ކުޅިވަރު

ނިއުކާސަލް ގަންނަން ޕްރިންސް މުހައްމަދު ހުށަހަޅުއްވައިފި

އިނގިރޭސި ޕްރިމިއާ ލީގްގެ ކުލަބު ނިއުކާސަލް ޔުނައިޓެޑް ގަންނަން ސައުދީ އަރަބިއްޔާގެ ވަލީއަހްދު މުހައްމަދު ބިން ސަލްމާން ހުށަހަޅުއްވައިފި އެވެ.

ސަލްމާން ވަނީ، ކުރިން މެންޗެސްޓާ ޔުނައިޓެޑް ގަތުމަށް ވެސް ހުށަހަޅުއްވާފަ އެވެ. އެހެން ނަމަވެސް އެ ކުލަބު ވިއްކާލުމުގެ އެއްވެސް ވިސްނުމެއް ޔުނައިޓެޑުން ނުގެންގުޅެ އެވެ. ނިއުކާސަލްގެ ވެރިޔާ އަދި އިނގިރޭސި ވިލާތުގެ ބިލިއަނަރު މައިކް އެޝްލީގެ ކުލަބު ގަންނަން މުހައްމަދު ބިން ސަލްމާން އިސްވެ ހުންނަވާ ވިޔަފާރިވެރިންގެ ގުރޫޕުން ހުށަހަޅަނީ 445 މިލިއަން ޑޮލަރެވެ.

ވޯލް ސްޓްރީޓް ޖާނަލްގައި ބުނެފައި ވަނީ ސައުދީ ސޮވްރިން ފަންޑުގެ ފަރާތްތަކާ ނިއުކާސަލްއިން ވާހަކަ ދައްކަމުން އަންނަ ކަމަށެވެ. މުހައްމަދު ބިން ސަލްމާން ހުށަހަޅުއްވާފައިވާ ބިޑަށް އިނގިރޭސި ވިލާތުގެ އަންހެން ވިޔާފާރިވެރިޔާ އަމަންޑާ ސްޓޭވްލީ ވެސް ހިއްސާވާ ކަމަށް އެ ނޫހުގައި ބުނެފައި ވެއެވެ.

ނިއުކާސަލް ގަތުމަށް މީގެ ކުރިން ބައެއް މަހުޖަނުން ވަނީ މަސައްކަތް ކޮށްފަ އެވެ. ނަމަވެސް މައިކް އެޝްލީ ކުރިން ވިދާޅުވެފައި ވަނީ ނިއުކާސަލް ވިއްކާލާނީ ބޮޑު އިންވެސްޓްމެންޓެއް ކޮށް ކުލަބުގެ ފެންވަރު މަތި ކުރުމަށް ހުށަހަޅާ ފަރާތަކަށް ކަމަށެވެ. ސައުދީން ހުށަހެޅި ހުށަހެޅުމަށް ފަހަރެއްގައި އޭނާ ދީލާލުން އެކަށީގެންވެ އެވެ.

ނިއުކާސަލް ގަންނަން ސައުދީން ހުށަހަޅަނީ ކުޅިވަރާއި މުނިފޫހިފިލުވުމުގެ ތެރެއިން އެ ގައުމާ މެދު އެހެން ގައުމުތަކުން ދެކޭ ގޮތް ބަދަލު ކުރުވުމަށެވެ. ގޮލްފް އާއި ބޮކްސިން ސައުދީގެ ތައާރަފްކޮށް ސައުދީ ވަނީ ކުޅިވަރަށް އާންމުކޮށް ހުޅުވާލާފަ އެވެ.