ރާއްޖޭގެ ތާރީހުގައި ދެވަނަ ފަހަރަށް ސަރަހައްދުގެ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ކަމަށްވާ ސާފް ސުޒުކީ ކަޕް ކާމިޔާބު ކޮށްގެން 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ދިވެހި ގައުމީ ފުޓުބޯޅަ ޓީމު ރާއްޖެ އައި ދުވަހަކީ ދިވެހިންނަށް ފަހުރުވެރި ދުވަހެކެވެ. ހަމަ އެ ދުވަސް ވީ އެހެން ގޮތަކުން ވެސް ދިވެހިން ފަހުރުވެރިކޮށްލި ދުވަހަކަށެވެ. އެ ދުވަހުގެ ފަހުރުވެރި ގައުމީ ޓީމު ރާއްޖެއަށް ދަތުރުކުރި އިއްތިހާދު އެއާވޭސްގެ އޭ380 މަރުކާގެ ގެ ބިޔަ މަތިންދާބޯޓުގެ ހުންގާނުގައި އިނީ ދިވެހި ޕައިލެޓެކެވެ. އެ ދުވަހު ވެލާނާ އެއާޕޯޓުގެ އާ ރަންވޭއަށް ކާމިޔާބު ކަމާއެކު ޖެއްސި ފްލައިޓް ޖައްސަން އިނީ އަލީ އަހުސަން އެވެ. ދިވެހީންގެ ފަހުރުވެރި ދަރި އެކެވެ.
އިއްތިހާދު އެއާވޭސް ފަދަ ދުނިޔޭގެ އެންމެ ބޮޑު އެއް އެއާލައިނުގައި، އެންމެ ބިޔަ މަތިންދާބޯޓު ދުއްވޭފަދަ ގާބިލު ކަމާއި ހުނަރު އަހުސަން ފަދަ ދިވެހި ދަރިއަކަށް ލިބިގެންވާކަން އެ ދުވަހު މުޅި ރާއްޖެއަށް ފެނިގެންދިޔަ އެވެ. އަދި ރާއްޖޭގެ ތާރީހުގައި އޭ380 މަތީންދާ ބޯޓްު ޖެއްސޭ ވަރުގެ ރަންވޭއެއް އަޅައި އެ ބޯޓް ޖެއްސި ދުވަހަށް ވިއެވެ.
އެކަން އެހެން އޮއްވާ މިހާރުގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ދެއްކެވި ވާހަކަފުޅަކަށް ދިވެހިންގެ ސަމާލުކަން ހުއްޓި، ފާޑުކިޔުމުގެ ބަސްތައް އޮހިގެން ދިޔައީ އަހުސަން ފަދަ އެތަކެއް ގާބިލު ދިވެހި ދަރީންނެއް ހިމެނޭ ގޮތަށް ވައިގެ ތެރޭގައި އުދުއްސަމުން ގެންދާ ދިވެހިންގެ ފަހުރާ ގުޅުވައިގެންނެވެ.
އަމިއްލައަށް ހެލިކޮޕްޓަރެއް ނުހިންގޭނެ؟
އަބަދުވެސް އެމްޑީޕީގެ ވެރިކަމާއެކު ރާއްޖެއަށް "އަތްގަދަ" ކުރާ އިންޑިއާ އާއި ރާއްޖެއާ ދެމެދު ހެދި އެގްރިމަންޓެއްގެ ދަށުން، 2010 ވަނަ އަހަރު އިންޑިއާއިން ރާއްޖެއަށް ގެނައި ދެ ހެލިކޮޕްޓަރު މިހާރު ރާއްޖޭގެ ސިޔާދަތީ މިނިވަންކަމާއި އިސްތިގުލާލާ ގުޅިފައިވާ ގައުމީ މައްސަލައަކަށް ވެފައި ވެއެވެ.
ދެކުނުގެ އައްޑު އަތޮޅާއި ލ. އަތޮޅުގައި އޮންނަ އިންޑިއާގެ ދެ ހެލިކަޕްޓަރު 2018 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އަނބުރާ ގެންދަން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެންގި އެވެ. އަދި އެއާއެކު އެ ހެލިކޮޕްޓަރުތައް އޮޕަރޭޓު ކުރާ އިންޑިޔާ ސިފައިން ވެސް ރާއްޖެއިން ފައިބައިގެން ދިއުމަށް ރައީސް ޔާމީންގެ ސަރުކާރުން އޭރު އެންގި އެވެ. ނަމަވެސް، އެކި ބަހަނާތަކާއެކު އެ ހެލިކޮޕްޓަރުތައް އަނބުރާ ގެންދަން އިންޑިއާއަކުން އެއްބަހެއްނުވި އެވެ. އޭރުގެ ސަރުކާރަށް ވެސް އެ "ހަދިޔާ" އަނބުރާ ދެވޭނެގޮތެއް ވެސް އެކި ފަހަރު މަތިން މަސައްކަތްކޮށްގެން ވެސް ނުވި އެވެ. އިންޑިޔާގެ ސިފައިން ރާއްޖެއިން ފައިބައިގެނެއް ވެސް ނުމެދިޔަ އެވެ. -- އެއީ ދިވެހިންނަށް ފާވެފައި އޮތް ބ....ރ ކަމަކަށް މިހާރު ވެފައި ވެއެވެ.
އެހެން އޮތް ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރާ ހަމައިން، ކުރިން އިންޑިއާ އާއެކު ހީނަރުވެފައިވާ ގުޅުން ވަރަށް ބޮޑުތަނުން ބަދަހިވެ، އެ ދެ ހެލިކޮޕްޓަރާގުޅޭ އެއްބަސްވުން އަލުން އާ ކުރީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެވެ. އޭގެ ފަހުން، އެ ހެލިކޮޕްޓަރުތަކާ ގުޅުވައިގެން ތަފާތު ގިނަ ތުހުމަތުތައް ރައީސް ސޯލިހުގެ ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.
އޭގެ އެންމެ ބޮޑު ކަންބޮޑުވުމެއް ގުޅިފައި ވަނީ، އެ ހެލިކޮޕްޓަރުތަކާއެކު ދިވެހި ފަސްގަނޑުގައި "ތިބެން ލާޒިމް" އިންޑިއާގެ ސިފައިންގެ އަދަދެވެ. މީގެ ކުރިން އެކި ފަހަރުމަތިން އާންމުވި މައުލޫމާތުތަކުން އެނގިފައިވާ ގޮތުގައި ކޮންމެ ހެލިކޮޕްޓަރަކާ އެކު ޓެކްނީޝަނުންގެ ގޮތުގައި 40 އާއި 50 އާ ދެމެދު ގެ އަދަދަކަށް އިންޑިއާ ސިފައިން ތިބެ އެވެ. އެކަމަކު އެ އަދަދުވެސް ރަސްމީ ސިފައެއްގައި އަދި މިހާތަނަށް ހާމަ ކޮށްފައެއް ނުވެ އެވެ. ރައީސް ޔާމީންގެ ސަރުކާރުން ވެސް ކަންބޮޑުވީ އެކަމާހެދިކަން އެނގިފައިވެ އެވެ. އެނގިފައިވާ ގޮތުގައި އެ އަދަދަު މިހާރު ވަނީ ތިން ނަމްބަރުގެ އަދަދަކަށް ބަދަލުވެ އައްޑޫ އާއި ލާމު ނޫން ސަރަހައްދުތަކަށް ވެސް ޑިޕްލޯއިވެފަ އެވެ. -- އެނޫން ކަމަށް ވަންޏާ ސަރުކާރުން މީގެ ހަގީގަތް ހާމަ ކުރާނެ އެވެ. މިއީ ގައުމީ ސިޔާދަތީ މައްސަލައެކެވެ.
ދެ ދުވަހެއް ކުރީން ޓީވީ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ރާއްޖޭގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އަނެއްކާވެސް ވަނީ އިންޑިއާގެ ހެލިކޮޕްޓަރުތަކުގެ ވާހަކަ ދިފާއު ކުރައްވާފަ އެވެ.
އެންމެން ފިލާ ރައްކާވެގެން ދިޔައަސް ރާއްޖޭ ދިފާއު ކުރުމުގައި ސާބިތުވެ ހުންނަވަން ޖެހިވަޑައިގަންނަވާ، ރާއްޖޭގެ ދިފާއުގެ ވެރިޔާ، މާރިޔާ ވިދާޅުވާ ގޮތުގައި އިންޑިއާ އިން ހަދިޔާ ކުރި ހެލިކޮޕްޓަރުތަކުގެ ސަބަބުން ދިވެހިންނަށް އެއްވެސް ގެއްލުމެއް ނުލިބެ އެވެ. ދިވެހިންނަށް އެ ހެލިކޮޕްޓަރުތަކުގެ ސަބަބުން ލިބެނީ ވަރަށް ބޮޑު މަންފާއަކާ ފައިދާއެކެވެ. އެ ހެލިކޮޕްޓަރުތައް ބޭނުން ކުރާނީ ގެއްލޭ މީހުން ހޯދާށާއި ބަލި މީހުން އުފުލުން ފަދަ އިންސާނީ ހިދުމަތްތަކަކަށެވެ.
"ރާއްޖޭ ބޮޑު ބަޔަކީ ކަނޑުގެ ސަރަހައްދު، އެހެން އޮންނައިރު އެމަޖެންސީގައި ބަލި މީހުން އުފުލަން ޖެހޭ ފަހަރު ވެސް އާދޭ، އަދި މީހުން ގެއްލިގެން ހިންގާ ސާޗު އޮޕަރޭޝަންތަކުގައި ވެސް މި ބޭނުން ކުރަނީ މި ހެލިކޮޕްޓަރުތައް، މިފަދަ ހިދުމަތްތައް ލިބެނުްދާއިރު ސިޔާސީ ބޭނުމަކަށް އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކާ މެދު ހިތާމަ ކުރަން،" މާރިޔާ ވިދާޅުވި އެވެ.
ނަމަވެސް، މީގެ ކުރިން ސަރުކާރުން ނުދައްކާ ބަހަނާއެއްގެ ވާހަކަ މާރިޔާ މިހާރު އެބަ ވިދާޅުވެ އެވެ.
ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ އިންސާނީ ބައެއް ހިދުމަތްތައް ދިނުމުގެ ގޮތުން މިހާރު އިންޑިއާއިން ދީފައިވާ ހެލިކޮޕްޓަރުތައް ބޭނުން ކުރަމުންދާއިރު، އެފަދަ ބޭނުމަށް ދިވެހި ދައުލަތުގެ ހަރަދުގައި ހެލިކޮޕްޓަރުތަކެއް ހޯދައި ހިންގުމުގެ މާލީ މުއްސަނދިކަން ދިވެހި ދައުލަތުގައި ނެތް ވާހަކަ އެވެ. މިއީ ހައިރާން ކުރުވަނިވި ވާހަކަ އެވެ. އަމުދުން މޮހޮނަށް އޮޑި ދޭހެން އިންޑިއާއިން ރާއްޖެއަށް ގެނެސްގެން އެމީހުންގެ ޖާސޫސީ ބޭނުންތަކަށް ބޭނުން ކުރަމުން އަންނަ ދެ ލައިޓް ހެލިކޮޕްޓަރު -- އިންޑިއާއިން ފަހުރިވެރިވާ އެލްއެޗް -- ދިވެންގެ ގައުމީ މައްސަލައަކަށް ވެފައި ވަނިކޮށް އެކަން ދިފާއު ކުރަން މާރިއާ މިފަދަ ވާހަކަފުޅެއް ދެއްކެވުމުން އޮތް ހައިރާންކަން މާ ބޮޑެވެ.
އިންޑިއާ އިން ދޭ ހަދިޔާގައި ފަހަތަށް "ވާގަނޑެއް"
ރާއްޖެ ހިފިދާނެ ކަމަށް ދޭހަވާ ގޮތަށް ކުރިން ވާހަކަފުޅު ދައްކަވާފައިވާ ޑިފެންސް މިސްޓަރުގެ ވާހަކަތަކާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ސަރުކާރަށް ވަރަށް ފާޑު ކިޔަމުންނެވެ. އެ ފާޑުކިޔުންތައް އެމްޑީޕީގެ އެކްޓިވިސްޓުންގެ ކިބައިން ވެސް އާދެ އެވެ.
ހެލިކޮޕްޓަރު މައްސަލާގައި، އަބަދުވެސް ކަންބޮޑުވުން ފާޅު ކުރައްވާ، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވި ގޮތުގައި، ރާއްޖެއަކީ ހެލިކޮޕްޓަރެއް ބަލަހައްޓައި، އުދުއްސާނެ ގާބިލުކަންނެތް ދައުލަތެއް ނޫނެވެ.
އަދި ޑިފެންސް މިނިސްޓަރުގެ ހައިސިއްޔަތުން ރާއްޖެ އެހާ ނިކަމެތި ގޮތަކަށް ސިފަ ކުރުމުން، މާރިޔާ އެ މަގާމުން އިސްތިއުފާ ދެއްވަންޖެހި ވަޑައިގަންނަވާނެ އެވެ.
އަވަސް މައުލޫމާތު ލިބިފައިވާ ގޮތުގައި، އެލްއެޗް ހެލިކޮޕްޓަރުތަކަށް އަޅާ ތެލުގެ ހަރަދު ދެނީ އިންޑިއާ އިންނެވެ. ނަމަވެސް، އެ ބަލަހައްޓަން ތިބޭ އިންޑިއާ ސިފައިންގެ ހުރުމާއި ކެއުމުގެ ހަރަދުގައި ހިފަންޖެހެނީ ރާއްޖެއިންނެވެ. އެހެންކަމުން، "ހިލޭ" ލިބިފައިވާ ހެލިކޮޕްޓަރުތަކެއް އޮޕަރޭޓް ކުރަން، މާލީ ގާބިލުކަން ނެތިގެން ރާއްޖެއަށް ނުކުރެވިގެން އުޅެނީ ކޮން ހަރަދެއްތޯ އެއީ ދިވެހި ރައްޔިތުން އުފައްދަވާ ސުވާލެކެވެ.
އުމަރު ވިދާޅުވި ގޮތުގައި، ހެލިކޮޕްޓަރުތައް އޮޕަރޭޓް ކުރުމުގެ ނަމުގައި، އިންޑިއާއިން ވަނީ ރާއްޖޭގައި ދާއިމީކޮށް އެ ގައުމުގެ ސިފައިން ބޭތިއްބޭނެ މަގެއް ރަނގަޅަށް ހޯދައިފަ އެވެ.
"އަޅުގަނޑު ދަންނަވާނީ ވަލު ދޮރޯށިން ވަދެއޭ އެ ތިބީ. ހާޑްވެއާއާއެކު އިންޑިއާ ސިފައިން އެތިބީ ދިވެހި ފަސްގަނޑުގައި،" އުމަރު ވިދާޅުވި އެވެ.
ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވެސް ވިދާޅުވި ގޮތުގައި ހެލިކޮޕްޓަރެއް އަދި ހެލިކޮޕްޓަރުތަކެއް ހިމެނޭ އެއާ ވިންގެއް މެނޭޖުކުރުމުގެ ގާބިލުކަން ރާއްޖޭގައި ހުންނާނެ އެވެ.
"މިހާރު މިކުރާ ހަރަދުތަކަށް ބަލާއިރު ހެލިކޮޕްޓަރެއް މެނޭޖު ނުކުރެވިއެއް ނުހުންނާނެ. އެކަން އަސްކަރިއްޔާގެ ތެރެއިން ކުރެވޭނެ. ހަރަދުތައް ނުކަތައިގެން އުޅޭކަށް ނުޖެހޭނެ،" މިހާރު ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު ތަކުރާރު ކުރެއްވި އެވެ.
ޝަރީފާއި އުމަރު ވެސް ހިއްސާ ކުރެއްވީ ހާއްސަކޮށް ސޯޝަލް މީޑިޔާގައި އާންމުންގެ ތެރެއިން ގިނަ ބަޔަކު ވެސް ފާޅު ކުރަމުންދާ ޝުއޫރުތަކެވެ. މުޅި ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ފްލީޓް އޮޕަރޭޓްކުރާ ގައުމެއްގައި، ހެލިކޮޕްޓަރެއް އުދުއްސޭނެ ޕައިލެޓެއް ތަމްރީން ނުކުރެވިގެން އުޅުމަކީ ބަލައިގަންނަން ދަތި ވާހަކައަކަށް ވުރެ ބޮޑު ޖޯކެކެވެ.
އިންޑިއާ އާއެކު ސޮއި ކުރި އެއްބަސްވުމުގައި ވެސް، ހެލިކޮޕްޓަރު އޮޕަރޭޓް ކުރާނެ ދިވެހި ޕައިލެޓުން ތަމްރީން ކުރާ ވާހަކަ ހިމަނައިފައި އޮވެއެވެ. ނަމަވެސް އެ އެއްބަސްވުމަށް 10 އަހަރުވެފައިވާއިރު، ހެލިކޮޕްޓަރެއްގެ ހުންގާނުގައި ހިފޭނެ ދިވެއްސެއް ތަމްރީން ނުކުރެވުމަކީ ގިނަ ބަޔަކު އުފައްދަމުންދާ ސުވާލެވެ. މިއީ ދޮގަކަށް ވަންޏާ ނިކަން އެގްރިމެންޓް ނޫސްވެރިންނަށް ދައްކާލައި ބަލާށެވެ.
ޝަރީފް ވިދާޅުވި ގޮތުގައި ރާއްޖޭގެ އަސްކަރިއްޔާގެ ރޭވުންތެރި ކަމާއި ޕްލޭން އޮންނަން ޖެހޭނީ އެ ހެލިކޮޕްޓަރުތައް ދިވެހި ސިފައިންގެ ތެރޭގައި ދިވެހިންނަށް އެކަނި ހިންގޭނެ ގޮތަށެވެ.
"އަބަދު ބައެއްގެ އަތުގައި އެކަން ބޭއްވުމުގެ ބަދަލުގައި ދިވެހި އަސްކަރިއްޔާއަށް ހެލިކޮޕްޓަރު ދުއްވަން ދަސްކޮށްދިނުމަށް މަސައްކަތް ކުރުން. ރައީސް ޔާމީންގެ ސަރުކާރުގައި އަޅުގަނޑު ހަވާލުވިއިރު މަސައްކަތް ކުރީ އެކަން ކުރުމަށް،" އޭނާ އިތުރަށް ވިދާޅުވި އެވެ.
ހެލިކޮޕްޓަރުތައް ދިވެހިންގެ އަތްމައްޗަށް ދޫނު ކޮށްލެވިގެން އުޅޭ އުޅުން އުމަރު ސިފަ ކުރެއްވީ އެހެން ގޮތަކަށެވެ. އޭނާ ތުހުމަތު ކުރެއްވި ގޮތުގައި، އިންޑިއާއިން އަބަދުވެސް ދޭ ކޮންމެ އެހީއެއްގައި ފަހަތުގައި "ވާގަނޑެއް" ޖަހާފައި އޮވެ އެވެ.
"ރައީސް މައުމޫންގެ ދައުރުގައި އިންޑިއާއިން ކޯސްޓްގާޑު އުޅަނދުތަކެއް ހަދިޔާ ކުރިއިރު އެ އޮޕަރޭޓް ކުރަން ހަމަ މިގޮތަށް އިންޑިއާ ސިފައިން ބައިތިއްބަން ޝަރުތުކުރި. އެކަމަކު އޭރު އެ ގޮތަށް އެއްބަސް ނުވީމާ، ދެން ބުނީ އެ ބަލަހައްޓަން އިންޖިނިއަރުން ބައިތިއްބާ ވާހަކަ. ދެން ފްލެޓެއް ހިފާފައި އެ އިންޖިނިއަރުން ބޭތިއްބީ. އެކަމަކު އެމީހުން ކޯސްޓްގާޑު އުޅަނދުތަކަށް އަރަން ވެސް ނުދޭ،" އުމަރު ވިދާޅުވި އެވެ.
އިންޑިއާގެ އެހީގެ ދަށުން އައިޖީއެމްއެޗް އަޅައިދިނުމަށް ފަހު ވެސް، އިންޑިއާގެ ޑޮކްޓަރުންނާއި ނަރުހުން ތިބޭ ގޮތަށް ޝަރުތު ކުރިކަމީ ވެސް ފެންނާން އޮތް ހަގީގަތެކެވެ.
"ތާރީހަށް ބަލައިލި ނަމަވެސް، އިންޑިއާއިން ރާއްޖެއަށް އެހީއެއް ދީފިނަމަ، އޭގެ ފަހަތަށް އޮންނާނެ ވާގަނޑެއް ޖަހާ ބާލާފައި،" އުމަރު ވިދާޅުވި އެވެ.
މުޅީން އެހެން ކަމެއް؟
ހާރިޖީ ދާއިރާގައި ގިނަ އަހަރުތަކެއް ހިދުމަތް ކުރެއްވި ބޭފުޅަކު ނަން ނުޖެހުމަށް އެދި ވަޑައިގެން ވިދާޅުވި ގޮތުގައި، ހެލިކޮޕްޓަރުތަކުގެ ބޭނުން ރާއްޖެއާ އެއް މިންވަރަކަށް އިންޑިއާއަށް ވެސް ބޮޑެވެ. އަދި ކިތަންމެ ކުޑަ ނަމަވެސް، އިންޑިއާގެ "މިލިޓަރީ ޕްރެސެންސް" އެއް ރާއްޖޭގައި ބޭއްވޭނެ ހަމައެކަނި މަގަކީ އެ ހެލިކޮޕްޓަރުތައް ރާއްޖޭގެ ސަރަހައްދުގައި އެ މީހުން ތިބެގެން އުދުއްސުމެވެ.
އޭނާ ވިދާޅުވި ގޮތުގައި، އެ ހެލިކޮޕްޓަރުތައް އުދުއްސައި، ބަލަހައްޓާނެ ދިވެހިން ތަމްރީން "ނުވެގެން" އުޅެނީ އެ ސަބަބާ ހެދި އެވެ. ދިވެހިން ތަމްރީންވާ ހިސާބުން، އިންޑިއާ ސިފައިންގެ ބަޔަކު ރާއްޖޭގައި ތިބޭނެ ސަބަބު ނެތިގެން ދާނެތީ އެވެ.
"މިސާލަކަށް ދަންނަވަންޏާ، އަޅުގަނޑުމެން މީހަކަށް ހަދިޔާއެއް ދިނީމާ، އެ ބޭނުމެއް ނެތޭ ގެންދާށޭ ބުނީމާ، އަޅުގަނޑުމެން މޫނު ހަދާލާފައި އެ ހިފައިގެން ދާނީ ނޫންތޯ. އެކަމަކު އިންޑިއާއިން ދިން މި ހަދިޔާ ނުވެސް ގެންދިޔަ އަދި އެ މީހުން ނުލައި އޭގެ ބޭނުމެއް ކުރެވޭ ކަމަކަށް ވެސް ނުވޭ،" އޭނާ ފާހަގަ ކުރެއްވި އެވެ.