ވާހަކަ

ދާނޭހެ ޔާދުން ހިތާއޭ

(23 ޖެނުއަރީ 2020 އާ ގުޅޭ)

"ހޭޒަލް... އަހަރެން މިދައްކަނީ އޭނާގެ ވާހަކަ... ދެންމެ މިތަނުން ނުކުމެގެން ދިޔަ އަންހެންކުއްޖާގެ ވާހަކަ" ދާރިއަން ބުންޏެވެ. އިޝްވާގެ ހަރަކާތަށް ހުއްޓުމެއް އައިކަން ދާރިއަން ދެނެގަތެވެ. އިޝްވާ ކިތަންމެ ކުޅަދާނަޔަސް އޭނާއަށް ލިބުނު ސިހުން ނުފޮރުވުނެވެ. އޭނާ ލޮކަރުން ހުޅުވި ވަތްގަނޑު ލައްޕާލައި ދުރަށް ޖެހިލީ ދާރިއަންއާ ދެމެދު ދުރުކަމެއް ބެހެއްޓުމަށެވެ.

"އިޝް..." އިޝްވާގެ ހަމަހިމޭންކަން ދާރިއަންއަށް ކަމަކުނުދިޔައެވެ.

"އިހަށް އިށީންނަންވީނު" އިޝްވާ ސޯފާ ދައްކާލިއެވެ. ޖަވާބު ބޭނުންވެފައި ހުރި ދާރިއަން ނިކަން އަވަހަށް ސޯފާގެ ކޮޅުގައި އިށީދެއްޖެއެވެ. އިޝްވާ އިން ގޮނޑިއާ ވީހާ ވެސް ކައިރިވާނޭހެންނެވެ. އެ ދެމީހުން އެކަކުއަނެކަކަށް ބަލާލިއެވެ. މިފަހަރު ވެސް ވާހަކަދެއްކީ ދާރިއަންއެވެ.

"ހޭޒަލް މިތަނަށް އަންނަނީ ކީއްކުރަން؟" ދާރިއަން އަހާލިއެވެ. އެތަނުން ހޭޒަލް ދުށުމަކީ ދާރިއަން ގަޔާވާކަމެއް ނޫން ކަހަލައެވެ.

"ތި ސުވާލު ތިކުރަނީ އޭގެ ޖަވާބު ދާރިއަންއަށް އެނގިހުރެ" އިޝްވާ ބުންޏެވެ. އޭނާ ފަރުވާތެރިކަމާއެކު ދާރިއަންއަށް ބެލިއެވެ. ދާރިއަންގެ ހިތާއި ސިކުނޑީގައި ހިނގަމުންދާ ޝުޢޫރުތައް އިޝްވާ ލަފާކުރިއެވެ.

"ބުނެބަލަ..." ދާރިއަން ބުންޏެވެ.

"އަހަރެން ބުނުމަކުން ރިއޭލިޓީ ބަދަލެއް ނުވާނެ، އެކަމަކުވެސް ދާރިއަން ބޭނުންވަނީ އަހަރެންގެ ދުލުން ބުނާއަޑުއަހަން... އެހެންނު!... ހޭޒަލްއަކީ އަހަރެންގެ ޕޭޝަންޓެއް... އަހަންނަކީ ކޮންކަހަލަ ޑަކްޓަރެއްކަން ދާރިއަންއަށް އެނގޭނެ" އިޝްވާ ބުންޏެވެ. ސުކޫތުކޮޅަކަށް ހިމޭންކަން ވެރިވިއެވެ. ދާރިއަން ނަޒަރު ތިރިކޮށްލައިގެން އިނީ ފުން ވިސްނުމަކަށް ގެއްލިފައެވެ. އިޝްވާ އިނީ ދާރިއަން ބުނާނެ އެއްޗެއްގެ އިންތިޒާރުގައެވެ.

"ކީއްވެ؟... ހޭޒަލް!... ކިހާ ދުވަހެއްވެއްޖެ؟" ދާރިއަންގެ ހިތުގައި ބަޔާންކުރަންދަތި ރިހުމެއްވިއެވެ.

"އޯލްމޮސްޓް ސިކްސް މަންތްސް" އިޝްވާ ބުނެލިއެވެ.

"އަހަރެމެން ބައްދަލުވެއްޖެ، އޭނާއާއި ލިއަމް ވަރިވެއްޖެކަމަށް ބުނި.... އަހަންނަށް ބުނާނޭ އެއްޗެއް ނޭނގުނު، އިޝްއަށް އެނގޭނެ އަހަރެން އޭނާ ބޭނުންވަރު، އޭނާ މިނިވަންވީތީ އުފާވާންޖެހޭނެ، އަހަންނަށް އޮތް ފުރުޞަތު ބޮޑުވީ... މިހާރު އަހަރެންގެ ހިތުގައި އޮތް އެއްޗެއް އޭނާ ގާތު ބުނެވިދާނެ... އެކަމަކު..." ދައްކަމުންދިޔަ ވާހަކަ ދާރިއަން ހުއްޓާލިއެވެ. އޭނާގެ ނަޒަރު ހުރީ ފައިދަށުގައި އޮތް ކާޕެޓަށް ހުއްޓިފައެވެ.

"ދާރިއަން... ތީ އަމިއްލަ އެދުން ބޮޑުމީހެއްނޫން، އެހެން ހީނުކުރޭ..." ދާރިއަން ވިސްނަނީ ކޮންކަމެއްކަން އެނގިގެން އިޝްވާ ބުނެލި ކަހަލައެވެ.

"ކީއްވެ އެހެން ހީނުކުރަންވީ... އަހަރެން ކިތަންމެ ބޭނުންވިޔަސް ހޭޒަލްގެ ހިތުގައި ލިއަމްގެ މައްޗަށް އޮތް ލޯބި ދުށީން، ގަސްދަކާނުލާ ލިއަމްގެ މައްޗަށް ހިތުގައި ހަސަދަ އުފެދޭ... އަހަންނަށް ހޭޒަލް ލިބުމަށް އަބަދު އެދިއެދި ހުރީން، ހޭޒަލްއާ އަހަންނާ ބައްދަލުވެއްޖެ... އެކަމަކު އެއީ ހޭޒަލްއެއްނޫން... އެއީ މިހާ ދުވަހު އަހަރެން ދުށް ހޭޒަލްއެއްނޫން... އެހެންވިޔަސް އެއީ ހޭޒަލް، އަހަރެން ލިބުމަށް އެދުނު ހޭޒަލް... އަހަރެން ބޭނުންވި އުފާވެރިކަމެއް އެ މޫނަކުން ނުފެނުނު" ދާރިއަން މޮޔައެއްހެން ވާހަކަދެއްކިއެވެ.

"ދާރިއަން..." ދާރިއަން ޖަޒުބާތުގައި ޖެހި ބަލިކަށިވާހެން ހީވެ އިޝްވާ ގޮވާލިއެވެ. ކުރިއަށް ގޮނޑި ދަމާލައި ސޯފާގެ އަތްގަނޑުމަތީ އޮތް ދާރިއަންގެ ކަނާއަތުގައި އިޝްވާ ހިފާލައި އޭނާގެ މޫނުގައި ހިފަހައްޓާލިއެވެ. އިޝްވާއާ ދާރިއަންގެ ނަޒަރު އަމާޒުކުރުވިއެވެ.

"އެ ދެމީހުން ވަރިވީ ކީއްވެ؟..." ދެމީހުންގެ ނަޒަރު ސީދާވީ ހިނދު ކުއްލިއަކަށް ދާރިއަން އަހާލިއެވެ.

"ޕްލީޒް ދާރިއަން... ތިހެން ނޫޅޭ، އެނގެއެއްނު އަހަންނަށް ތި ސުވާލަށް ޖަވާބެއް ނުދެވޭނެކަން، ޓްރައި ޓު އަންޑަސްޓޭންޑް، ދިރިއުޅުމުގައި ދިމާވާ ބޮޑެތި ކަންކަމުން އަރައިގަންނަން ވަގުތު ބޭނުންވާނެ، އެކަކު ކައިރިން ދުރަށް ދާއިރަށް ވަގުތުން އަނެއްމީހާއާ ގުޅުމަކީ ވާނޭކަމެއްނޫން... އެހެން މީހުން ގުޅިފަ އެބަހުރި... އެކަމަކު ގިނަފަހަރަށް އެހެން ކަންތައްކޮށްފަ ހުންނަނީ ކުރީގެ ހަނދާންތަކުން މިންޖުވާނޭ ގޮތެއް ނޭނގިގެން، ވަގުތީ ހައްލެއްކަމަށް ދެކިގެން... ސިކުނޑި ހޭނިފައި ހުންނަކަންކަން ކުއްލިއަކަށް ބަދަލުކުރަން އުޅުމުން ރަނގަޅު ނަތީޖާއެއް ނުނިކުންނާނެ، އެއަށްވެސް ވަގުތު ބޭނުންވާނެ... ނަފްސާނީ ގޮތުން މީހާ ހަމައަކަށް އެޅިގެން ނޫނީ އެއްވެސް ކަމަކާ ކުރިމައްޗެއް ނުލެވޭނެ" ދާރިއަންއަށް އިޝްވާ ވިސްނައިދިނެވެ. ހުރިހާކަމެއް އޭނާ ހާމަނުކުރި ނަމަވެސް ހޭޒަލްއާ މެދު ދާރިއަންގެ ޢަމަލުތައް ބަހައްޓަންވީ ކިހިނެއްކަން އޭނާ ބުނެލީއެވެ. އޭނާ ދެއްކި ވާހަކައާ މެދު ވިސްނައިފި މީހަކަށް އެއްޗެއް އެނގޭނޭހާ ތިލަކޮށެވެ.

"އަހަންނަށް އުނދަގޫވޭ... ހޭޒަލް ދެރަވެފައި ހުންނަތަން ދުށުމަށް، އިޝް!... އަހަރެން އޭނާދެކެ އިންތިހާއަށް ލޯބިވޭ، އެކަމަކު އޭނާގެ އުފާވެރިކަންވަނީ ލިއަމްއާއެކުނަމަ އަހަރެން ދުވަހަކުވެސް އެކަމާ ދެކޮޅެއްނުވާނަން... އައި ޖަސްޓް ވޯންޓް ހާ ޓު ބީ ހެޕީ އަގައިން" ދާރިއަން ބަލާލި ގޮތުން އެ ދެ ލޮލުގައި ޔަގީންކަން ވިއެވެ. އިޝްވާ ބޯޖަހާލިއެވެ.

"އަހަންނަށް އެނގޭ ދާރިއަން ލޯބިވާވަރު، އެކަމަކު ތިކަހަލަ ނިންމުން ނުނިންމާ، ހޭޒަލްގެ އިޙްސާސްތައް އެނގެން މަސައްކަތްކުރޭ، ތި ދެމެދުގައި އޮތް ގުޅުން ބަދަހިވާން ފުރުޞަތުދީ، ހޭޒަލް ނުރުހޭނަމަ ދާރިއަންއަށް އެނގޭނެ... އޭނާއާ ވާހަކަދައްކާ، އަހަރެންގެ ޕޭޝަންޓަކަށް ހޭޒަލްވުމުގެ ކުރީން ހޭޒަލްއާއި ދާރިއަން އެކަކުއަނެކަކަށް އެނގޭ، ދާރިއަންއާ ކަންކަން ޚިއްޞާކުރެވިދާނެކަމުގެ ޔަގީންކަން ހޭޒަލްއަށް ލިބިއްޖެނަމަ އޭނާ ދިރިއުޅުމާމެދު ދެކޭގޮތް ބުނާނެ، ތި ހިތުގައިވީ ލޯބި ޤުރުބާންކުރަންވިޔަސް އޭރުން އެނގޭނެ... ހޭޒަލް ބޭނުންވާ ގޮތް ނޭނގިހުރެ އެއްވެސް ނިންމުމެއްނުނިންމާތި، ޔަގީންނުވެއްޖެނަމަ ސީދާ ހޭޒަލް ގާތު އަހާ... އޭނާ ކޮންމެ ސިފައެއްގައި ވިޔަސް ޖަވާބުދޭނެ..." ދާރިއަންގެ އަތްތިލައިގަ މަޑުމަޑުން އިޝްވާ ޖަހާލިއެވެ.

* * * * *

ރޭގަނޑުގެ ވަގުތެވެ. އެހެންނަމަވެސް އޮފީސްތެރޭގައި ހަރަކާތްތެރިވާ މީހުން މަދެއްނޫނެވެ. ބޮނބިފަޅިމަތީ މީހަކު މަޑުމަޑުން ޖަހާލުމުން ލިއަމް އެނބުރިލިއެވެ. ކައިރީގައި ހުރީ ރަމީޒެވެ. ކޮފީއެއް ބޯލަން ދާން ރަމީޒު ބުންޏެވެ. ނަމަވެސް ލިއަމް ޝައުގުވެރިއެއްނުވިއެވެ.

"ކިހާ ދުވަހެއްޖެ އަހަރެމެން ކޮފީއަކަށް އަރާނުލާތާ، އަހަރެން ދީފާނަމޭ... ހިނގާބަލަ..." ލިއަމް އިން ގޮނޑި މޭޒާ ދުރަށް ރަމީޒު އަނބުރާލިއެވެ. ލިއަމް ތެދުވަން ގަސްދުކުރީ ރަމީޒު ކުރުނުކުރާނޭކަން އެނގޭތީއެވެ. އޭނާ ކުރަން އިން މަސައްކަތް ހުއްޓާލައި ކޮމްޕިއުޓަރު ނިއްވާލިއެވެ.

ދެ މީހުން އެކުގައި ހިނގައިގަތް ވަގުތު އިތުރު ބަޔަކު އެމީހުންނާ ބައިވެރިވެއްޖެއެވެ. އެންމެން އެކުގައި އައިސް އޮފީހުގެ ލިފްޓަށް އެރިއެވެ. އެމީހުންގެ މަންޒިލަކަށްވީ އޮފީހާ ކައިރީގަ ހުންނަ "ޑީވާސް"އެވެ. އެއީ ޢާންމުކޮށް އެތަނުގެ އެންމެން ކަހަލަ ގޮތަކަށް އަރާ ތަނެކެވެ.

ދެ މޭޒު ގުޅުވާލައި ގުރޫޕު އެއްކޮށް އިށީދެއްޖެއެވެ. މަސައްކަތާ ގުޅުން ހުރި ވާހަކަތައް އެމީހުންގެ މެދުގައި ދެކެވެމުންދިޔައެވެ. ކޮންމެ މީހަކު އެމީހަކު ބޭނުން އެއްޗަކަށް އޯޑަރު ދިނެވެ. ލިއަމް ކޮފީގެ ބަދަލުގައި ހޫނު ސައިތަށްޓެއް ގެނައުމުން އެންމެންގެ ސަމާލުކަން އެކަމަށް ހުއްޓުނެވެ.

"ކަލޭ ހާދަ ބަދަލުވެއްޖޭ" ދިމާކުރާ ފަދަ ރާގެއްގައި ރަމީޒު ބުނެލިއެވެ.

"ރޭގަނޑު އެހާ ލަސްކޮށްފައި ކޮފީ ބުއީމަ ނުއެއްނިދޭ" ލިއަމް ބުނެލިއެވެ. އެކަމުގައި ހިސާބެއްގެ ހަޤީޤަތް އެކުލެވިފައި ވިއެވެ. ރޭގަނޑު ނުނިދިފައި އޮންނަ ވަގުތުތަކުގައި ހޭޒަލްގެ ޚިޔާލު ނޫން ޚިޔާލެއް އޭނާއަށް ނުކުރެވެއެވެ. އެ ޚިޔާލުތަކުން ހިތްދަތި އަސަރުތަކެއް ކުރުވައެވެ. ކުރެވުނު ކަންތައްތައް އޭނާގެ ހަނދާނަށް އާދެއެވެ. ކުރެވުނީ މަޢާފު ނުލިބޭނޭވަރު ކުށެއްކަމަކަށް ލިއަމްއަށް ޤަބޫލެއްނުކުރެވެއެވެ. ހަމައެއާއެކު ހޭޒަލްއާ ހުރިހާ ގުޅުމެއް ކެނޑިއްޖެކަން އަދިވެސް ޤަބޫލުކުރަން ލިއަމްގެ ނަފްސު ޖެހިލުންވާކަހަލައެވެ. އޭނާ ޖަޒުބާތާއި އިޙްސާސްތައް އޮޅުންބޮޅުންވެފައިވާ ކަހަލައެވެ. ހުރިހާކަމެއްގެ ތެރެއިން ވެސް އޭނާއަށް ޔަގީންވާ ކަމަކީ ހޭޒަލްނޫން މީހަކު އޭނާގެ ހަޔާތަށް ގެންނަން ބޭނުންނުވާކަމެވެ. އޭނާގެ އަނތްބެއްގެ ގޮތުގައި އިންނަންޖެހޭނެ އަންހެނަކީ ހޭޒަލްކަމެވެ.

"އަދިވެސް ހަމައަކަށް ނޭޅެނީ ދޯ" ވިސްނަން އިނދެފައި ރަމީޒު ބުނެލިއެވެ. ލިއަމް ނަމަކަށް ހިނިތުންވެލިއެވެ. އަދި ބޯޖަހާލިއެވެ.

"އަންހެނުން ނިކަން ގޮތްދޫނުކުރާނެ، މިހާރު ކޮބާތަ؟ ނުވެސް ފެނޭ ދޯ... އަނެއްކާ ރާއްޖޭން ބޭރަށް ކަނޑާލީތަ؟" ރަމީޒު ވާހަކަދެއްކިއެވެ.

"އެބައުޅޭ... އޭނާގެ މަންމަމެން ކައިރީ، އެމީހުން މިކޮޅުގަ އުޅެންޏާ ޒެއްލު ވެސް މިކޮޅުގަ އުޅޭނެ، ރަމީޒު... އަހަރެން އަދިވެސް ބޭނުންވަނީ ޒެއްލުއާ އިންނަން" ލިއަމް މަޑުމަޑުން ބުނެލިއެވެ. މޭޒުދޮށުގައި ދެން ތިބި މީހުންނަށް އަޑުއިއްވަން ބޭނުންނުވާހާ ސިއްރުންނެވެ.

"އެކަމަކު އޭނާ ބޭނުމެއްނޫން ދޯ... ދެން ތިކަން ހުއްޓާލާ، އޭނާ ގޮތްދޫނުކުރަންޏާ އެހާވަރުން އުޅޭނެކަމެއްނެތް، ލިއަމްއަށް އަންހެނުންވާނެ... ތިއުޅެނީ އެކަނިވެގެން، ބިޓެއް ނަގަންވީނު" ރަމީޒު ޚިޔާލެއް ދިނެވެ.

"ނޫން..." ލިއަމްގެ ޖަވާބު ކުރެވެ. އޭނާ އިތުރަކަށް އެ ވާހަކައެއް ނުދެއްކިތާ ރަމީޒަށް ވެސް އެ ފުރުޞަތެއް ނުދިނެވެ.

ޑީވާސް އިން ނިކުތް ގޮތަށް އެނބުރި އޮފީހަށް ދާކަށް ލިއަމް ބޭނުމެއްނުވިއެވެ. އޭރު ބާރަޖަހަން ވެސް ކައިރިވެއްޖެއެވެ. އޮފީހުގެ މަސައްކަތްތައް ކިތަންމެ އިރެއްވިޔަސް ނުނިމޭނެކަން އެނގެއެވެ. އޭނާ ރަމީޒު ގާތު ގެއަށްދާކަން ބުނެލާފައި ހިނގައިގަތީ އުޅަނދުތައް ޕާކުކޮށްފައި ހުރި ދިމާއަށެވެ. އެތަނުން ސައިކަލު ނަގައިގެން ލިއަމް ދުއްވާލިއެވެ. އެހެންނަމަވެސް އޭނާ ގެއަކަށް ނުދިޔައެވެ. ސުނާމީ ބިނާ ހުރިދިމާއަށް އައިސް ލިއަމް ސައިކަލު މަޑުކޮށްލިއެވެ. އެތަނުގައި މަޑުކޮށްލަން ގަސްދުކުރި ނަމަވެސް މީހުން ގިނަވީއެވެ. އެހެންވިޔަސް އިރުކޮޅަކު ސައިކަލުމަތީ އޭނާ އިނެވެ. ތަނުގައި އެއްވެފައި ޒުވާން ގުރޫޕެއް އޮތެވެ. ދެ ޖިންސު މަސްހުނިކޮށެވެ. އެމީހުންގެ ހަރަކާތްތަކަށް ލިއަމްގެ ސަމާލުކަން ހުއްޓިފައިވާ ކަހަލައެވެ. ރަކިހުނުންތަކާއި ސަމާސާގެ ހަރަކާތްތަކާއެކު އަންހެންކުދީންގެ ތޫލި ހަޅޭކުގެ އަޑުއިވިލައެވެ. އެމަންޒަރުން ލިއަމްގެ ހަނދާނަށް ގެނުވީ ހޭޒަލްއެވެ. އެ ޚިޔާލުތަކުގައި އިންދާ އެހިސާބުން ކާރެއްގެ ހެޑްލައިޓުގެ އަލިއެޅިލިއެވެ. ނިވިދިއްލުމާއެކު ބަރުގޮނުގެ އަޑު އިވުނެވެ. ލިއަމް ފަހަތަށް ބަލާލިއެވެ. ހެޑްލައިޓުގެ އަލި ހުރީ ލިއަމްއާ ދިމާއަށެވެ. އެ އަލީގެ ސަބަބުން ކާރުގައި އިން މީހަކު ނުފެނެއެވެ.

* * * * *

"އައި އޯ ޔޫ ވަން..." ކާރުގެ ކުރީ ސީޓަށް އަރައި ދޮރުފަތް ލައްޕާލި އައިކު ބުނެލިއެވެ.

ހުންގާނުގައި ދެއަތުން ހިފަހައްޓާލައިގެން އިން ގޮތަށް ދާރިއަން އިނެވެ. އޭނާއަށް އައިކުގެ އަޑު ނީވޭ ކަހަލައެވެ. ދާރިއަންއަށް ބަލާލުމަށްފަހު އޭނާގެ ނަޒަރު ހުއްޓިފައި ހުރި ދިމާއަށް އައިކު ބަލާލިއެވެ. އޭރު އެމީހުންގެ ކުރިމަތިން ކަހަލަ ގޮތަކަށް ސައިކަލެއް އަނބުރާލަނީއެވެ.

"ދަންނަ މީހަކީތަ؟" އައިކު އަހާލިއެވެ.

"ކޮންތާކަށް ދާންވީ" އައިކު ކުރި ސުވާލަށް ޖަވާބުދޭން ދާރިއަން ބޭނުންނުވީއެވެ.

އެ ކާރަށް އައިކުއާއެކު ދެ އަންހެންކުދީން ވެސް އަރާ ތިއްބެވެ. އެމީހުން ގާތު ދާރިއަންއަކީ ކާކުކަން އައިކު ބުނެދިނެވެ. އަދި އެ ދެ އަންހެންކުދީންނަކީ ކޮންބައެއްކަން ދާރިއަންއަށް އޮޅުންފިލުވައިދިނެވެ. އެ ދެ އަންހެންކުދީން އުޅެނީ ދެ ގެއެއްގައެވެ. އެހެންވެ އެތަނުން ފުރަތަމަ ދާންވީ ކޮންގެއަކަކަށް ކަން ނިންމީ އެ މީހުންނެވެ. ގެ ހުންނަ ހިސާބު ކިޔާދިނުމުން ދާރިއަން ހަމައެކަނި ބޯޖަހާލީއެވެ. އޭނާ އެމީހުންނާ ވާހަކައެއް ނުދައްކައެވެ. އެކަމަށް އައިކުގެ ފަރުވާލެއްނެތް ކަހަލައެވެ. އެ ތިންމީހުންގެ އަޑު ކާރުތެރޭގައި ހަރުލިއެވެ. ނަމަވެސް ދާރިއަން އިނީ އޭނާގެ އަމިއްލަ ޚިޔާލެއްގައެވެ. އޭނާ ކާރު މަޑުކޮށްލި ވަގުތު އެތަނުން ލިއަމް ފެނިދާނޭކަމަށް އޭނާ ހިޔެއްނުކުރެއެވެ. އެހެންވިޔަސް ސައިކަލުމަތީ އިނީ ލިއަމްކަން ދާރިއަންއަށް ޔަގީންވެއެވެ.

ދަތުރުތައް ނިންމާފައި އެންމެފަހުން ދާރިއަންއާއި އައިކުއަށް ގެއަށް އާދެވުނެވެ. ދާރިއަންގެ ހިމޭންކަން އައިކުއަށް ނެގުނީ ނުރުހުމުގެ ސިފައިގައެވެ. ކޮޓަރިއަށް ދިއުމަށް ދާރިއަން ހިނގައިގަން ވަގުތު އޭނާގެ ކޮނޑުގައި އައިކު ހިފެހެއްޓިއެވެ. ކުއްލިއަކަށް އަންނަންބުނީމަ ދާރިއަންއަށް އުނދަގޫވީތޯ އޭނާ ސުވާލުކުރިއެވެ. މަޑުމަޑުން ދެފަރާތަށް ދާރިއަން ބޯހޫރާލިއެވެ. ބޮލުގައި ރިއްސާފަ ހުރިކަން އޭނާ ބުނެލިއެވެ. އައިކު މަޢާފަށް އެދުނެވެ. އަދި ދާރިއަންގެ ދުވަސް މާބުރައީތޯ ސުވާލުކޮށްލިއެވެ. ގިނަ ވާހަކަތަކެއް ދައްކާކަށް ދާރިއަން ބޭނުމެއްނުވިއެވެ.

"އަހަރެން ވަރަށް ވަރުބަލި... ޖައްސާލަން މިދަނީ" ދާރިއަން ބުންޏެވެ. އައިކު ބޯޖަހާލިއެވެ. ދާރިއަންގެ ކޮނޑުން އަތްނެގިއެވެ. އޭނާ ކޮޓަރިއާ ދިމާއަށް ދަންދެން އައިކު ބަލަންހުއްޓެވެ. އޭނާއަށް އެއްގޮތަކަށް ވެސް ދާރިއަންގެ މިޒާޖު ދަހެއްނުވިއެވެ. އޭނާ ބޭނުންވަނީ ކޮންކަމެއްކަން އައިކުއަށް ނޭނގެއެވެ. ކޮއްކޮދެކެ ކިތަންމެހާ ވެސް ލޯބިވެއެވެ. އެކަމަކު ދެމީހުންގެ މިޒާޖު އެދެމެދަށް ހުރަހަކަށް ވާކަހަލައެވެ. ކަމަކަށް ބޭނުންވިޔަސް އައިކުގެ މަދަދަށް ދާރިއަން އެދޭނެކަމާމެދު ޚުދު އައިކުއަށް ޝައްކެވެ.

އެނދަށް ދާރިއަން އެރީ ހަށިގަނޑުގައި ހުރި މިލައެއް ފިލުވާލައި މީހާ ތަޒާވެލައިގެންނެވެ. ހޭވިފައި އޮތް އިސްތަށިގަނޑުގައި ހުރި ތެތްކަމުގެ ސަބަބުން ކޮޓަރީގެ ފިނި އިތުރުވެފައިވާ ކަހަލައެވެ. އޭނާ އަބަދުވެސް ހޭޒަލްގެ ޚިޔާލުކުރެއެވެ. އެކަމަކު މިހާރު މާބޮޑަށެވެ. ލިއަމްއާއި ހޭޒަލް ވަރިވާންޖެހުނު ސަބަބު އެނގެން ދާރިއަން ބޭނުންވެއެވެ. މިރޭ އޭނާއަށް ލިއަމް ފެނުމުން އޭނާއަށް އެއްވެސް ބަދަލެއް އައިސްފައި ހުރިތަނެއް ދާރިއަންއަށް ފާހަގައެއްނުވެއެވެ. އަންހެނުންނާއި ފިރިހެނުން ލިބޭ ހިތްދަތިކަމާ ކުރިމަތިލާ ގޮތް ތަފާތެވެ. ދާރިއަންއަށް ވިސްނުނީ އެހެންނެވެ. އެކަމަކު ހޭޒަލް ނަފްސާނީގޮތުން ބަލިކަށިވެދާނޭ ކުޑަކޮށް ވެސް ދާރިއަން ހިޔެއްނުކުރެއެވެ.

ޚިޔާލުތައް އެއްފަރާތްކޮށްލާ އޭނާ އަރިމަތީ ކަބަޑުގެ މަތީ ބޭއްވި ފޯނު ނެގިއެވެ. ހޭޒަލްއަށް ޑައިލްކޮށްލަން ގުޅާފައިހުރި ނަންބަރުތަކުގެ ލޮގް ހުޅުވާލިއެވެ. އެހެންނަމަވެސް ވަގުތުގެ ގޮތުން ހޭޒަލް ނިދާފަ އޮވެދާނޭ ހީވެ ފުރަތަމަ ޔަގީންކޮށްލަން ބޭނުންވީއެވެ. އެހެންވެ އޭނާ ފޮނުވީ މެސެޖެކެވެ. އެ މެސެޖަށް ޖަވާބެއް ލިބޭތޯ އޮތެވެ.

ބައިގަޑިއިރު ފާއިތުވެ ދިއުމުން ހޭޒަލް ނިދީކަން ނިންމާ އިހު އޮތްތަނުގައި ދާރިއަން ފޯނު ބާއްވާލިއެވެ.

* * * * *

އިރުއަރަން ފަނަރަވަރަކަށް މިނެޓު އެބަހުއްޓެވެ. އެހެންނަމަވެސް ފަތިސް ނަމާދުން ފޭބި ގޮތަށް ހޭޒަލް ހާމަފެންޑާއަށް ނުކުތެވެ. ވަށައިގެންވަނީ ފަޅުކަމެވެ. އަނދިރިކަމެވެ. އެއްފަރާތެއްގައި ވަށް ކޮފީމޭޒަކާއެކު ހުރި ހެއްލޭ ގޮނޑީގެ ތެރެއަށް ހޭޒަލްގެ ހަށިގަނޑު ދޫކޮށްލައިގެން އިނެވެ. ދެފައި ވެސް ގޮނޑިއަށް އަރުވާލައިގެންނެވެ. އޭނާގެ ނަޒަރު ހުރީ ފޯނަށް ހުއްޓިފައެވެ. ދާރިއަން ކޮށްފައި އޮތް މެސެޖު އޭނާ ހުޅުވާލިއެވެ. އެ މެސެޖު ރޭގައި އައީ ހޭޒަލް ހޭލާ އޮއްވައެވެ. އެހެންވިޔަސް އެވަގުތު އެ މެސެޖަށް ޖަވާބު ދޭން ފަސްޖެހުނީއެވެ. ދެ ޚިޔާލެއްގައި އިނދެ ހޭޒަލް ރައްދު ލިޔެލިއެވެ. އެ މެސެޖު ފޮނުވަންވީ ކަމާމެދު ވެސް އޭނާ އެތައްފަހަރަކު ވިސްނިއެވެ. ޔަގީންނުވެފައި އިންހެން މަޑުމަޑުން ކަނާއަތް މައްޗަށް ނަގާލައި ޝަހާދަތް އިނގިލި ގެނެސް "ސެންޑް"ގަ ޖައްސާލިއެވެ. މެސެޖު ދިޔައީކަން އެނގި ހޭޒަލްއަށް ތިރީތުންފަތުގައި ދަތްއަޅާލައި ބާރުކޮށްލެވުނެވެ. އެ މެސެޖު ފޮނުވިތާ ގިނައިރެއްނުވެއެވެ. ހޭޒަލްގެ ފޯނު ރިންގުވާން ފެށުމުން އޭނާ ދިޔައީ ސިއްސައިގެންނެވެ. ފޯނު އަތުން ދޫވެ އެ ހިފަން އުޅެނިކޮށް ގޮނޑިން ނުވެއްޓުނީ ކިރިޔާއެވެ. ވިނައިގެ ކާޕެޓުކޮޅެއް އެ ހިސާބުގައި އަޅާފައި އޮތުމުން ނަސީބަކުން ފޯނަށް ގެއްލުމެއް ނުލިބުނެވެ. ގޮނޑިން ދެފައި ބާލުވައި ހޭޒަލް ތެދުވެ އަވަހަށް ފޯނު ނެގިއެވެ.

"ހެލޯ..." ނުކެރިފައި ހުރެ ހޭޒަލް ވާހަކަދެއްކިއެވެ.

"ހާއި... ރޭގަ ނިދާފަ އޮއްވަދޯ މެސެޖުކުރެވުނީ" ދާރިއަންގެ އަޑުގައި ހުރީ ކުރީން ވެސް ހުންނަ ގާތްކަމެވެ. ހިސާބަކަށް އެކަމާ ހޭޒަލް ހައިރާންވިއެވެ.

"މިގަޑީގަ ހޭލާއުޅޭނެކަމަކަށް ހިޔެއްނުކުރަން" ރޭގަ ދާރިއަން މެސެޖުކުރިއިރު ހޭޒަލް ނުނިދާކަން އޮތީ ބުނުމުގެ ބަދަލުގައި ހޭޒަލް ވާހަކަ ބަދަލުކޮށްލީއެވެ.

"ފަތިސް ނަމާދުކުރާގޮތަށް ހޭލާ އުޅޭނީ، ހޭޒަލް ކީއްކުރަނީ" ދާރިއަންގެ އަޑުން އޭނާ އެ ހުރީ ހަމަޖެހިފައިކަން ހޭޒަލްއަށް އިޙްސާސް ކުރެވުނެވެ. ޚާއްޞަކޮށް ދާރިއަން ދިން ޖަވާބު ހޭޒަލްއަށް ކަމުދިޔައެވެ. އޭނާއާ ވާހަކަދައްކަން ހިތްވަރު ލިބުނު ސަބަބެކެވެ.

"އަހަރެން ވެސް އިރުއަރަންދެން ޓެރެސްގައި މަޑުކޮށްލައިގެން މީނީ" ހޭޒަލް ބުނެލިއެވެ. އެއާއެކު ކުރީން ދުވަހު ދާރިއަންއަށް ކަންތައްކުރެވުނު ގޮތުން އެކަމާ އޭނާ މަޢާފަށް އެދުނެވެ. އޭނާއަށް ލިބުނީ ވަރަށް ބޮޑު ސިހުމެއްކަން ބުންޏެވެ. އެހެންވިޔަސް އެވަރުގެ ކަމަކާ ހޭޒަލް ސަމާސާނުކުރާނޭކަން ދާރިއަންއަށް އެނގެއެވެ. ހޭޒަލްއާ ސުވާލެއްކުރުމުން އޭނާއަށް އެކަމުން ތަކުލީފެއް ލިބެން ދާރިއަން ނޭދެއެވެ. އެ ސުވާލަށް ޖަވާބު ދިނުމުގެ ތެރެއިން ވެސް ހޭޒަލްގެ ހިތުގައި ޖެހެން އޭނާ ނޭދޭކަން ހާމަކުރިއެވެ. ހޭޒަލްގެ ހިތްހަމަޖައްސައިދޭން އުޅޭ މީހަކަށްވުރެ ދާރިއަންގެ ވާހަކަތަކުގައި ހުރި ތެދުވެރިކަމެވެ. އޭނާގެ އަމިއްލަ އިޙްސާސްތައް ފާޅުކުރާ ކަހަލައެވެ. އެގޮތް ހޭޒަލްއަށް ކަމުދިޔައެވެ.

ދުވަސްތަކަކަށްފަހު މީހަކާ އެންމެ ގިނައިރު ވަންދެން ހޭޒަލްދެއްކި ފަހަރެވެ. ދާރިއަންގެ ހުންނަގޮތުން އަޑުވީއްލާ ހީނ ނުހެދިޔަސް އޭނާއަށް ހިނިތުންވެވުނެވެ. ހޭޒަލްއަށް މާގިނަ ވާހަކައެއް ދައްކާކަށް ނުވެސް ޖައްސައެވެ. އޭނާ ދާރިއަންގެ ވާހަކަތަކަށް އާނހޫންއެއް ލައްވާލިޔަސް ދާރިއަންއަށް ފުދުނެވެ.

ހޭޒަލް ނުފެނުމުން ރިޒްވާނާއި ސާއިރާއަށް ވެސް ސިހުމެއް ލިބުނެވެ. ކަންބޮޑުވެ ހާސްވާގޮތްވިއެވެ. ކޮޓަރިއާއި ފާޚާނާ ބެލުމަށްފަހު އެޕާޓްމެންޓުގެ ދެފަރާތުގައި ހުރި ބެލްކަނި ބެލިއެވެ. އެވަގުތު ހާމަފެންޑާގަ އިނދެދާނޭ ބުނީ ރިޒްވާނެވެ. ދެމަފިރިންނަށް އެ ދިމާއަށް ދެވުނީ ދުވެފައި ކަހަލަ ގޮތަކަށެވެ. އަޖައިބުވާ ފަދަ ހައިރާންކަމެއް އެ ދެ މީހުންނަށް ލިބުނެވެ. ހެއްލޭ ގޮނޑީގައި އިން ހޭޒަލްގެ ކަންފަތުގައި ފޯނު ޖައްސާލާފައިވީއިރު އެ މޫނުން ފާޅުވޭވޭ ހުރި ހިނިތުންވުން މުޅިމީހާއަށް ދިރުން ގެނުވާފައިވާ ކަހަލައެވެ. ސާއިރާއާއި ރިޒްވާނަށް އެކަކުއަނެކަކަށް ބަލާލެވުނެވެ.

"ޒެއްލުގެ ބަލި ބޮޑުވީތަ ނޫނީ ހާމަ އޭނީ ފޯނެއްގަތަ؟" ސާއިރާއަށް އަހާލެވުނީ ވައިއަޑުން ސިއްރުންނެވެ. އެމީހުންގެ ހިލަމެއް ހޭޒަލްއަށް ވާން ނޭދޭ ކަހަލައެވެ.

"މިހާރު ކުރިއަށްވުރެ މާބޮޑަށް ވެސް ރަނގަޅު... އަލްހަމްދުﷲ!... ދެން ނުވާނެ ގޯހެއް، އަހަރެމެން ވެސް ޕޮޒިޓިވްވެގެން ޒެލްއަށް ކުރިއަށް ދެވޭނީ" ރިޒްވާނު ބުންޏެވެ.

"މިހާ ހެނދުނާ... ކާކާ އޭނާ ވާހަކަދައްކަންހުންނާނީ" ސާއިރާއަށް ދެން ވެސް ކުރެވުނީ ސުވާލެކެވެ.

(ނުނިމޭ)