ކެނެރީފް ރިސޯޓް މޯލްޑިވްސް

ކެނެރީފްގައި ފަތުރުވެރިޔަކު މަރުވެފައި އޮއްވާ ފެނިއްޖެ

އައްޑޫ ސިޓީގެ ހުޅުދޫ ކައިރީ އޮންނަ ކެނެރީފް ރިސޯޓުގައި ޗުއްޓީ ހޭދަ ކުރަމުން އައި ފަތުރުވެރިޔަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

ފުލުހުން ބުނީ ކެނެރީފް ރިސޯޓުގައި އުމުރުން 62 އަހަރުގެ އިޓަލީގެ ފިރިހެނަކު މަރުވެފައިވާ ކަމުގެ މައުލޫމާތު މިއަދު ހެނދުނު ލިބުނު ކަމަށާއި އޭނާގެ ހަށިގަނޑުގެ ބޭރު ފުށުން އެއްވެސް ކަހަލަ އަނިޔާއެއް ފެނިފައި ނުވާ ކަމަށެވެ.

ފަތުރުވެރިޔާ ހަރަކާތް ހުއްޓިފައި އޮއްވާ ފެނުނީ އޭނާ އުޅޭ ކޮޓަރިންނެވެ. އޭގެ ފަހުން ހުޅުމީދޫ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ވެއެވެ.

މަރުވި އެ މީހާގެ ހަށިގަނޑު މޯޗަރީއަށް ލާން ހިތަދުއަށް ފޮނުވުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ކެނެރީފް ރިސޯޓުގައި ފަތުރުވެރިޔަކު މިއަދު މަރުވެފައިވާއިރު، އިއްޔެ ބ. އަތޮޅުގެ ރިސޯޓަކުން ޑައިވިނަށް ދިޔަ ފަތުރުވެރިޔަކު ވެސް ވަނީ ގެނބިގެން މަރުވެފަ އެވެ.