ރަށްރަށަށް އުދައިގެ އަސަރު ކުރުމުގެ ފުރުސަތު ކުޑަ ކަމަށް މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސާވިސް އިން ބުނެފި އެވެ.
މެޓް އޮފީހުން ބުނީ، ރާއްޖޭގެ އެކި ހިސާބުތަކަށް އުދަ އެރުމުގެ ފުރުސަތު ކުޑަ ކަމަށާއި ނަމަވެސް، ދެކުނުގެ ބައެއް ހިސާބުތަކަށް ވާރޭވެހި މޫސުން ގޯސް ވެދާނެ ކަމަށެވެ. މެދު އަތޮޅުތަކުގެ ކަނޑުތައް ގަދަވާނެ ކަމަށާއި އެހެން ސަރަހައްދުތަކުގެ ކަނޑުތައް މަޑުވާނެ ކަމަށް ވެސް މެޓުން ލަފާ ކުރެ އެވެ.
ވޭތުވެދިޔަ ދެތިން ދުވަހު އެކި ވަގުތުތަކުގައި ރާއްޖޭގެ ބައެއް ރަށްރަށައް އުދަ އެރި އެވެ. އަދި ގދ. ތިނަދޫ އަށް ބޯކޮށް ވާރޭ ވެހިފައިވާތީ ފެންހިންދުމުގެ މަސައްކަތް ކޮށްފައި ވެއެވެ.
ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށް ލަފާ ކޮށް މިއަދު 11:00 އާ ހަމައަށް ދެކުނުގެ ބައެއް ހިސާބުތަކަށް މެޓް އޮފީހުން ވަނީ ވައިޓް އެލާޓެއް ނެރެފަ އެވެ.