ކުޅިވަރު

އެރިކްސަންގެ ކަންތަކުގައި މޮރީނިއޯ ހިތްހަމަނުޖެހިއްޖެ

ޓޮޓެންހަމްގެ މިޑްފީލްޑާ ކްރިސްޓިއަން އެރިކްސަން، ޓްރާންސްފާ ލަސްވެގެން ދިއުމުން ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗް ހޯޒޭ މޮރީނިއޯ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިއްޖެ އެވެ.

މޮރީނިއޯގެ ހިތްހަމަ ނުޖެހުން އަމާޒު ކުރީ އިންޓަ އަށެވެ. އޭނާ ބުނީ އެރިކްސަންގެ ޓްރާންސްފާގެ ކަންކަން ހަމަޖެހެން ޖެހޭނީ އިއްޔެގައި ނޫން ކަމަށެވެ.

ޖަނަވަރީގެ ޓްރާންސްފާ މާކެޓް ނިމެން ހަ ދުވަހަށް ވެފައި ވަނިކޮށް އެރިކްސަން ވަނީ އެފްއޭ ކަޕްގައި ސައުތު ހެމްޓަން އާ ދެކޮޅަށް ނުކުތް ޓީމުގެ ސްކޮޑުގައި ހިމެނިފަ އެވެ. އެހެން ނަމަވެސް 1-1 އެއްވަރުވި މެޗުގައި އޭނާ ލައްވައި ކުޅުވާފައެއް ނުވެ އެވެ.

އިންޓައަށް، އެރިކްސަން ދޫކޮށްލުމަށް ސްޕާސްއިން މިހާރު ވަނީ އެއްބަސްވެފަ އެވެ. އިޓަލީގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އެރިކްސަން މާދަމާ އިންޓަގެ މެޑިކަލް ހައްދާނެ އެވެ. މި ސީޒަން ނިޔަލަށް ޓޮޓެންހަމް އާއެކު އެއްބަސްވުން ހަދާފައިވާ އެރިކްސަން ދޫކޮށްލުމަށް ސްޕާސްއިން އެއްބަސްވީ 20 މިލިއަން ޔޫރޯ އަށެވެ.

"އަހަރެން ބުނަން ބޭނުންވާ ވާހަކަ އަކީ، މިކަހަލަ ކަންކަން ހިނގަންވާނީ ޖެނުއަރީ 25 ދިޔައީމަކަ ނޫނޭ،" މޮރީނިއޮގެ ހިތްހަމަނުޖެހުން އޭނާ ފާޅު ކުރި އެވެ. "މިކަން ޖެނުއަރީ 25 ގައި ހިނގުން މިއީ ޓޮޓެންހަމްގެ މައްސަލައެއް ނޫން."

އޭނާ ބުނީ، މި ޓްރާންސްފާ އެހާ ލަސްވެގެން ދިއުމުގައި ޓޮޓންހަމްގެ ޒިންމާ ނަގަންޖެހޭނީ އެހެން ފަރާތްތަކުން ޒިންމާ ނެގުމަށް ފަހުގައި ކަމަށެވެ.