ބޮލީވުޑް

ފޭނުން ބޭނުމީ ވަރުންއާ ޝްރައްދާ ކައިވެނި ކުރަން

ވަރުން ދަވަން އާއި ޝްރައްދާ ކަޕޫރުގެ އާ ފިލްމު "ސްޓްރީޓް ޑާންސާ 3ޑީ" މިދިޔަ ހުކުރު ދުވަހު ރިލީޒް ކޮށްފައިވާއިރު މި ދެ ތަރިން ފާއިތުވީ މަހެއްހާ ދުވަހު ފިލްމު ޕްރޮމޯޓް ކުރުމުގައި ވަރަށް ބުރަކޮށް އުޅެފައި ވެއެވެ. ފިލްމު ޕްރޮމޯޓް ކުރުމަށް ޝްރައްދާ އާއި ވަރުން އޮންލައިންކޮށް ފޭނުންވާ ވާހަކަ ދައްކަނިކޮށް ފޭނުން ވަނީ އެ ދެ ތަރިން ކައިވެނި ކުރަން އެދޭ ކަން ހާމަ ކޮށްފަ އެވެ.

ނަމަވެސް ވަރުން އާއި ޝްރައްދާއަކީ ކުޑައިރުއްސުރެ ގާތް ދެ އެކުވެރިންނަށް ވާތީ ފޭނުން މިގޮތް ބޭނުންވުމަކީ ވެސް ލިބުނު ޝަރަފެއް ކަމަށް ޝްރައްދާ ވަނީ ބުނެފަ އެވެ. އަދި ހަގީގީ ދެ ލޯބިވެރިންގެ ގޮތުގައި ދެކެން ފޭނުން ބޭނުން ވުމަކީ ވެސް އުފާކުރާ ކަމެއް ކަމަށް ޝްރައްދާ ބުންޏެވެ.

އަނެއްކޮޅުން ވަރުން ބުނީ ސްކްރީންގައި ރޮމޭންސް ކުރުމާއި އަމިއްލަ ދިރިއުޅުމުގައި ރޮމޭންސް ކުރުން ވަރަށް ތަފާތު ކަމަށާއި ސްކްރީންގައި ލޯބީގެ ބައިތައް ރަނގަޅަށް ކުޅެވޭ ތަރިންނަށް އަމިއްލަ ދިރިއުޅުމުގައި އެ ކެމިސްޓްރީ ދައްކަން އުނދަގޫ ކަމަށް ވަރުން ބުންޏެވެ. ވަރުން ބުނީ އޭނާ އާއި ޝްރައްދާގެ ސްކްރީން ޖޯޑަށް ފޭނުން ދޭ ލޯތްބާއި ކުރާ ތާއީދަށް ވަރަށް އުފާކުރާ ކަމަށެވެ.

"އަހަންނަކަށް ހިއެއް ނުވޭ ހަގީގަތުގައި ލޯބިވެގެން އުޅޭ ދެ މީހަކަށް ފިލްމުތަކުގައި އެހާ ލޯބިވާ ގޮތް ދެއްކޭނެ ކަމަކަށް. ފިލްމުތަކުގައި އެކްޓަރުން ރޮމޭންސް ކުރާ ގޮތަށް އެއްވެސް ދެމަފިރިއަކު އުޅޭތަނެއް އަހަންނަކަށް ނުފެނޭ،" ވަރުން ބުންޏެވެ.

ކައިވެންޏާ ބެހޭ ގޮތުން ޝްރައްދާ ބުނީ ކޮންމެ މީހަކާ ކޮންމެ އިރަކުން ކައިވެނި ކުރިޔަސް އޭނާ ކައިވެނި ކުރަން ބޭނުންވަނީ އެމީހަކާއެކު ހީނ މަޖާކޮށް އުޅެވޭ ކަހަލަ މަޖާ މީހަކާ އެވެ. އަދި ކައިވެނި ކުރާނެ މީހަކު ޚިޔާރު ކުރާއިރު މިއީ އޭނާއަށް ވަރަށް މުހިއްމު ސިފައެއް ކަމަށް ޝްރައްދާ ބުންޏެވެ.

ޝްރައްދާ އާއި މަޝްހޫރު ފޮޓޯގްރާފަރު ރޯހަން ޝްރެސްތާ މިއަހަރު ކައިވެނި ކުރަން އުޅޭ ކަމުގެ ޚަބަރުތަކެއް އިންޑިއާގެ ފިލްމީ ނޫސްތަކުން ތަންކޮޅެއް ކުރިން ފަތުރާފައިވެ އެވެ. ނަމަވެސް މި ވާޙަކަތައް އޭނާ ދޮގު ކުރެ އެވެ. ޝްރައްދާ ބުނީ މިއީ ހަމައެކަނި މީހުން އަރުވާ އަޑު ކަމަށެވެ.

މި ޝޯގައި ވާހަކަ ދައްކަމުން ވަރުން ބުނީ "ސްޓްރީޓް ޑާންސާ 3ޑީ" ގައި އެމީހުން ކުޅެފައިވަނީ އޭނާ އާއި ޝްރައްދާގެ އޮތް ހަގީގީ އެކުވެރިކަމާ ވަރަށް އެއްގޮތް ރޯލެއް ކަމަށެވެ. އެ ފިލްމުގެ ފުރަތަމަ ބައިގައި ދެ އެކްޓަރުން ފެންނަނީ ހަތުރުންގެ ގޮތުގަ އެވެ. ފަހުން ދެ އެކުވެރިކަން އުފެދި ކޮންމެވެސް ވަރަކަށް ލޯބީގެ އަލިފާން ކަނިތަކެއް ވެސް ބުރަ އެވެ.

ވަރުން ބުނީ ހަގީގީ ދިރިއުޅުމުގައި ވެސް އޭނާގެ ހިތުގައި ވަރަށް ޚާއްސަކަމެއް އަބަދުވެސް ޝްރައްދާ އަށް އޮވެ އެވެ. ނަމަވެސް ޝްރައްދާ އާއި އޭނާގެ ގުޅުމަކީ ވަރަށް ސާފު ތޯހިރު ގުޅުމެއް ކަމަށް ވަރުން ސިފަ ކުރި އެވެ.

"އަހަރެމެން ދެ މީހުންނަށް ލޯބި ވެވުނު ނަމަވެސް ވެވުނީހީ އަށެއްކަ ވަރަކަށް އަހަރުގައި. އޭރު ރައްޓެހި ވެވުނުނަމަ ހިއެއް ނުވޭ މިހާ ދުވަސްވީއިރު އެ ލޯބި އެގޮތަށް އޮތީސް ކަމެއް،" ވަރުން ބުންޏެވެ.

ވަރުން ވަރަށް ކުޑައިރުއްސުރެ ރައްޓެހިވެގެން އުޅެނީ ޝްރައްދާގެ ގާތް އެކުވެރިއެއް ކަމަށްވާ ނަތާޝާ ދަލާލް އާ އެވެ. އަދި މިއަހަރު ތެރޭގައި ނަތާޝާ އާއި ވަރުން ކައިވެނި ކުރާނެ ކަމުގެ ޚަބަރުތައް ވެސް ވަނީ ފެތުރިފަ އެވެ.

ޝްރައްދާ ބުނި ގޮތުގައި ވަރުންގެ ކައިވެނީގެ ރަސްމިއްޔާތުގައި އެންމެ ގަދަޔަށް ނަށަން ބޭނުންވަނީ އޭނާ އެވެ.
ވީމާ ފޭނުން ކިތަންމެ ބޭނުންވިޔަސް ވަރުން އާއި ޝްރައްދާ އެކަކު އަނެކަކާ ކައިވެނި ކުރުމަކީ ވުމަށް ވުރެ ނުވުން ގާތް ކަމެކެވެ.