމެއް ނޫނެވެ. އެހެންވެ ވައްކަމެއް ކުރީމަ ފުލުހުން އޭނާ ހޯދައިގެން ގެންގޮސް ޖަލަށް ލާނެކަން އެނގޭތީ އެގޮތަށް ކަންތައް ކުރީ އެވެ. ނަމަވެސް ފުލުހުން އޭނާ ހޯދިލެއް އަވަސް ކަމުން ޗެން ހައިރާންވި އެވެ. އޭނާ ހީކުރީ އެހާ އަވަހަކަށް އޭނާ އަތު ނުލެވޭނެ ކަމަށެވެ.
ޗެން ވަރަށް އަވަހަށް ހައްޔަރުން ދޫކޮށްލާނެ އެވެ. ނަމަވެސް ޖަލުން ދޫކޮށްލުމުން ކައިވެނި ނުކޮށް ސަލާމަތްވާން ޗެން ކުރާނެ ކަމެއް ނޭނގޭ ކަމަށާއި މި ކައިވެނީގެ ކަންތައް ކުރިޔަށް ދާނެކަން ނުވަތަ ނޫން ކަން ވެސް ނޭނގޭ ކަމަށް މި ޚަބަރުގައި ބުނެފައި ވެއެވެ.